ފަތިސްހަނދުވަރު
ފަތިސްހަނދުވަރު

ބުދަ ދުވަހާ ގުޅޭ

"ދެންމެ ކޯޗެއް އެނގުނީ؟" މަޒްލާން އެހިއެވެ.

"ބުނެފިއްޔާ ކޯޗެއް އަހަންނަށް އޮތީ؟" ހަމްރާއު ސުވާލުކުރިއެވެ.

"އަހަރެން މިހިރީ ބަންދުގަ،" މަޒްލާން ބުންޏެވެ. "ކުރިން ބުނާހެން މިހާރަކު އަހަންނަކަށް ނުބުނެވޭނެ ފިލާކުޅެން ދާނަމޭކޭ ވެސް. އެކަމަކު ކުރިން ނުބުނާ އެއްޗެއް ބުނެފާނަން. ދުވަހަކު ވެސް ހަމްރާއުއާ ރުޅިއެއް ނުވާނަން. ކޮންމެ އެއްޗެކޭ ކިޔަސް ބައްޕައަކަށް އަހަރުމެން ދުރެއް ނުކުރެވޭނެ."

ހަމްރާއު ބޭނުންވި އެއްޗަކީ ވެސް އެއީއެވެ. އެ ޔަގީންކަމެވެ.

"ތި ވަރު ފުދޭ،" ހަމްރާއު ވެސް ތެދުވެ އިށީނދެލަމުން، ގަޔާވެލައިފައި ބުންޏެވެ. "ރައްޓެއްސަކު ދެންމެ ގެނެސްދިން ޚަބަރެއް މީ އިނގޭ. އަހަރެން ދެކެ ރުޅިނާންނާތި! ބައްޕަ ބުނި ދޯ ބައްޕަ ހަމައެކަނި ބޭނުންވާ ކަމަކީ މަންމަ ލައްވާ، އެންމެ ފަހަރަކު ނަމަވެސް ދައްތައަށް ދަރިފުޅު ކިޔުއްވުމޭ؟ ވެދާނެ ބައްޕަ އެ ކަން ބޭނުންވާ ކަމަށް. އެކަމަކު އޭގެ ފަހުން ދެން ވާނެ ގޮތެއް ނުބުނެއެއްނު!"

މަޒްލާނަށް ވެސް އެ ކަން ފާހަގަކުރެވުނެވެ. އޭގެ ފަހުން ދެން ވާނެ ގޮތެއް ބައްޕަ ނުބުނެއެވެ. އެހީމަ ވެސް ނުބުންޏެވެ.

"ބައްޕައަކަށް އޭނަޔަކާ ވަތްކެއް ނުވެވޭނެ. އިންސާނުންދެކެ ބައްޕަ ކިތަންމެ ރުޅިއަޔަސް ބައްޕަ އުޅޭހިތްވަނީ އިންސާނުންގެ ތެރޭގަ. ދެން ޒޫނާ ގެންދާނީ ބައްޕަގެ ގެއަށް. މުޅި އުމުރަށް." ހަމްރާއު ދިނީ މުޅިން އާ ޚަބަރެކެވެ.

"ކީއްވެގެންތަ ބައްޕަ އެ ވަރަކުން.." މަޒްލާނަށް ބުނެވުނީ އެ ހިސާބަށެވެ.

"ތި ސުވާލުގެ ޖަވާބު ވެސް ހޯދައިގެން މި އައީ،" ހަމްރާއު ބުންޏެވެ. "މަޒްލާނަށްޓަކާ ހާދަހާ ކަމެއް ކޮށްގެނޭ މި އައީ. އެކަމަކު، އެއީ ވަރަށް ދިގު ވާހަކައެއް. ކުރުކޮށް ބުނަންޏާ، ނިހާ ކިޔާ އިންސާނެއް ދެކެ ބައްޕަ ލޯބިވީ. އެއީ ވަރަށް ކުރިން ހިނގި ކަމެއް. އޭނަގެ ހުންނާނެ ނާހިދު ކިޔާ ދަރިއެއް ވެސް. އެކަމަކު އެއީ މަޒްލާންގެ ބައްޕަގެ ދަރިއެއް ނޫން. ނިހާ މިހާރު ދުނިޔެއަކު ނެތް. ޒޫނާއަކީ ބައްޕައަށް ފެނުނު ނިހާޔާ އެންމެ ވައްތަރު މީހާ. އޭނަޔާ ބައްޕަ ވަތްކެއް ނުވާނެ. މަޒްލާން މައިތިރިކޮށްފަ ބަހައްޓަން ވެގެން ބައްޕަ އޭތިމީތި ކިޔަނީ."

މަޒްލާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"ނަމަނަމަ މި ވާހަކަ ބައްޕަ ގާތުގަ ނުބުނާތި!" ހަމްރާއު އެދުނެވެ. "ބުނެފިއްޔާ އަހަންނަށް މި ވާހަކަ ކިޔައިދިން އެކުވެރިޔާގެ ދުވަސް ދުއްވައިލާނެ. ދެން އަހަންނަކަށް މި ކަހަލަ އެއްވެސް ޚަބަރެއް ނުލިބޭނެ."

އެހާތަނަށް ދުވަހަކު ވެސް ހަމްރާއު ދޮގެއް ނަހަދައެވެ. ވީމާ، އެ ވާހަކަތަކަށް ޝައްކު ކުރާނެ ޖާގައެއް މަޒްލާނަކަށް ނެތެވެ. އެހެންނަމަވެސް ބައްޕައާ ދޭތެރޭ މަޒްލާންގެ ހިތުގައި އޮތް ޝައްކު ޔަގީނަށް ބަދަލުވިއެވެ. މަޒްލާން ދެކެ ބައްޕަ ލޯތްބެއް ނުވެއެވެ. އެ ކަހަލަ ބައްޕައެއް ދެކެ މަޒްލާން ވެސް ލޯބިވުމުގެ ބޭނުމެއް ނެތެވެ.

"އަހަރެންގެ ނުލަފާކަން ދައްކާލަންވީތާ!" މަޑުމަޑުން މަޒްލާނަށް ބުނެވުނެވެ.

ވިއްސާރަ ދުވަހެކެވެ. މުޅި ދަނޑު އޮތީ ފެންހެދި ކިސަޑުވެފައެވެ. އެކަމަކު ކުޅެމުންދިޔަ ފުޓުބޯޅަ މެޗުގެ ފޯރިޔަކަށް ނުވަތަ ކުޅުންތެރިންގެ ބުންވަރަކަށް ބަދަލެއް ނާދެއެވެ. ކައްސައިލައިގެން ވެއްޓުނަސް، ޖައްސައިލާ ދިމާއަށް ބޯޅަ ނުދިޔަސް ވެހެވެ. ކުޅެމުންދިޔައީ އިންޓަ ރިސޯޓު ފުޓުބޯޅަ މުބާރާތުގެ މެޗެކެވެ. މަޒްލާން އިނީ ދަނޑުގެ ހުޅަނގު ދެކުނު ކަނުގައެވެ. އެ ތަނަށް އަންނަ ކޮންމެ ކުޅުންތެރިޔެއްގެ ފަޔަށް މަޒްލާން ކުޅުޖަހައެވެ. ފަހުން އެ މީހުން ކިހާ ވޭނެއްގައި އުޅެންޖެހޭނެކަން އެނގިހުރެއެވެ.

"ތީ ދެން ކޮންކަމެއް މަޒްލާން؟" ޖެނީ ބުނި އަޑު އިވުނެވެ.

ޖެނީ ހުރީ އަތް ދަމައިލުމުން މަޒްލާން ގައިގައި ޖެހޭ ހިސާބު ގާތުގައެވެ.

"އަހަރެން މިހާރު އިންސާނުން ދެކެ ކުރިޔަށް ވުރެ ބޮޑަށް ފޫހިވެއްޖެ!" މަޒްލާން ބުންޏެވެ. "ހިތް ނުފުރިގެން މި އުޅެނީ."

މަޒްލާން ހަދައިލި ގޮތަކުން ތިން ކުޅުންތެރިން ދަނޑުމައްޗަށް ވެއްޓުނެވެ. ތެޅިފޮޅެން ފެށިއެވެ. ހުރިހާ އެންމެން އެ ދިމާއަށް އެއްވިއެވެ.

"އަޅެ ދެން.." ޖެނީ ބުންޏެވެ. "ބައްޕަދެކެ އަންނަ ރުޅި އެ މީހުންނަށް ތި ފޮޅަނީޔޯ!"

"ފޮޅާނަން. އެންމެންނަށް ވެސް ފޮޅާނަން." މަޒްލާން ހުރީ ގޮތުގައި ހިފަހައްޓައިގެންނެވެ.

"ފޮޅާފޮޅާ!" ޖެނީ ފޫހިވެފައި ބުންޏެވެ. "ކީއްކުރަން އަހަންނަށް ގޮވީ؟ ތި މަންޒަރު ދައްކަން. މަ ނުވޭ ބަލާހިތެއް."

ޖެނީ ދާން ހިނގައިގަތެވެ. މަޒްލާން ދަނޑިވަޅުގެ ބޭނުން ހިފިއެވެ.

"ދައްތައަށް އެނގޭތަ ދައްތަ ތި ލޯބިވާ ސާޖިދުކޮއްކޮ މަރާލީ ބައްޕަކަން؟" މަޒްލާން ބުނެލިއެވެ. "އަހާ ހިތްވާ ކަހަލަ ވާހަކައެއް މި ބުނީ."

ޖެނީ ހުއްޓުނެވެ. އެކަމަކު ގަބޫލެއްނުކުރިއެވެ.

"ތި ކަހަލަ ދޮގުހެދީމަ ކޮން ފައިދާއެއްބާ ލިބެނީ؟" ޖެނީ ސުވާލުކުރިއެވެ.

"ރަނގަޅު ޕޮއިންޓެއް،" މަޒްލާން ވެސް ތާއީދު ކުރިއެވެ. "ނެތް ލިބޭނެ ފައިދާއެއް. ދޮގެއް ނޫނޭ މީ."

"އާނ ވިސްނިއްޖެ! ކޮއްކޮއަށް ވުރެ ބޮޑަށް އަހަރެން ދެކެ ބައްޕަ ލޯބިވާތީ ކޮއްކޮ ރުޅިއަންނަނީ." ޖެނީ ވިސްނައިލައިފައި ބުންޏެވެ. "މި ދޮގެއްތަ؟"

ދަނޑުމައްޗަށް ވެއްޓުނު މީހުންތައް ދަނޑުން ބޭލުވިއެވެ. މެޗުގެ ކުޅުން އޮތީ މެދުކެނޑިފައެވެ. ވީގޮތް ނޭނގިގެން މީހުން ކޮޅުކޮޅުމައްޗަށް ދުވަނީއެވެ. މަޒްލާން ހުރީ ވަރަށް ހަމަޖެހިފައެވެ. ކަމެއް ވާހެން ވެސް އޭނަޔަކަށް ހިޔެއްނުވެއެވެ.

"ތީ ތެދެއް!" މަޒްލާން އެއްބަސްވިއެވެ. "އަހަރެން ހަމަ ރުޅިއާދޭ! ހިތަށްއަރާ އަހަރެން ދެކެ ވެސް އެ ވަރަށް ބައްޕަ ލޯބިނުވަނީ ކީއްވެގެންބާއޭ؟ އަބަދާއަބަދު އަހަންނާ ޖައްސައިލައިގެން ބައްޕަ އުޅެނީ ކީއްވެގެންބާއޭ؟ އެކަމަކު ދައްތަގެ ސާޖިދުކޮއްކޮ މަރާލީ ހަމަ ބައްޕަ. އެއީ ވެސް ތެދެއް."

ޖެނީ ކަންފަތުގައި އަތްއެޅިއެވެ. އެ ވާހަކަ އިތުރަށް އަޑުއަހަން ބޭނުން ނުވެގެންނެވެ.

"ތިހެން ނުކިޔާށޭ!" ޖެނީ ހަޅޭއްލަވައިގަތެވެ.

މަޒްލާން ގާތަށް އައީ ހިންޏެވެ. ކަންފަތުގައި އަތްއެޅުމަކުން މަޒްލާން ދައްކާ ވާހަކަ ނުއިވޭނެ ގޮތެއް ނުހެދޭނެތީއެވެ.

"އަހަންނަށް އެނގޭ އެ ވާހަކަ އަޑުއަހަން ދައްތައަށް ވަރަށް އުނދަގޫވާނެކަން،" މަޒްލާން ބުންޏެވެ. "ބައްޕައަކީ އަޅުވެރިޔަކަށް ހަދައިގެން އުޅެނިކޮށް އިބިލީހަކަށް ވިއްޔަ މި ވީ. އަހަންނަށް ޔަގީން ދައްތަ ވެސް ހިތަށްއަރާ އެއްޗެހި މަދެއް ނުވާނެ. ދައްތައަށް ލޯބި ހޯދައިދޭންވެގެން ވިއްޔަ އެ ކުއްޖާ މަރާލީ. އަބަދުވެސް ބައްޕަގެ އެއްވަނައަކީ ދައްތަ! ދައްތައަށްޓަކާ ބައްޕަ ކޮށްފާނެ ކޮންމެފަދަ ކަމެއް ވެސް."

ޖެނީ ވާންޖެހޭނީ އުފަލެވެ. އެކަމަކު މަޒްލާނަށް ފެނުނީ ދައްތަގެ ލޮލުން ކަރުނަ ހިލުނު ތަނެވެ. ދަނޑިވަޅުގެ ބޭނުން މަޒްލާން ހިފިއެވެ. ހުޝިޔާރުކަމާއި ކެހިވެރިކަމާ އެކުގައެވެ.

"އަހަރެން ހިތަށްއަރާ މި ސިއްރު ފަޅާއަރާ ދުވަހު ދައްތަގެ ލޯބިވާ މަންމައަށް ވާނީ ކިހިނެއްބާއޭ؟" މަޒްލާން ވިސްނާކަމަށް ހެދިގެން ހުރެ ބުންޏެވެ. "ދައްތަ މަތިން މަންމަ ހާދަހާ ފޫއްސެވާނޭ ދޯ؟ ދެރަކަމެއް. ބައްޕަ އެ ކުރީ ވަރަށް ދެރަކަމެއް. އަހަންނަށް މަޖުބޫރުވާނެ މަންމައަށް މި ވާހަކަ އަންގަން."

"އެހެން ނަހަދާ!" ޖެނީ އެދުނެވެ. "ޕްލީޒް އަޅެ!"

"ކީއްވެ ނަހަދަންވީ؟" މަޒްލާން ސުވާލުކުރިއެވެ. "އަހަރެން ހަތަރުދަމު އިންނާނީ މި ތާ ބަންދުވެފަ. އަހަރެން ނުޖެހޭނެ އެހެން މީހަކަށް ވާނެ ގޮތެއް ވިސްނާކަށް."

ދެވަނަ ވިސްނުމަކަށް ދާން ޖެނީއަށް ޖެހުނީ އެ ހިސާބުންނެވެ.

"ތި ތަނުން ސަލާމަތްކޮށްދީފިއްޔާ ޔޯ؟" ޖެނީ އެހިއެވެ.

ކެހިވެރި ނަޒަރަކުން މަޒްލާން ބަލައިލިއެވެ. ބައްޕަގެ ނިންމުމެއް ބަދަލުކުރެވޭނެ ހަމައެކަނި މީހަކީ ޖެނީއެވެ. ޖެނީއަށް އެ ކަން ނުވިޔަސް މަޒްލާން ޝަކުވާއެއް ނުކުރާނެއެވެ. އެކަމަކު، ޖެނީއަށް އެ ކަން ވެއްޖެއްޔާ ޚުދު ޖެނީ ވެސް ފަހުން ހިތާމަކުރަން ޖެހޭނެއެވެ. އެއީ މަޒްލާނަށް ކަށަވަރު ކަމެކެވެ.

މާ ދުރުން ސިގުނަލުދެމުން އައި ޓެކްސީ މަޑުކުރީ ގެސްޓުހައުސްގެ ދޮރަށް ވުރެ ތަންކޮޅެއް ދުރަށެވެ. ރުގިއްޔާއާއި ޒުލްފާ ކާރުން ފޭބިއެވެ. ޑުރައިވަރު ދެ ފޮށި ގެންގޮސް ދޮރުމަތީގައި ބެހެއްޓިއެވެ. އޭނަޔަށް ފައިސާ ދިނުމަށް ފަހު ދެމައިން އެތެރެއަށް ވަނެވެ. ޢަލީ އިނީ އެނދަށް އަރައި ދެފައި ވަށްކޮށްލައިގެން ފޯނަށް ކަވަރެއް ލައްވާށެވެ. ދޮރުގައި ޓަކިދިނުމުން ޢަލީ ކުޑަކޮށް ހައިރާންވިއެވެ. ގަޑިން ރޭގަނޑު ދިހަޔެއް ޖަހަނީއެވެ. އެއްވެސް މީހަކަށް ޢަލީއެއް ދަޢުވަތެއް ނުދެއެވެ. އެނދުން ފައިބައިގެން ދޮރާ ހަމައަށް ދެވުނުއިރު ވެސް ޓަކިޖެހުން ހުއްޓައެއް ނުލައެވެ. ކުޑަކޮށް ހިތްހަމަނުޖެހިފައި ޢަލީ ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ތިބީ ޢަލީ އެންމެ ހީނުކުރާ ދެ މީހުންނެވެ. މަންމައާއި ކޮއްކޮއެވެ. ޢަލީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒުލްފާއާއި ރުގިއްޔާ އެތެރެއަށް ވަނެވެ.

"މަންމަ ހިތަށްއެރީ ހަމަ ނުގުޅައޭ އަންނާނީ." ރުގިއްޔާ ބުންޏެވެ.

ދެމައިން ވަދެ އެނދުގައި އިށީނެވެ. ފޮށިތައް ވެއްދީ ޢަލީއެވެ.

"އެކަމަކު މަންމާ،" ޢަލީ ބުންޏެވެ. "ނަސީބެއްނު މާލޭގަ ހުރެވުނު ވަގުތަކާ ދިމާވިކަން. އަހަރެން ރިސޯޓުގަ ހުރި ނަމަޔޯ؟"

"ނަމައިގަ ރިހަ ކައްކާނެކަމެއް ނެތް،" ކުޑަކޮށް ހިތްހަމަނުޖެހިފައި ރުގިއްޔާ ބުންޏެވެ. "މާލޭގައެއްނު ތިހިރީ. އެހެންނޫނަސް ބުނިއްޔާ ވާކަމެއް އޮވޭތަ ދަރިފުޅާ؟ މިހާރު ވެސް ކިތެއް ކަންތައް ބުނެގެން މިއުޅެނީ؟"

ޒުލްފާ އެއްވެސް އެއްޗެއް ނުބުނެއެވެ. ޢަލީއަށް ނާންގާ އައުމަކީ، އެ ކަމެއް ރޭވުނީއްސުރެ ވެސް ޒުލްފާ ތާއިދުކުރި ކަމެއް ނޫނެވެ. އެހެންކަމުން ޒުލްފާ އަލަށް ދައްކާނެ ވާހަކައެއް ނެތެވެ.

"އަންގާލި ނަމަތާ އެއާޕޯޓަށް ވެސް ދެވުނީހީ." ޢަލީ ވެސް އެނދުގައި އިށީންނަމުން ބުންޏެވެ.

"ނާ! ދަރިފުޅު ތީ މާ ބިޒީ މީހެއްނު. ޒުލްފާ ބުނި އެހެން. ދޯ؟" ރުގިއްޔާ ބަލައިލީ ޒުލްފާއަށެވެ.

ޒުލްފާ ބޭރުކޮށްލީ ފުން ނޭވާއެކެވެ. އެ ވަރަކުން ރުގިއްޔާއަކަށް ނުފުދުނެވެ.

"ނުބުނަން؟" ރުގިއްޔާ ސުވާލުކުރިއެވެ.

"ބުނީމޭ މަންމާ!" ޒުލްފާ ޖަވާބުގައި ބުންޏެވެ. "އަސްލު ވެސް ބޭބެއަކަށް ނުވެޔޭ ވަގުތެއް. އަހަރުމެން ހަނދާންވާ ވަރަށް ވުރެ ބޭބެ މާ ބިޒީ. ކުރާނެ އެހެން ކަންކަން ހުރީމަ ވާނީ ވެސް އެހެން."

"މަ ކޮންއިރަކު ބުނީ ބިޒީއޭ؟" ޢަލީ އެހިއެވެ.

"ނުބުންޏަސް އެހެނެއްނު ވީ. އެހެން ނޫން ނަމަ މިހާރު ބައްޕަ.." ޒުލްފާއަށް ބުނެވުނީ އެ ހިސާބަށެވެ.

ނުނިމޭ