ރައީސް ޔާމީނާ އެކު އެއްބައިވަންތަވުމަށް ޑރ. ޝަހީމް ގޮވާލައްވައިފި
ރައީސް ޔާމީނާ އެކު އެއްބައިވަންތަވުމަށް ޑރ. ޝަހީމް ގޮވާލައްވައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް ފުރަތަމަ ބުރުން ކާމިޔާބު ކޮށްދިނުމަށްޓަކައި ހުރިހާ އެންމެން އެމަނިކުފާނާ އެއްބައިވަންތަ ވުމަށް، ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އެދިވަޑައިގެންފި އެވެ.

ރައީސް ޔާމީނާ އެކު އެއްބައިވަންތަވުމަށް ޑރ. ޝަހީމް ގޮވާލައްވައިފި
ރައީސް ޔާމީނާ އެކު އެއްބައިވަންތަވުމަށް ޑރ. ޝަހީމް ގޮވާލައްވައިފި

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް ޔާމީންގެ ރަނިން މޭޓަކަށް، މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމް ހަމަޖައްސެވިކަން، ރައީސް ޔާމީން އިއުލާން ކުރެއްވީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

ރައީސް ޔާމީން، އެ ވާހަކަ ކައުންސިލާ ހިއްސާ ކުރެއްވިތާ އިރުގަނޑެއް ފަހުން ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނާ އެކު ދިވެހި އެންމެހައި ރައްޔިތުން އެއްބައިވަންތަވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް ޔާމީންގެ ފަރާތްޕުޅުގައި ދިވެހި އެންމެހައި ރައްޔިތުން އެއްބައިވަންތަވެ، އިލްމުވެރިންނާއި ޒުވާނުންނާއި ގައުމުގެ އެންމެހައި ކަނބަލުން މި އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވުމަށް އެދެން،" ދީނީ އިލްމުވެރިޔާ ޝަހީމް 41، ކުރެއްވި ޓުވީޓުގައި ވެ އެވެ.

ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ޝަހީމަކީ ގުރުއާން ހިތުދަސް އަދި ފިގްހް އަދި އުސޫލުލް ފިގްހް އިން ޕީއެޗްޑީ ނަންގަވާފައިވާ ދީނީ އިލްމުވެރި އެކެވެ. ގއ. މާމެންދު އަށް އުފަން ޝަހީމް ޑިގްރީ އާއި މާސްޓާސް ހައްދަވާފައި ވަނީ ޝަރީއާ އިންނެވެ.

ޝަހީމް މަތީ ތައުލީމް ހާސިލް ކުރައްވާފައި ވަނީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ.

ޝަހީމް ވަނީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ފުރަތަމަ އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރުގެ މަގާމު ފުރުއްވި އެވެ.