ޓީވީ ޖޯޑު ދިވްޔަންކާ އާއި ވިވެކް ރާއްޖޭގައި
ޓީވީ ޖޯޑު ދިވްޔަންކާ އާއި ވިވެކް ރާއްޖޭގައި

"ދިވެކް" ގެ ނަމުން މަޝްހޫރު، އިންޑިއާގެ ޓީވީ ދެ ތަރިން ކަމަށްވާ ދިވްޔަންކާ ތުރިޕަތީ އާއި ވިވެކް ދަހިޔާ އެ މީހުންގެ ކައިވެނީގެ ދެވަނަ އެނިވާސަރީ ފާހަގަކުރަން ރާއްޖެ އަތުވެއްޖެ އެވެ.

އެ ދެ ތަރިން ކައިވެނި ކުރީ ޖުލައި، 8، 2016 ގަ އެވެ.

ރާއްޖެ އަށް ފުރުމުގެ ކުރިން ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ވިވެކް ބުނީ ރާއްޖެ އަށް ދާން މި ފަހަރު ނިންމީ، ދެވަނަ އެނިވާސަރީ ވީހާ ވެސް ހާއްސަ ކުރުމުގެ ގޮތުން ކަމަށެވެ. އެކަމަކު ދެ މީހުން ވެސް މި ވަގުތު މަސައްކަތް ގިނަކަމުން އެނިވާސަރީ ޗުއްޓީ އެހާ ދިގު ކުރެވެން ނެތް ކަމަށް ބުންޏެވެ.

"އެނިވާސަރީ ފާހަގަކޮށްފައި ވަރަށް އަވަހަށް އެނބުރި އަންނާނަން،" ވިވެކް ބުންޏެވެ.

ދިވްޔަންކާ ވަނީ އެ މީހުން ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަ ކުރަމުން އަންނަ ރިސޯޓްގައި ނަގާފައިވާ ވީޑިއޯކޮޅެއް ވެސް އިސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

ދެމަފިރިން ރާއްޖެ އައި އިރު، ދެ މީހުންގެ ސިލްސިލާތަކެއް މިހާރު ވެސް އަންނަނީ ދައްކަމުންނެވެ. އެއީ ސްޓާ ޕްލަސް އިން ދައްކާ ދިވްޔަންކާ އިޝިތާ ރަމަން ބައްލާގެ ރޯލް ކުޅޭ "ޔޭ ހޭ މޮހައްބަތޭން" އާއި ދާދި ފަހުން ސޮނީ ދައްކަން ފެށި ވިވެކްގެ "ގަޔާމަތު ކީ ރާތު" އެވެ.

ދިވްޔަންކާއަކީ އިންޑިއާގެ އެންމެ ކާމިޔާ ޓީވީ ބަތަލާއިންގެ ތެރެއިން އެކެކެވެ. އޭނާ ވަނީ ވަރަށް ގިނަ ސިލްސިލާތަކަށް މިހާތަނަށް ކުޅެފަ އެވެ. އޭގެ ތެރޭގައި "ބަނޫ މޭ ތޭރީ ދުލްހަން"، "ތޭރީ މޭރީ ލަވް ސްޓޯރީ" އަދި "ކުޗް ތޯ ހޭ ތޭރޭ މޭރޭ ދަރްމިޔާ" ފާހަގަކޮށްލެވެ އެވެ.

ވިވެކް، 33، އާއި ދިވްޔަންކާ، 33، ވަނީ މިދިޔަ އަހަރު ސްޓާ ޕްލަސް ގެނެސް ދިން ޑާންސް ޝޯ "ނަޗް ބަލިޔޭ 8" ގައި ވާދަކޮށް އެ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ.