07 ޖުލައި 2018 - 12:46

ކީރިތި ޤުރުއާނުގެ އަލްއިސްރާއު ސޫރަތުގެ 23 ވަނަ އާޔަތުން ފެށިގެން އެސޫރަތުގެ 37 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ބަޔާން ކުރައްވާފައި ވަނީ އިސްލާމީ މުޖުތަމަޢެއްގައި ހަމަ ކޮންމެހެންވެސް ހުރުން ލާޒިމު ވެގެންވާ ވަރަށް މުހިންމު ސިފަތަކެކެވެ. މި ސިފަތަކުގެ ތެރެއިން ބައެއް ކަންކަމަކީ މުސްލިމުން ކުރަން ޖެހޭ ކަންތައްތަކެކެވެ. އަނެއްބައި ކަންތައްތަކަކީ މުސްލިމުން ނުކޮށް ދޫކޮށްލަން ޖެހޭ ކަންތައްތަކެކެވެ.
މި އާޔަތްތައް ފެށިފައި ވަނީ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމަށް އޮތް އަމުރަކުންނެވެ. އަދި އެއާ ވިދިގެން ދެން މައިންބަފައިންނާ މެދު ހެޔޮކޮށް ކަންތައް ކުރުމަށް އޮތް އަމުރަކުންނެވެ. މި ދެކަމަކީ ވެސް ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ކަނޑައަޅުއްވާފައިވާ ދެ ކަންތައް ކަމެވެ.
މި ސޫރަތުގެ 23 ވަނަ އާޔަތުގައި ދެން އޮތް ބައިގަ އާއި އަދި ޖެހިގެން އޮތް އާޔަތުގައި ބަޔާން ކުރައްވާފައި ވަނީ މައިންބަފައިންނަށް ހެޔޮކޮށް ކަންތައް ކުރުމުގެ ގޮތުން ކުރަން ޖެހޭ ބައެއް ކަންކަމެވެ. މިގޮތުން ފުރަތަމަ ކަމަކީ ހިތްހަމަ ނުޖެހުމުގެ ގޮތުން ކިތަންމެ ކުޑަބަހެއް އާދެ، "އުފް" ފަދަ ބަހެއް ނަމަވެސް ނުބުނުމެވެ.
ދެވަނަ ކަމަކީ އެދެމީހުންނަށް އަޑުލައި ނުހެދުމެވެ. ތިން ވަނަ ކަމަކީ މާތް ދީލަތި ބަހުން އެދެމީހުންނަށް ވާހަކަ ދެއްކުމެވެ. އެއީ އެ ދެމީހުން ފަހަރެއްގައި ގޯސްކޮށް ކަމެއް ކުޅަ ނަމަވެސް މެއެވެ. ހަތަރުވަނަ ކަމަކީ އޯގާތެރިވުމުގެ ސަބަބުން، ނިކަމެތި ކަމުގެ ފިޔަ، އެދެމީހުންނަށްޓަކައި ތިރިކޮށްލުމެވެ. އެބަހީ އިންތިހާ ދަރަޖައަށް އެދެމީހުންނަށް އޯގާތެރިވުމެވެ. އަދި އެ ދެމީހުންގެ ކުރިމަތީ ތިމާ އަކީ ކިޔަމަންތެރި މީހެއް ކަމުގައި ވުމެވެ.
ފަސްވަނަ ކަމަކީ އެދެމީހުންނަށް ހެޔޮ ދުޢާ ކުރުމެވެ. މިގޮތުން "ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ކުޑަކުއްޖަކު ކަމުގައި ތިމަންވީ ދުވަހު ތިމަންގެ ހާލު ބަލައި ބޮޑުކުޅަ ފަދައިން އެދެމީހުންނަށް ރަޙުމަތް ލައްވާފާނދޭވެ!" މިފަދައިން ދުޢާ ކުރުމެވެ.
މިކަމުގައި ތިމާ ހެޔޮލަފާ މީހަކަށް ވާއިރު ތިމާ އަކީ އިޚުލާޞްތެރި މީހެއް ކަމުގައި ވެސް ވާން ޖެހޭނެ އެވެ. އަދި ގޯސްކޮށް ކަމެއް ކުރެވިފައިވާ ނަމަ ﷲ ގެ ޙަޟްރަތުން މައާފަށް އެދި ތައުބާވާ މީހަކަށް ވެސް ވާން ޖެހޭނެ އެވެ. މިކަންކަމަށް އިޝާރާތް ލިބެނީ 25 ވަނަ އާޔަތުގައިވާ ބަސްފުޅުންނެވެ. މި ތިން އާޔަތުން އެނގިގެން ދަނީ ﷲ އަށް އަޅުވެތިވުމާއި އެ އަޅުވެތިވުމުގައި އިޚްލާޞްތެރިވުމާއި މައިންބަފައިންނަށް، އެމީހުން ދިރިތިބި ހިނދު އާއި މަރުވުމަށް ފަހު ވެސް، ހެޔޮކޮށް ހިތައި އިޙުސާންތެރިވުމަކީ ވަރަށް މުހިންމު ކަންތައްތަކެއް ކަމެވެ.
ދެން 26 ވަނަ އާޔަތުގައި އަންގަވާފައިވަނީ ގާތްތިމާގެ މީހުންނާއި މިސްކީނުންނާއި ދަތުރުމަތީ ހާލުގައި ޖެހިފައިވާ މީހުންނަށް އެމީހުންގެ ހައްގުތައް އަދާކުރުމަށެވެ. އެބަހީ އެމީހުންނަށް އަޅާލައި އެމީހުންގެ މުހުތާދުތައް ފުރިހަމަ ކުރުމެވެ. އަދި އިސްރާފު ނުކުރުމަށެވެ. ވިދިގެންއޮތް އާޔަތުގައި ބަޔާން ކުރައްވަނީ އިސްރާފު ކުރާ މީހުންނަކީ ޝައިޠާނުންގެ އަޚުން ކަމުގައެވެ. އަދި ޝައިޠާނާ ވަނީ ހެއްދެވި ފަރާތަށް ކުފުރުވެފައި ކަމުގައެވެ.
މި ދެއާޔަތުން އެނގި ހާމަވެގެން ދަނީ ތިމާއަށް ﷲ ދެއްވާ މުދަލުން ހެޔޮގޮތުގައި ހޭދަ ކުރުމުގެ ހުރި މުހިންމު ކަމެވެ. ވަކިން ޚާއްޞަކޮށް ގާތްތިމާގެ މީހުންނާއި މިސްކީނުންނާއި ދަތުރުމަތީ ހާލުގައި ޖެހިފައިވާ މީހުންނަށް ހޭދަ ކުރުމެވެ. އަދި މިއާ ޚިލާފަށް ﷲ ތިމާ އަށް ދެއްވާ މުދާތައް ބޭކާރު ގޮތުގައި ނަގާލައި އިސްރާފު ކުރުމުގެ ހުރި ނުރައްކާތެރި ކަމެވެ. އެހެނީ އެގޮތަށް އިސްރާފު ކުރާ މީހަކީ ފަސާދަ ކުރުމާއި ނިއުމަތަށް ކުފުރުވުމާއި ބާތިލު ކަންކަމުގައި ހޭދަ ކުރުމުގައި ޝައިޠާނުންނެކޭ އެއްފަދަވެގެންވާ މީހަކަށް ތިމާ ވެގެން ދާނެތީ އެވެ.
އާދެ، އިސްރާފު ކުރުމުގެ ހުރި ނުބައިކަން ބަޔާން ކުރެއްވުމުން އެއީ ހޭދަ ކުރުމުގައި އޮތް ހައްދުފަހަނައެޅުމެއް ކަން ހާމަވެ އެވެ. އެހެންވެ 28 ވަނަ އާޔަތުގައި ބަޔާން ކުރައްވަނީ ހޭދަކޮށް އުޅުމުގައި އިސްލާމް ދީނުގައި އޮންނަ ރީތި މެދުމިނުގެ ގޮތުގައި ހިފެހެއްޓުމުގެ ވާހަކައެވެ. އާދެ، އެ މެދުމިނަކީ "ކަނދުރާއާ އެކު ކަސްތަޅު އެޅިގެންވާ ގޮތުގައި އަތްތިލަ ނުބޭއްވުމާއި، މުޅިން ފަތުރާލުމަކުން އަތްތިލަ ފަތުރާ ނުލުމެވެ."
މި ބަސްފުޅުގެ މުރާދަކީ މުށްބާރު ނުކުރުމާއި އަތްމަތި ހުސްކޮށް ހޭދަ ނުކުރުމެވެ. މިއިން އެނގިގެން ދަނީ މުދަލާއި ފައިސާ ޚަޒާނާކޮށް ފޮރުވާފައި ބެހެއްޓުމަކީ ނުވަތަ ދަހި މީހަކަށް ވުމަކީވެސް ހައްދުފަހަނައެޅުމެއް ކަމެވެ. އަދި ﷲ ގެ ދީލަތިކަން އެމީހަކަށް ތަސައްވުރު ނުކުރެވޭ ކަމެވެ. އެއީ ޖެހިގެން އޮތް އާޔަތުގައި "ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒުޤު ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ މީހަކަށް ރިޒުޤު) ދަތިކުރައްވަތެވެ." މިފަދައިން ބަޔާން ކުރައްވާފައި ވާތީ އެވެ.
މި ސޫރަތުގެ 31 ވަނަ އާޔަތުގައި ﷲ އަންގަވަނީ ފަގީރު ވެދާނެ ކަމުގެ ބިރަށްޓަކައި ދަރިން ނުމެރުމަށެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި އޮތް މިނުބައި އާދައަކީ ބޮޑުވެގެންވާ ކުށެއް ކަމުގައެވެ. ދަރިންނަށާ އެކު އެކަލާނގެ ރިޒުގު ދެއްވާނެ ކަން ވެސް އެއާޔަތުގައި އަންގަވާފައި ވެއެވެ. މި ޒަމާނުގައި މިފަދަ ޖާހިލު ކަމެއް މަދުން ނޫނީ ނުފެނިދާނެ އެވެ.
އެކަމަކު މި އާޔަތުގެ އަލީގައި ލިބިގަންނަން ޖެހޭ މުހިންމު ފިލާވަޅެއް އެބަ އޮތެވެ. އެއީ ޢާއިލާ ރޭވުމުގައި މަސައްކަތް ކުރާ އިރު ތިމާ ހުރި ފަގީރު ކަމުން ނުވަތަ ތިމާ މުސްތަގުބަލުގައި ފަގީރުވެދާނެތީވެ ދަރިން ނުހޯދައި ތިބުމަކީ ﷲ އަށް އީމާންވާ އީމާންވުމާ ފުށުއަރާނެ ކަމެއް ކަމެވެ. އެކަލާނގެ އިންސާނުންނަށް ދެއްވާ ނިޢުމަތާ މެދު ޝައްކުކޮށް އަމިއްލަ ވިސްނުން މާމޮޅު ކަމަށް ހީވެ ބޮޑާވެވޭ ބޮޑާވުމެއް ކަމެވެ.
މީގެ މާނަ އަކީ ޢާއިލާ އަށް ދުޅަހެޔޮކަން ލިބޭ ގޮތަށް ދަރިން ތަރުބިޔަތު ކުރެވޭ ގޮތަށް ދެ ދަރިންގެ އުފަންވުމުގެ ދުރުމިން ބައްޓަން ކޮށްގެން އާއިލާ ނުރާވާށެކޭ ނޫނެވެ. އެކަމަކު ފަގީރުކަން ބަހަނާ އަކަށް މިކަމުގައި ނުހަދާށޭ އެވެ.
މި ސޫރަތުގެ 32 ވަނަ އާޔަތުގައި ﷲ އަންގަވަނީ ޒިނޭއާ ގާތް ނުވުމަށެވެ. މިތަނުގައި ﷲ ޙަރާމް ކުރައްވަނީ ޒިނޭ ކުރުން އެކަންޏެއް ނޫނެވެ. ޒިނޭއާ ވައިވެސް ނޭޅުމެވެ. އެބަހީ ޒިޏޭ އަށް މަގުފަހިވާނެ ހުރިހާ ކަމަކުން ދުރުހެލިވުމެވެ. އެހެނީ ޒިނޭއަކީ ހުތުރުކަން ބޮޑުވެގެންވާ ފާފައެކެވެ. އަދި މަގެއްގެ ގޮތުން ނުބައިވެގެންވާ މަގެކެވެ.
އެއަށް ފަހުގައި އޮތް 33 ވަނަ އާޔަތުގައި އަންގަވަނީ މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ އިންސާނާ އެއްވެސް ޙައްގަކާ ނުލައި ނުމެރުމަށެވެ. އަދި 34 ވަނަ އާޔަތުގައި އަންގަވަނީ ހެޔޮ ގޮތުގައި ނޫނީ ޔަތީމުންގެ މުދަލާ ގާތް ނުވުމަށެވެ. އެއީ އެކުދިން ބޮޑުވެ ތަސައްރަފު ފުދެންދެނެވެ. ހަމައެއާ އެކު އެއާޔަތުގައި ދެން އަންގަވަނީ ޢަހުދު ތައް ފުއްދުމަށެވެ. ސަބަބަކީ ޢަހުދުތަކަކީ ޤިޔާމަތްދުވަހުން އެއާމެދު މަސްއޫލުވާން ޖެހޭ ކަމެކެވެ.
އެއަށް ފަހު 35 ން 37 އަށް ހުރި އާޔަތްތަކުގައި މިނެކިރުމުގައި ސީދާވެގެންވާ ހަމަ ތިލަފަތުން މިނެކިރުމަށް އަމުރު ކުރައްވާފައި ވެއެވެ. އަދި އެކަމަކާ މެދު އެނގުމެއް ނުވާ ކަންކަމަށް ތަބާ ނުވުމަށް އަމުރު ކުރައްވާފައި ވެއެވެ. އެހެނީ އިވުމާއި ފެނުމާއި ހިތާއި މިއިން ކޮންމެ ކަމަކީ އެކަންކަމާމެދު ސުވާލު ކުރެވޭނެ ކަންކަމެވެ.
މިއާޔަތްތަކުގައި އެންމެ ފަހު ކަމަކަށް އަންގަވާފައި ވަނީ ބޮޑާވެގެންހުރެ ބިންމަތީގައި ހިނގައި ނޫޅުމަށެވެ. އެހެނީ އިންސާނާ އަކީ ނިކަމެއްޗެކެވެ. ކިތަންމެ ބޮޑާވެގެން އުޅުނަސް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެ އެވެ. އަދި ފަރުބަދަތަކާ ހަމައަށް އިސްކޮޅުން ދެމި ނުގަނެވޭނެ އެވެ. އާދެ، މި ހުރިހާ ސިފަތަކަކީ ވެސް އިސްލާމީ މުޖުތަމަޢެއްގެ އަފްރާދުންގައި ހުރުން ވަރަށް މުހިންމު ސިފަތަކެކެވެ. މުޅި މުޖުތަމައުން މި ސިފަތައް ފެންނަން ޖެހޭ ސިފަތަކެކެވެ. ވީމާ ހުރިހާ މުސްލިމުން ވެސް މިކަންކަމަށް ސަމާލުވާން ޖެހެއެވެ.