07 ޖުލައި 2018 - 10:53

އަންނަ ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީން މާލޭގައި ދޮރުން ދޮރަށް ހިނގަން ފަށައިފި އެވެ.

އެ ޕާޓީގެ ހަރުގޭގައި މިއަދު ހެނދުނު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ހަރަކާތް ފައްޓަވައިދެއްވީ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

ދޮރުން ދޮރަށް ހަރަކާތުގައި ރިޔާސީ ކެންޑިޑޭޓް އިބޫއާ އެކު މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަދި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުﷲ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ދޮރުން ދޮރަށް ހިންގާ ހަރަކާތުގައި ރިޔާސީ ކެންޑިޑޭޓު މިއަދު މާލޭގެ ހުރިހާ ދާއިރާއެއްގެ ގޭގެއަށް ވަޑައިގެން މީހުންގެ ހާލު އޮޅުން ފިލުއްވާނެ ކަމަށެވެ.
"މިއަދު ހެނދުނު މި ހަރާކާތް ފެއްޓުމަށްފަހު ފުރަތަމަ މި ފެށީ ހެންވޭރުން. ވަރަށް ޕޮޒިޓިވްކޮށް އަޅުގަނޑުމެން ކެންޑިޑޭޓާމެދު ދެކެނީ،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅުން އެއްބަސްވާ އެއް ކެންޑިޑޭޓަކަށް އިބޫ ކަނޑައަޅާފައިވާއިރު، ރަނިން މޭޓަކު ނިންމަން ޖެހެނީ ޖޭޕީންނެވެ. އަދި އެކަން އަންނަ އަންގާރަ ދުވަހު ނިންމާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.