މެޗު ލަސްކުރުމުގެ ވާހަކަތައް ތަފާތު ގޮތްގޮތަށް!
މެޗު ލަސްކުރުމުގެ ވާހަކަތައް ތަފާތު ގޮތްގޮތަށް!

މިނިވަން ޗެމްޕިއަންޝިޕުން އަންނަ ޓީމުތަކަށް މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުން ޖާގަ ދޭން ފެށުމުން ގިނަ ބަޔަކު އެކަމަށް މަރުހަބާ ކިޔެވެ. އަދި އަތޮޅުތަކުގެ ޓީމުތަކުން އައިސް އެންމެ މަތީ ފަންތީގައި ކުޅުމުގެ ފުރުސަތު ލިބޭތީ އެވެ. މިދިޔަ ސީޒަނުގައި ވެސް މިނިވަން ޗެމްޕިއަންޝިޕްގެ ޓީމުތަކާއި މާލޭ ލީގުގެ ޓީމުތައް ކުޅޭއިރު، މެޗުގެ ފަހުން އޮންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މެޗު ލަސްކުރަން އުޅޭތީ އޭގެ ޝަކުވާތައް ކޯޗުން އޮއްސާލަ އެވެ.

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށައިގެން މިހާރު ކޮންމެ ޓީމަކުން ވަނީ ދެ މެޗެއް ކުޅެފަ އެވެ. މި ފަހަރު ވެސް މިހާތަނަށް މެޗު ލަސްކުރުމުގެ ޝަކުވާތައް އަންނަނީ ފަހަރަކަށް ވުރެން ފަހަރެއް އިތުރުވަމުންނެވެ.

ލީގުގައި މިނިވަން ޗެމްޕިއަންޝިޕުން އައި ބ. ފެހެންދު އިން ވަނީ ވިކްޓަރީ ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައި އެ މެޗުން ޕޮއިންޓެއް ހޯދައިފަ އެވެ. އެ މެޗަށް ފަހު ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް ބުނީ ފެހެންދުން ކުޅުނީ ވަރަށް ތަފާތު ޑިފެންސިވް ގޭމެއް ކަމަށާއި ދެ މިނިޓް ކުޅެފައި ފަސް މިނިޓް ތިބެނީ ނިދާފައި ކަމަށެވެ.

ކިސްގެ ވާހަކަތަކަށް ޖަވާބެއްގެ ގޮތުގައި ފެހެންދޫގެ ކޯޗު އަދި ކުރީގެ ކުޅުންތެރިއާ އިސްމާއިލް އަނިލް ބުނީ މި ދެ ޓީމުގެ ތަފާތަކީ ނާސަރީ ކުލާހަކާއި ޑިގްރީ ކުލާހެއްގެ ތަފާތު ކަމަށެވެ. އަދި މި މެޗުން ޕޮއިންޓެއް ހޯދުމަކީ ފެހެންދު އަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް ބޮޑު މޮޅެއް ކަމަށެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ފެހެންދޫ އަތުން މޮޅުވި މެޗަށް ފަހު ބުނީ ޓީމެއް އެއްކޮށް ފަހަތަށް ޖެހިގެން ކުޅޭނަމަ އެހާ ފަސޭހަނުވާނެ ކަމަށާއި މީގެ އެ ޓީމެއް ކުޅޭނީ އެ ޓީމަށް އެންމެ ރަނގަޅު ގޮތަކަށް ކަމަށެވެ.

މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓްގެ ކޯޗު އޮސްކާ ބްރުޒޮން ވެސް ވަނީ ޓީމުތަކުން ފަހަތަށް ޖެހިގެން ކުޅޭތީ ރަނގަޅަށް ކުޅެން މަސައްކަތްކުރާ ޓީމުތަކަށް އޭގެ ގެއްލުން ކުރިމަތިވާ ކަމަށް ބުނެފަ އެވެ. އަދި މި ސީޒަނުގައި ކުޅުުނު ފުރަތަމަ މެޗުގައި ތ. ތިމަރަފުށި އަތުން 10-0 އިން މޮޅުވިއިރު، އެ ޓީމުން ހަމައެކަނި ޑިފެންސަށް ނުވިސްނައި ކުޅެން އުޅުމުން އޮސްކާ ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.

މިދިޔަ އަހަރު ޕްރިމިއާ ލީގުގައި އއ. މާޅޮހަށް ކޯޗުކޮށްދިން އަދި މިފަހަރު ށ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު އެންމެ ފަހުން ވިކްޓަރީ އަަތުން ބަލިވި މެޗަށް ފަހު ބުނީ ރަށްރަށުން އައި ޓީމުތަކާ ދެކޮޅަށް މެޗު ލަސްކުރާ ކަމަށް ބުނެ ދައްކާ ވާހަކަތަކާ ދެކޭގޮތް ބަދަލުކުރަން ބޭނުންވާ ކަމަށެވެ. އެއީ މާލޭ ލީގުގެ ޓީމުތަކާ ދެކޮޅަށް ޑިފެންސްނުކޮށް ކުރިއަށް ޖެހިގެން އެ ޓީމުތަކާ ދެކޮޅަށް ރަނގަޅު ފައިޓެއްދީގެން ކުޅެގެން ކަމަށެވެ.

މެޗު ލަސްކުރާ ވާހަކަތަކާ ބެހޭގޮތުން އެންމެ ތަފާތު ވާހަކައެއް ދެއްކީ ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން އެވެ. ސުޒޭން ބުނީ ކޮންމެ މެޗެއްގައި ކީޕަރު ވެއްޓޭތަން ވީޑިއޯ ކޮށްލާ ފޮޓޯ ނަގާލަން، ކެމެރާމަނުންނަށް ވަރަށް ގިނަ ފުރުސަތު ލިބޭ ކަމަށާއި އެކަމަކު އޭގެ ސަބަބުން ގޭމް ހަލާކުވާ ކަމަށެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ޓީމުތަކުން އިދިކޮޅު ޓީމުގައި މޮޅެތި ކުޅުންތެރިން ތިބޭނަމަ ޑިފެންސިވް ޓެކްޓިކްސް ނޫނީ މިހާރު އެންމެ މަޝްހޫރު ގޮތަށް ނަމަ ބަސް ބާއްވައިގެން ކުޅެ އެވެ. އަތޮޅުތަކުން އަންނަ ޓީމުތަކުގެ ތެރެއިން ބައެއް ޓީމުތަކުގެ ވިސްނުން މެޗުތަކަށް ނުކުންނައިރު އޮންނަނީ ކޮޅަށް ވަންނަ ލަނޑު މަދުކުރުމަށެވެ. އެއީ ކުޅުންތެރިންގެ ފެންވަރާއި ދެ ޓީމުގެ ތަނަވަސްކަމަށް ބަލާއިރު ތަފާތު ބޮޑުކަމުން ކަމަށް އެ ޓީމުތަކުން ބުނެ އެވެ.