އުރުގުއޭ ބަލިކޮށް ފްރާންސް ސެމީ އަށް
އުރުގުއޭ ބަލިކޮށް ފްރާންސް ސެމީ އަށް

ނިޒްނީ ނޮވޮގްރޯޑް، ރަޝިއާ (ޖުލައި 6) – އުރުގުއޭ އަތުން 2-0 އިން މޮޅުވެ ފްރާންސުން 12 އަހަރަށް ފަހު ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޒުވާން ހުނަރުވެރި އާ ޖީލަކާ އެކު ނުކުމެ އޮތް ފްރާންސުން މާ ބޮޑު އުނދަގުލަކާ ނުލާ މުބާރާތުގެ ގަދަ ހަތަރު ޓީމުގެ ތެރެއިން ފުރުސަތު ހޯދިއިރު، ސެމީގައި ބައްދަލުކުރާނީ މިރޭ ބްރެޒިލާއި ބެލްޖިއަމް ކުޅެ މޮޅުވާ ޓީމަކާ އެވެ.

އަނިޔާގެ ސަބަބުން މުހިއްމު ފޯވާޑް އެޑިންސަން ކަވާނީ އަށް ކުޅެވޭ ގޮތް ނުވުމުން އުރުގުއޭގެ އެޓޭކް މިރޭ ފެނިގެން ދިޔައީ ނުރައްކާ ކުޑަކޮށެވެ. ފްރާންސުން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް ވެސް މާގިނަ ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ. އެކަމަކު ގޯލަށް އަމާޒުކުރެވުނު ދެ ބޯޅަ ވެސް ގޯލަށް ވައްދާލައި ނަތީޖާ ނެރުނެވެ.

އެ ޓީމުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ސެންޓްރަލް ޑިފެންޑަރު ރަފައެލް ވަރާން ޖެހި ގޯލުންނެވެ. އެންޓޮއިން ގްރިޒްމަން ނެގި ހުރަސް ވަރާން ބޮލުން ޖަހައި ގޯލަށް ވައްދާލީ އުރުގުއޭ ކްރިސްތިއަން ސްޓުއާނީ އެ ބޯޅަ ދިފާއުކުރަން ޖަހަޖަހާ އޮއްވަ އެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އުރުގުއޭ އިން އެއްވަރުކުރުމާ ގާތަށް ދިޔަ ނަމަވެސް ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޯގޫ ލޮރިސްގެ ކުޅަދާނަކަމުން އެކަންނުވީ އެވެ. އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އުރުގުއޭގެ ފުލްބެކް މާޓިން ސަސެރަސް ގޯލް ކުރިމަތީ ހުހަށް ހުރެ ބޮލުން ޖެހުމުން ލޮރިސް ހުށިޔާރުކަމާ އެކު އެ ބޯޅަ މަތަކުރި އެވެ. މިއީ މުބާރާތުގައި ފެނިގެން ދިޔަ އެންމެ މޮޅު އެއް ސޭވެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު އަނެއްކާ ވެސް ފްރާންސަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ޕައުލް ޕޮގްބާ ބޮލުން ޖަހަޖަހާ އޮއްވާ އުރުގުއޭގެ ގޯލްކީޕަރު ފެނާންޑޯ މުސްލެރާ އެ ބޯޅަ ދިފާއުކުރި އެވެ. އެކަމަކު އޭނާ މި މުބާރާތުގައި ދެއްކި މޮޅުން ބޭކާރުވެގެން ދިޔައީ އޭގެ އިރުކޮޅެއް ފަހުން ހެދުނު ގޯހުންނެވެ. އެގޮތުން 60 ވަނަ މިނެޓުގައި ފްރާންސުން ލީޑު ފުޅާކުރީ އޭރިއާ ބޭރުން އެ ޓީމުގެ ގްރިޒްމަން ފޮނުވާލި ޝޮޓް މުސްލެރާ ހިފި ނަމަވެސް އަތުން ދޫވެ ގޯލަށް ވަނުމުންނެވެ.

މެޗުގެ ފަހުކޮޅު ފްރާންސްގެ ކޮރެންޓިން ޓޮލީސޯ ތިން ވަނަ ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެކަމަކު އޭނާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ބޯލަ ދިޔައީ ކުޑަ ތަންކޮޅެއް މަތިންނެވެ.

ފްރާންސުން އެންމެ ފަހުން ވޯލްޑް ކަޕުގެ ފައިނަލަށް ދިޔަ އަހަރު ކަމަށްވާ 2006 ގައި ފައިނަލުގައި ކުޅުނެވެ. އެކަމަކު އިޓަލީ އަތުން ބަލިވީ އެވެ. އޭގެ ކުރިން 1998 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި އެވެ. އޭގެ ކުރިން ސެމީ ގައި ކުޅުނު ތިން ފަހަރު ވެސް ބަލިވީ އެވެ. އެގޮތުން 1958 ވަނަ އަހަރާއި 1986 ވަނަ އަހަރު ތިން ވަނަ ހޯދިއިރު 1982 ވަނަ އަހަރު ދިޔައީ ހަތަރު ވަނަ އަށެވެ.

މިހާރުގެ ސްކޮޑް ގޮވައިގެން ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި ވެސް ކުޅެފަ އެވެ. އޭނާ އަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސް ކާމިޔާބުކުރިއިރު ކެޕްޓަނެވެ.