ޔޫޓިއުބްގެ ބިއުޓީ ބްލޮގަރުން އާއްމުންނަށް އެކި ވައްތަރުގެ މޭކަޕް ޖައްސާނެ ގޮތް ކިޔައިދިނުމުގެ އިތުރުން އާދަޔާ ހިލާފު މަޖާ މޭކަޕް ޗެލެންޖުތައް ވެސް ކުރިއަށް ގެންދެ އެވެ. މިއަހަރު އެންމެ މަގުބޫލުވި އެއް ޗެލެންޖަކީ 100 ފަށަލައަށް މޭކަޕް ޖެއްސުމެވެ. އެއީ ނެއިލް ޕޮލިޝް، ލިޕްސްޓިކް ނުވަތަ ފައުންޑޭޝަން ވެސް 100 ފަށަލައަށް ޖައްސާތަން ވީޑިއޯ ކުރުމެވެ.

އެކި ވައްތަރުގެ މޭކަޕް ޕްރޮޑަކްޓް 100 ފަށަލައަށް ޖެއްސުމުގެ އިތުރުން، އަންނައުނު ވެސް މިހާ ގިނައިން ލެވޭނެކަމަށް ޗެލެންޖުކޮށް ޔޫޓިއުބް ބްލޮގާ ޑިނާ ޓޮކިއޯ ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ. "ޕޮލިޝް މައުންޓަން" ފަދައިން "ހިޖާބް މައުންޓަން" ހޭޝްޓެގްގެ ވެސް މިހާރު ގަދަވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅޭ މަޝްހޫރު ޔޫޓިއުބް ބްލޮގާ ޑިނާ ޓޮކިއޯ އޭނާގެ "ހިޖާބް މައުންޓަން" ވީޑިއޯގައި އެކި ވައްތަރުގެ އެކި ކުލައިގެ ބުރުގާ އަޅާތަން ދައްކަ އެވެ. އަދި އޭނާގެ ފިރިމީހާ ބުރުގާގެ އަދަދު ގުނަމުންދާތަން އަޑު ވެސް އިވެ އެވެ. ޑިނާގެ މި މަޖާ ވީޑިއޯ ގިނަ ބަޔަކަށް ވަރަށް ކަމު ހިނގައްޖެ އެވެ.

ބުރުގާގެ 100 ވައްތަރެއް އަޅާލުމަކީ ހަމަ ގައިމުވެސް އާދައިގެ ގޮތަކަށް ސްޓައިލް ކޮށްލެވޭނެ ރީތި ގޮތެއް ނޫނެވެ. ނަމަވެސް ބްލޮގަރުން މިފަދަ ތަފާތު މަޖާ ޗެލެންޖުތައް ނެގުމުން ބެލުންތެރިންނަށް ވަނީ މޫނިފޫހިފިލާ މަޖާ ކަމަކަށެވެ.