އާތިޔާ އާއި ނަވާޒުއްދީން: ތަފާތު ޖޯޑެއް
އާތިޔާ އާއި ނަވާޒުއްދީން: ތަފާތު ޖޯޑެއް

މިއީ ފަހަރުގައި ބެލުންތެރިން ހަމަ އެއްގޮތަކަށް ވެސް އުންމީދު ނުކުރާ ކަހަލަ ސްކްރީން ޖޯޑަކަށް ވެދާނެ އެވެ. އެކަމަކު ޒުވާން ބަތަލާ އާތިޔާ ޝެޓީ އާއި ނަވާޒުއްދީން ސިއްދީގީ މިހާރު ވަނީ ވެޑިން ކޮމެޑީއަކަށް ސޮއިކޮށްފަ އެވެ.

ކައިވެންޏަކަށް ތައްޔާރުވާ ދެ މީހަކާއި އެ ދެ މީހުންގެ އާއިލާގެ ތެރޭގައި ހިނގާ ހެއްވާ މަޖާ ހާދިސާތަކެއްގެ ބިނާކޮށް ހަދާ ފިލްމްގެ ނަމަކީ "މޯޓީޗޫރް ޗަކްނަޗޫރް" އެވެ. މި ފިލްމް ލިޔެ، ޑައިރެކްޓް ކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ދެބާމިތުރާ ހަސަން އެވެ.

ލަކްނޫގައި އަންނަ ސެޕްޓެމްބަރު މަހުގެ 23 އިން ފެށިގެން ޑިސެމްބަރާ ހަމައަށް ކުރިއަށް ގެންގޮސް ޝޫޓިން ނިންމަން އަމާޒު ހިފާފައިވާ "މޯޓީޗޫރް ޗަކްނަޗޫރް" ގެ ޕްރޮޑިއުސަރު ރާޖޭޝް ބާޓިއާ ބުނީ މިއީ އޭނާ މިހާތަނަށް ކީ އެންމެ މަޖާ ސްކްރިޕްޓް ކަމަށެވެ. އަދި މި ފިލްމަކީ ބެލުންތެރިން ހީހީ ހަލާކުވާ ވަރުގެ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް އޭނާ ބުންޏެވެ.

ރާޖޭޝް ބުނި ގޮތުގައި "މޯޓީޗޫރް ޗަކްނަޗޫރް" ނަވާޒުއްދީން އެއްބަސްވީ މީގެ ސްކްރިޕްޓްގެ ފުރަތަމަ 15 ވަރަކަށް މިނިޓް އޭނާ އަށް ކިޔައި ދިން ތަނާ އެވެ އެވެ.

"އޭނަ ވަރަށް ގަޔާވި އެއްޗަކަށް މީތިވީ. އެހެންވެ ވަގުތުން އެއްބަސްވި. އަހަރެން ބުނާނީ ނަވާޒުއްދީނާއި އާތިޔާގެ ރޯލްތަކުން ބެލުންތެރިން ހަމަ ސިނަމާތަކުގައި ހެއްވާލާނޭ،" އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ފިލްމް "ހީރޯ" އިން 2015 ގައި ބޮލީވުޑަށް ނުކުތް ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ، 25، މިހާތަނަށް ކުޅެފައި ވަނީ އެންމެ ދެ ފިލްމެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "މުބާރަކަން" އިންނެވެ.

އެކަމަކު ކަޝްމީރުގެ މަޝްހޫރު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އަފްޝާން އާޝިގްގެ ވާހަކަ ކިޔައިދޭ "ހޯޕް ސޯލޯ" އަށް ވެސް އާތިޔާ ސޮއިކޮށްފައިވެ އެވެ.

ނަވާޒުއްދީން، 44، އަކީ ބޮލީވުޑްގެ މެތަޑް އެކްޓަރުންގެ ތެރެއިން މިހާރު ވެސް އެންމެ ޑިމާންޑް ބޮޑު އެކެކެވެ. ކާމިޔާބު އެތައް ފިލްމެއްގައި މިހާތަނަށް މަސައްކަތްކޮށްފައިވާ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މެއި މަހު ބޭއްވި ކާންސް ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ކުރި "މަންޓޯ" އިންނެވެ.

މި އަހަރު ރިލީޒްވާން ހުރި ނަވާޒުއްދީންގެ އިތުރު ފިލްމްތަކުގެ ތެރޭގައި އިންޑިިއާގެ ކުރީގެ ސިޔާސީ ލީޑަރު ބަލް ތަކެރީގެ ބައޮޕިކް "ތަކެރީ" އާއި "ގަދަރު" ފަދަ ފިލްތައް ގެނެސް ދިން ޑައިރެކްޓަރު އަނިލް ޝަރްމާގެ ފިރިހެން ދަރިފުޅު އުތުކާޝް ޝަރްމާ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމް "ޖީނިއަސް" ހިމެނެ އެވެ.