07 ޖުލައި 2018 - 09:24

ބަލްގޭރިއާގެ ހޮސްޕިޓަލެއްގައި، އުމުރުން އެންމެ ހަތަރު ދުވަހުގެ ކުއްޖަކަށް އަނިޔާކުރި ފޫޅުމަޔަކު 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
މި މީހާ ކުއްޖާ އަށް އަނިޔާކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. މި އަނިޔާވެރި އަމަލު ބޭޒާރުވީ ލީކުވި ވީޑިއޯ ފުޓޭޖަކުންނެވެ.
އެ ވީޑިއޯގައި ފެންނަނީ ހޮސްޕިޓަލްގެ ނާސަރީގައި ބައިތިއްބާފައި ތިބި ކުދިންގެ ތެރެއިން ކުއްޖެއްގެ ގައިގައި އަންހެނަކު ތަޅާ ތަނެވެ. ނާސަރީއާ ހަވާލުވެގެން ހުރި ފޫޅުމާ އެމިލިއާ ކޮވަޗޭވާ ކުއްޖާ އަށް އަނިޔާކުރަނީ އެ ކުއްޖާ ރުއިން ހުއްޓާނުލުމުން އެހެން ކުދިން ހޭލާތީ އެކަމާ ރުޅިގަދަވެގެންނެވެ.
މި ވީޑިއޯ ދައުރުވާން ފެށުމާ އެކު ހޮސްޕިޓަލަށް އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެ، ފޫޅުމަޔާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅަން ގޮވައިލި އެވެ. މިހާރު މި މައްސަލާގައި އެމީލިއާ އަށް ދައުވާކޮށް ޝަރީއަތް ހިންގައި އޭނާ ވަނީ 18 އަހަރަށް ޖަލަށް ލައިފަ އެވެ. އެމީލިޔާއަކީ ވެސް ދެ ކުދިންގެ މަންމައެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ތުއްތު ކުއްޖާ ނިކޯލް ޑިމިޓްރޯވާ ވަނީ އެޕިލެޕްސީ އަށް ޑައިގްނޯޒް ކޮށްފަ އެވެ. އެއީ ކުޑައިރު ބޮލަށް އަނިޔާވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.