07 ޖުލައި 2018 - 09:23

މައިންބަފައިންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ބައެއް ނަމަ ދަރިންގެ ސިއްހަތަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. ފަހުގެ ދިރާސާއެއްގައި މިހާރު ބުނަނީ ދަރިންގެ ކައިރީގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ، ނިދީގައި ގުގުރި ދަމާ މައްސަލަ ދަރިންނަށް ކުރިމަތި ވެދާނެ ކަމަށެވެ.
އެޕިޑެމޮލޮޖީ އެންޑް ކޮމިއުނިޓީ ހެލްތު ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ގޭތެރޭގައި މައިންބަފައިން ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ، އެކަމުގެ ސަބަބުން ދަރިންނަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން ހިތުގެ މައްސަލަތަކާއި ސްޓްރޯކާއި ލޭގެ ޕްރެޝަރަށް ނޭދެވޭ އަސަރު ކުރާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ނޭވާ ހިއްލުމާއި ކަންފަތުގެ އިންފެކްޝަނަށް ވެސް ދުންފަތުގެ ދުމުން ދަރިން ހުށަހެޅި ދާނެ އެވެ. މާބަނޑު ދުވަސްވަރު ވެސް އަންހެނުން ދުންފަތުގެ އިސްތިއުމާލު ނުކުރަން ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދެނީ މިފަދަ ސަބަބުތަކާ ހެދި އެވެ.
އެހެންވެ "ސެކަންޑްހޭންޑް ސްމޯކިން" އިން ދަރިން ރައްކާތެރިކޮށް، ބޮޑެތިވަމުން އަންނަ ދަރިންނަށް ސިއްހީ ގޮތުން ރައްކާތެރި ދުޅަހެޔޮ މާހައުލެއް ހޯދައި ދިނުން މުހިއްމު ކަމަށް ދިރާސާގައި ބުންޏެވެ.