08 ޖުލައި 2018 - 07:07

ޑްރައިވަރެއްގެ ވަޒީފާ އަދާކުރަމުން އައި މީހެއްގެ ވަޒީފާ ކުއްލިއަކަށް ގެއްލި "އާއިލާ ހާލުގައި ޖެހުމުން" އެކަން މީޑިއާތަކުގެ ސަމާލު ކަމަށް ގެންނަން އިންޑިއާ މީހަކު ހޮނިހިރު ދުވަހުގެ ރޭ ޓީވީ ސްޓޭޝަނެއްގެ އެންޓަނާއަކަށް ރޭގަނޑު މެންދަމުގެ ވަގުތެއްގައި އަރައިފި އެވެ.
މުމްބާއީގެ ތާނޭ ޑިސްޓްރިކްޓްގައި ހުރި ދޫރްދަރްޝަންގެ 125 މީޓަރު އުސް ޓީވީ ޓަވަރަށް އެރީ އަޖޭ ޕަސްވަން، 30، އެވެ. އޭނާ ޓަވަރަށް އެރިކަން އެނގުނީ ޓަވަރުގައި އޮވެ، މޯބައިލް ފޯނުން މުމްބާއީގެ ފަޔާ ބްރިގޭޑަށް ގުޅުމުންވެ.
އޭނާ ބުނީ މިއޮތީ ޓަވަރަށް އަރާފައި ކަމަށާއި ފައިބާނީ މީޑިއާތަކުގެ މީހުން ގެނެސް އޭނާގެ ވާހަކަ އާންމުންނާ ހަމައަށް ގެނެސް ދިނުމުން ކަމަށެވެ.
ފަޔާ ބްރިގޭޑުން ކެމެރާތަކާ އެކު ބަޔަކު ޖަމާކޮށް އަޖޭ ފައިބަން ގޮވަމުން ދިޔަ އެވެ. އެއްވި މީހުން ބުނަމުން ދިޔައީ އެއީ ނޫސް ރިޕޯޓަރުން ކަމަށެވެ.
އަޖޭ ޓަވަރުގައި އޮތް އިރު، "މީޑިއާތަކުގެ ކެމެރާތައް" އަމާޒުވެފައިވާ ތަން ފެނުނެވެ. އެކަމަކު އޭނާ އަށް ޓަވަރުން ފޭބުނީ އިރު އެރި ފަހުންނެވެ.
ފަޔާ ބްރިގޭޑްގެ އޮފިޝަލަކު ބުނި ގޮތުގައި އަޖޭ މީޑީއާތައް ޖަމާކޮށްދޭން ޑިމާންޑް ކުރި ނަމަވެސް، އެ ސަރަހައްދަށް ގެންދިޔައީ ނޫސްވެރިންނެއް ނޫނެވެ. އަދި އެތަނުގައި ހުރި ކެމެރާތަކާއި މޮނީޓަރުތަކަކީ ޑަމީތަކެއް ކަމަށް ބުންޏެވެ.
"އެ ދަނޑިވަޅުގައި އެންމެ މުހިއްމު ކަމަކަށްވީ ސަލާމަތުން އޭނާ ތިރިއަށް ފައިބާނެ ގޮތެއްވޭތޯ. އެހެންވެ އެގޮތަށް އަމަލު ކުރީ،" އޮފިޝަލް ބުންޏެވެ.