ޗައިނާގެ 22 ބިލިއަން ޑޮލަރުގެ މަޝްރޫއު މެލޭޝިއާ އިން ހުއްޓުވައިފި
ޗައިނާގެ 22 ބިލިއަން ޑޮލަރުގެ މަޝްރޫއު މެލޭޝިއާ އިން ހުއްޓުވައިފި

ކުއާލަ ލަމްޕޫރު (ޖުލައި 7) - މެލޭޝިއާގެ ކުރީގެ ސަރުކާރުން ޗައިނާއާ އެކު ގާއިމްކޮށްފައިވާ ބޮޑު ތިން މަޝްރޫއެއް ހުއްޓުވައިފި އެވެ.

މި މަޝްރޫއުތަކުގެ އަގު 90.4 ބިލިއަން ރިންގިޓް (22.35 ބިލިއަން ޑޮލަރު) އަށް އަރަ އެވެ. އާ މާލީ ވަޒީރު ލިމް ގުއާން އެންގް ވަނީ ޗައިނާ އެކު ސޮއިކޮށްފައިވާ ޕައިޕްލައިން ދެ މަޝްރޫއަކާއި 688 ކިލޯ މީޓަރު (430 މޭލު) ގެ ރެއިލް ލިންކް މަޝްރޫއެއް ހުއްޓާލުމަށް އަންގަވައިފަ އެވެ.

ޕައިޕްލައިން މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާގެ ޕެޓްރޯލިއަމް ބިއުރޯ އަށެވެ. އީސްޓް ކޯސްޓް ރެއިލް ލިންކް ހަވާލުކޮށްފައި ވަނީ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އަށެވެ.

ލިމް ވިދާޅުވީ އެ މަޝްރޫއުތައް ހުއްޓާލުމަށް ބޮޑު ވަޒީރު މަހާތިރު މުހައްމަދު ނިންމެވީ މެލޭޝިއާގެ 250 ބިލިއަން ޑޮލަރުގެ ދަރަނި ކުޑަކުރަން ކަމަށެވެ. މަހާތިރު ވަނީ ސިންގަޕޫރާ ދެމެދު ގާއިމްކުރާ ހައި-ސްޕީޑް ރެއިލް ލިންކުގެ މަސައްކަތް ވެސް ހުއްޓާލަން އަންގަވައިފަ އެވެ. މަހާތިރު ވިދާޅުވީ އެ މަޝްރޫއުގެ އަގު މާ ބޮޑު ކަމަށެވެ.

ނަޖީބުގެ ވެރިކަމުގައި ގިނަ މަޝްރޫއުތައް ޗައިނާއާ ހަވާލުކޮށްފައި ވަނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.