08 ޖުލައި 2018 - 11:02

މާޒިޔާ އަށް މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ގެ އަތް ބިންދައިގެން ގޮސް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.
އޭނާގެ އަތަށް އަނިޔާވީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ އަންގާރަ ދުވަހު ފ. ނިލަންދޫ އަތުން މާޒިޔާ 7-0 އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގަ އެވެ. އީސަގެ ބަދަލުގައި މާޒިޔާ އިން އެ މެޗުގައި ކުޅެން އެރުވީ ނާއިޒު ހަސަން (ދާދު) އެވެ.
މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި އީސަގެ އޮޕަރޭޝަން ކޮށްފައިވާއިރު، އޭނާ ހުރީ އަލުން ތިން މަސް ތެރޭގައި ދަނޑަށް ނުކުމެވޭނެ ކަމުގެ އުއްމީދުގަ އެވެ. އީސަ އަކީ މި ސީޒަނުގައި މާޒިޔާ އަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. މި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ ފަސް ގޯލު ޖަހައި ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޓްރާންސްފާ މާކެޓް ބަންދުވިތާ މާގިނަ ދުވަސްތަކެއް ނުވަނިސް އީސަ އަށް އަނިޔާވުމަކީ މާޒިޔާ އަށް ލިބޭނެ ގެއްލުމެކެވެ. މިދިިޔަ އަހަރު ވެސް މާޒިޔާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ސީޒަންގެ މުހިއްމު ހިސާބުގައި ޓީމުގެ މުހިއްމު ކުޅުންތެރިންނަށް އަނިޔާވުމެވެ. އެ ގޮތުން މިދިޔަ ސީޒަނުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ އޭނާ އަށް ކުޅުމަށް އެނބުރި އާދެވުނީ މި އަހަރެވެ. އަދި އެ ޓީމުގެ ފަހަތަށް ކުޅޭ އަމްދާން އަލީ (އެންޑީ) އަދި ވެސް އަންނަނީ ލިބުނު އަނިޔާއިން ރަނގަޅުވުމަށް މަސައްކަތްކުރަމުންނެވެ.
ވިކްޓަރީން ކެރިއަރު ފެށި އީސަ ވަނީ އޭގެ ފަހުން ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓާއި އަދި އީގަލްސް އަށް ކުޅެފަ އެވެެ. އީގަލްސް ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި އީސަ އަލުން ވިކްޓަރީއާ ގުޅުނީ މިދިޔަ އަހަރު އެވެ. އެކަމަކު ވިކްޓަރީ އަށް މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ގެއްލުމުން އޭނާ އަލުން މާޒިޔާ އަށް ބަދަލުވީ މިދިޔަ އަހަރުގެ މެދުތެރެއިންނެވެ.
ލީގުގައި މާޒިޔާ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މާދަމާރޭ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.