ޣިޔާސުއްދީން ސްކޫލްގައި ދިރާގު ޕޭ ޑެބިޓް ކާޑު ތައާރަފުކޮށްފި
ޣިޔާސުއްދީން ސްކޫލްގައި ދިރާގު ޕޭ ޑެބިޓް ކާޑު ތައާރަފުކޮށްފި

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ހިންގާ ކެފޭގައި ދިރާގު ޕޭ ޑެބިޓް ކާޑު މިއަދު ތައާރަފުކޮށްފި އެވެ.

ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ، ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. މިއީ ދަރިވަރުންނަށް ހާއްސަ ކޮށްގެން ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ ޑެބިޓް ކާޑެވެ.

ޣިޔާސުއްދީން ސްކޫލަށް ދިރާގު ޕޭ އެންމެ ފުރަތަމަ ތައާރަފުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް، ދަރިވަރުންނަށް އޭރު ފޯރުކޮށްދިނީ ނިއާ ފީލްޑް ކޮމިނިކޭޝަން (އެންއެފްސީ) ސްޓިކާ އެއް ނުވަތަ މޯބައިލް ނަންބަރަކާއި ޕިން ނަންބަރެކެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އެންމެ ބޮޑު ކުންފުނިން ބުނީ ޑެބިޓް ކާޑު ތައްޔާރު ކޮށްފައި ވަނީ ދަރިވަރުގެ ފޮޓޯ އާއި ނަން އަދި އިންޑެކްސް ހިމަނައިގެން ކަމަށެވެ. އަދި އެ ކާޑު ބޭނުންކޮށްގެން ސްކޫލް ކެންޓީނަށް، ދަރިވަރުގެ އިންޓަވަލަށް ފައިސާ ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ

އެންއެފްސީ ސްޓިކާ އެކޭ އެއްގޮތަށް ދިރާގު ޕޭ ޑެބިޓް ކާޑު ގުޅާލާފައި ވަނީ ބެލެނިވެރިޔާގެ އީ-ވޮލެޓަށެވެ. އެހެންވެ ބެލެނިވެރިންނަށް، ދަރިވަރުން ކުރާ މުއާމަލާތްތައް ފަސޭހަ އިން ބެލޭނެ ގޮތް ފަހިވެފައިވާ ކަމަށް ދިރާގުން ބުންޏެވެ.

"ސްކޫލަށް ފައިސާ ނުގެން ގޮސް، ބެލެނިވެރިންގެ އީ-ވޮލެޓަށް ފައިސާ ޖަމާކުރެއްވުމަށް ފަހު ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ކުދިންގެ އިންޓަވަލް ގަނެވޭގޮތް ދިރާގު ޕޭ މެދުވެރިކޮށް ފަހިވުމާއި ގުޅިގެން މި ހިދުމަތަށް ވަރަށް ބޮޑަށް ތަރުހީބެއް ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން އަންނަނީ ލިބެމުންނެވެ،" ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ ޑެބިޓް ކާޑު ތައާރަފު ކުރުމާ ގުޅިގެން، ސްކޫލް ކެންޓީނުން ވިޔަފާރި ކުރާ ދަރިވަރުންނަށް ހަފްތާ އެއް ވަންދެން 50 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމައިފަ އެވެ.

ޣިޔާސުއްދީންގެ އިތުރުން އެހެން ސްކޫލުތަކަށް ވެސް ދިރާގު ޕޭގެ ޚިދުމަތް ތައާރަފުުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން ބުނެ އެވެ.