08 ޖުލައި 2018 - 02:38

ސޯޗީ، ރަޝިއާ (ޖޫން 8) – މުބާރާތް ބާއްވާ ގައުމު ރަޝިއާ އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެ ކްރޮއޭޝިއާ އިން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހުގެރޭ ކްރޮއޭޝިއާ ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. ސެމީގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެރޭ ވާދަކުރާނީ ފްރާންސާއި ބެލްޖިއަމެވެ.
ޕެނަލްޓީ ޖަހައިގެން ސްޕެއިން ކަޓުވާލުމަށް ފަހު ކުއާޓާ އިން ފުރުސަތު ހޯދި ރަޝިއާ އަދި ހަމަ ޕެނަލްޓީ ޖަހައިގެން ޑެންމާކް ބަލިކޮށް ކުއާޓާ އިން ފުރުސަތު ހޯދި ކްރޮއޭޝިއާގެ މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ރަޝިއާގެ ފުރަތަމަ ޕެނަލްޓީ ފިޔޮޑޯ ސްމޮލޯފް ޖެހުމުން ކްރޮއޭޝިއާ ގޯލްކީޕަރު ޑެނިއެލް ސުބަސިޗް މަތަކުރި އިރު ކްރޮއޭޝިއާގެ ފުރަތަމަ ޕެނަލްޓީ މާސެލޯ ބްރޮޒޮވިޗް ކާމިޔާބުކުރި އެވެ. ރަޝިއާގެ ދެ ވަނަ ޕެނަލްޓީ އެލަން ޒަގޮއެވް ވައްދާލާފައިވަނިކޮށް މަޓެއޮ ކޮވަސިޗް ޖެހި ކްރޮއޭޝިއާގެ ދެ ވަނަ ޕެނަލްޓީ ރަޝިއާ ގޯލްކީޕަރު އިގޯ އަކިންފީވް މަތަކުރުމާ އެކު ދެ ޓީމު ހަމަހަމަވި އެވެ.
އެކަމަކު ރަޝިއާގެ ތިން ވަނަ ޕެނަލްޓީ މާރިއޯ ފެނާންޑެޒް އަތުން ބޭކާރުވެ ކްރޮއޭޝިއާގެ ތިން ވަނަ ޕެނަލްޓީ ލޫކާ މޮޑްރިޗް ކާމިޔާބުކުރުމުން އެ ޓީމަށް ކުރި ލިބުނެވެ. އޭގެ ފަހުން ރަޝިއާގެ ހަތަރު ވަނަ ޕެނަލްޓީ އާއި ފަސް ވަނަ ޕެނަލްޓީ ސާޖީ އިގްނަޝިއޭފާއި ޑެލާ ކުޒްޔަޔޭފް ވައްދާލިއިރު ކްރޮއޭޝިއާގެ ހަތަރު ވަނަ ޕެނަލްޓީ ވިޑާ ކާމިޔާބުކުރި އެވެ. އެއާ އެކު ފަސް ވަނަ ޕެނަލްޓީ ކާމިޔާބުކޮށް މޮޅުވުމުގެ ފުރުސަތު ކްރޮއޭޝިއާ އަށް ލިބުނެވެ. އެ ޕެނަލްޓީ އިވާން ރަކިޓިޗް ގޯލަށް ވައްދާލުމާ އެކު 1998 ވަނަ އަހަރަށް ފަހު ކްރޮއޭޝިއާ އަށް މުބާރާތުގެ ސެމީން ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނެވެ.
ރަޝިއާ ކެޓުމާ އެކު މި މުބާރާތް ވެގެންދާނީ 28 އަހަރު ތެރޭ، މުބާރަތް ބާއްވާ ގައުމު ނެތި ސެމީ ކުޅޭ ދެ ވަނަ ފަހަރަށެވެ. އެންމެ ފަހުން މުބާރާތް ބާއްވާ ގައުމަށް ސެމީގެ ފުރުސަތު ނުލިބި ދިޔައީ 1994 ވަނަ އަހަރު އެމެރިކާގައި މުބާރާތް ބޭއްވިއިރެވެ.
ރަޝިއާ އަށް އެ ފުރުސަތު ނުލިބޭނެ ކަމަށް ގިނަ ބަޔަކު ކުރިން ވެސް ތިބީ ހީކޮށްގެންނެވެ. އެކަމަކު އެ ޓީމަށް ހަގީގަތުގައި އެ ފުރުސަތު ނުލިބި ދިޔައީ ކިރިކިރިޔާ އެވެ. ދެ ވަނަ ބުރުގައި ގަދަގަދަ ސްޕެއިން ބަލިކުރިއިރު ކުއާޓާގައި މިރޭ ވެސް ކްރޮއޭޝިއާއާ ހުރިހާ ގޮތަކުން ވާދަކުރި އެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމުގެ ޑެނިސް ޗެރިޝޭފް ޖެހި ގޯލަކީ މުބާރާތުގުގައި ފެނިގެން ދިޔަ އެންމެ މޮޅު އެއް ގޯލެވެ. މެދުތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އެހެން ކުޅުންތެރިއަކު ދިނުމަށް ފަހު އަލުން އެ ބޯޅަ ހޯދައި ކްރޮއޭޝިއާ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ވައްދާލީ ގޯލުގެ މަތީ ކަނަށެވެ. އޭރު ކްރޮއޭޝިއާ ކީޕަރު ހުރީ ހަރަކާތް ހުއްޓިފަ އެވެ.
ކްރޮއޭޝިއާ އިން ވަނީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އެއްވަރުކޮށްފަ އެވެ. އަރިމަތިން އިވާން ސްޓްރިނިޗް ތަނަވަސްކުރި ކައުންޓާ އެޓޭކެއްގައި މާރިއޯ މަންޒުކިޗް ބޯޅަ ހޯދައި ކުރިއަށް އަރައި އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލަށް ވައްދާލީ އަންދްރޭ ކްރަމަރިޗެވެ.
ދެ ވަނަ ހާފުގައި ކްރޮއޭޝިއާގެ އިވާން ޕެރިސިޗަށް ގޯލް ޖަހާނެ ރަނުގެ ފުރުސަތެއް ލިބިގެން ދިޔަ އެވެ. އެކަމަކު އޭނާ ފޮނުވާލި ބާރު ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ރޮނގު މަތިން ހުރަސްކޮށްފައި ދިޔައީ އެވެ. މެޗު ނިމެނިކޮށް ކްރޮއޭޝިއާގެ ކީޕަރު ސުބޮސިޗަށް އަނިޔާވެ ނުކުޅެވިދާހެން ހީވި ދަނޑިވަޅުތަކެއް ވެސް ދިޔަ އެވެ.
ދެ ޓީމު އެއްވަރުވެގެން ފުރިހަމަ ވަގުތު ހަމަވުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ލީޑު ނެގި އެވެ. ކެޕްޓަން ލޫކާ މޮޑްރިޗް ކޯނަރަކުން ހުރަސްކުރި ބޯޅަ ބޮލުން ޖަހައި ގޯލަށް ވައްދާލީ ވިޑާ އެވެ. އެކަމަކު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ރަޝިއާގެ ފެނާންޑެޒް ގޯލް ޖަހައި ނަތީޖާ ހަމަހަމަކުރީ އެވެ. އެއާ އެކު ޖެހުނީ ނަތީޖާ ނެރެން ޕެނަލްޓީ ޖަހާށެވެ.