ގުގުރި ދެމުން ހުއްޓުވައިދޭ ބާލީހެއް
ގުގުރި ދެމުން ހުއްޓުވައިދޭ ބާލީހެއް

ދުޅަހެޔޮ ސިއްހަތަކަށްޓަކައި ރޭގަނޑުގެ ފުރިހަމަ ނިދި ވަރަށް މުހިއްމެވެ. ނަމަވެސް ގިނަ މީހުންނަކީ މިހާ ފުރިހަމައަށް ނިދި ލިބޭ ބައެއް ނޫނެވެ. ނިދި ހަމަކުރުމަކީ ތަފާތު ސަބަބުތަކާހުރެ ފަސޭހަ ކަމަކަށް ނުވެއެވެ. މީގެތެރެއިން އެއް ސަބަބަކީ ގުގުރިދެމުމެވެ. ގުގުރި ދަމާ މީހާ އާއި އެ ކޮޓަރީގައި ނިދާ އެހެން މީހުންނަށްވެސް މިއީ ވަރަށް ތުރާވާ ކަމެކެވެ. ނިދި ނަގާލަން މަޖުބޫރު ކުރުވާ ކަމެކެވެ.

ގުގުރި ދެމުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ގުގުރި ދެމުން ހުއްޓުވަން ނޭފަތުގައި ތިއްބާނެ ދައްޗާއި ކަންފަތަށް ލައްވާނެ އުނގުރިއާއި އަނގައަށް ލައްވާނެ ގުގުރިމަތަ، ނަން ހުސްކޮށް ބާޒާރުގައި ވިއްކަން އެބަހުއްޓެވެ. ނަމަވެސް ނިދާއިރު އުފުލާ އިތުރު ތަކުލީފަކަށް ނޫނީ މިފަދަ ތަކެއްޗެއް ނުވެއެވެ. މީގެ ބަދަލުގައި ޓުވާން ސްމާޓް އެންޓި ސްނޯ ޕިލޯ ޕެޑަކީ ބާލީސް ދަށުގައި ބާއްވައިގެން ގުގުރި ދެމުމަށް ހައްލެއް ގެނެވިދާނެ އެއްޗެކެވެ.

ޓުވާން ޕިލޯ ޕެޑް ފަރުމާކޮށްފައިވަނީ ކަރަންޓާއި ރޭޑިއޭޝަންގެ އަސަރު ނުފޯރާނެ ގޮތަށެވެ. މި ބޭނުންކުރާނީ އެނދު ކައިރީގައި ބާއްވާ އާލާތަކާ ގުޅުވައިގެންނެވެ. ގުގުރި ދަމަން އުޅޭ ކަމުގެ އިޝާރާތެއް ލިބުމުން މި ޕިލޯ ޕެޑް ފުއްޕާލައެވެ. މީގެ ސަބަބުން ބާލީސް ފުފި އަރައެވެ. ނަތީޖާއެއްގެ ގޮތުން، ބޯ އަރިއަކަށްޖެހި، ނޭވާ ދައުރުވާން ފުރުސަތު ލިބެއެވެ. ގުގުރި ދެމެނީ ނޭވާ ތާށިވުމުންނެވެ. އޮންނަ ގޮތް ނޫން ގޮތަކަށް އެނބުރިލުމުން މިކަން ފަސޭހަވެއެވެ. ޕިލޯ ޕެޑުން ކޮށްދެނީ އެ ކަންތަކެވެ.