ބެލްޖިއަމަކީ އާދައިގެ ޓީމެއް ނޫން: ޓީޓޭ
ބެލްޖިއަމަކީ އާދައިގެ ޓީމެއް ނޫން: ޓީޓޭ

ކަޒާން (ޖުލައި 7) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ރޭ ބްރެޒިލް ކަޓުވާލީ އާދައިގެ ޓީމަކުން ނޫން ކަމަށާއި ބެލްޖިއަމަކީ ތަފާތު މޮޅެތި ކުޅުންތެރިން ތިބި ޓީމެއް ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެެވެ.

ރޭގެ މެޗުން ބެލްޖިއަމް މޮޅުވީ މެޗުގެ ފުރަތަމަ 32 މިނިޓް ތެރޭގައި ޖެހި ދެ ގޯލުންނެވެ. ފުރަތަމަ ލަނޑަކީ ބްރެޒިލްގެ ފެނާންޑީނިއޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ލަނޑު ޖެހީ ކައުންޓަ އެޓޭކެއްގައި ކެވިން ޑިބްރޭނާ އެވެ. ދެ ވަނަ ހާފުގައި ބްރެޒިލްގެ ހަމައެކަނި ލަނޑު ޖެހީ ރެނާޓޯ އޮގަސްޓޯ އެވެ.

"އަހަރެން ނުބުނާނަން އަހަރެމެން ނަސީބު ދެރައީއޭ. ބެލްޖިއަމްގައި ތަފާތު މޮޅު ކުޅުންތެރިން އެބަތިބި. ޑިބްރޭނާ، ލުކާކޫ، ހަޒާޑް އަދި ކޮމްޕެނީ، ކޯޓުއާ މިހެން ކިޔާނެ ބައިވަރު ނަންތައް އެބަހުރި. އަހަރެމެން ބަލިވީ އާދައިގެ ޓީމެއް އަތަކުން ނޫން،" ރޭގެ މެޗަށް ފަހު ބްރެޒިލްގެ ކޯޗު ޓީޓޭ ބުންޏެވެ.

މިއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން މޮޅުވި މެޗަށް ފަހު ބްރެޒިލް ވޯލްޑް ކަޕުގެ ނޮކައުޓު ބުރުގައި ޔޫރަޕުގެ ޓީމެއް އަތުން ބްރެޒިލް ބަލިވެ މުބާރާތާ ވަކިވާން ޖެހުނު ހަތަރު ވަނަ ފަހަރެވެ. ބްރެޒިލް އެންމެ ފަހުން ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ކެޓީ 2010 ވަނަ އަހަރު ނެދަލެންޑްސް އަތުންނެވެ. އަދި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އަމިއްލަ ފަސް ގަނޑުގައި ކުޅެގެންވަނީ ޖަރުމަނު އަތުން މުބާރާތުގެ ސެމީ ފައިނަލުގައި 7-1 އިން ބަލިވެފަ އެވެ.

ރޭގެ މެޗުގެ ކުރިން ބްރެޒިލް އެންމެ ފަހުން ކުޅުނު 15 މެޗުން ވެސް ބަލިވެފައިނުވާއިރު، އެ މެޗުތަކުގައި އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ތިން ގޯލެވެ. ރޭގެ މެޗުގައި ބްރެޒިލް ކޮޅަށް ދެ ލަނޑު ވަންއިރު މިއީ 2016 ވަނަ އަހަރުގެ މާޗް މަހަށް ފަހު ބްރެޒިލް ކޮޅަށް ދެ ގޯލު ވަން ފުރަތަމަ ފަހަރެވެ.

"އަހަރަމެން މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދިން. އެކަމަކު ނަތީޖާއެއް ނެރެވޭނީ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އެކަން ކުރީ ބެލްޖިއަމުން." ޓީޓޭ ބުންޏެވެ. "އަހަރެން ނެތިން ވަކިވަކި ކުޅުންތެރިން ބޮލުގައި ޒިންމާ އަޅުވަން. ދެން އޮތީ ކަންތައްތައް ހިނގާދިޔަ ގޮތްތައް ހޯދައި ދިރާސާކޮށް އެކަން ރަނގަޅުކުރުން."

އެންމެ ފަހުން ވޯލްޑް ކަޕަށް ފަހު ބްރެޒިލްގެ ކޯޗަކަށް އޭރުހުރި ލުއިސް ފިލިއްޕޭ ސްކޮލާރީ ވަނީ މަގާމުން ދުރުކޮށްފަ އެވެ. ރޭގެ މެޗަށް ފަހު ޓީޓޭ ބުނީ މި ނާކާމިޔާބީ އަކީ އޭނާގެ ވަޒީފާ ގެއްލެން ޖެހޭ ސަބަބެއް ކަމަށް ނޭނގޭ ކަމަށާއި މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.