06 ޖުލައި 2018 - 18:24

ދިރާގުގެ އިންޓަނެޓްގެ ބައެއް ޕެކޭޖްތަކަށް މަހަކު ދޭ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ލިބޭ އިންޓަނެޓްގެ ސްޕީޑް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަށްކުރުމުން، ކަސްޓަމަރުންގެ ޝަކުވާ ކުރާތީ ސްޕީޑް އިތުރުކޮށްފި އެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިރާގުން ގެނައި ބަދަލާ ގުޅިގެން، އެންމެ އަގުހެޔޮ ދެ ޕެކޭޖްގެ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ސްޕީޑް 256 ކޭޕީބީއެސް އަށް ދަށްވެ އެވެ. އަދި މަހަކު 1،090ރ. ދައްކައިގެން ލިބޭ ފައިބާ 10 އެމް ޕްރިމިއަމުން ފެށިގެން ފައިބާ 5އެމް ޕްލަސް ސްޕީޑް 512 ކޭޕީބީއެސްއަށް ދަށްވެ އެވެ.
ދިރާގުން އެ ބަދަލު ގެނައުމުގެ ކުރިން ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ކޮންމެ ޕެކޭޖެއް ވެސް 1 އެމްބީޕީއެސް ސްޕީޑްގައި ބޭނުންކުރެ އެވެ.
އެ ކުންފުނިން ދޭ އިންޓަނެޓް ޕެކޭޖްތަކަށް މަހަކު ލިބޭ އެލަވަންސް ހަމަވުމުން ސްޕީޑް ދަށްކުރުމުން ގިނަ ބަޔަކު އެކަމާ ސޯޝަލް މީޑިއާ ޝަކުވާކޮށް، ދިރާގަށް ފާޑުކިޔާފައިވެ އެވެ.
ކަސްޓަމަރުން ފާޑުކިއުންތަކާ ގުޅިގެން ދިރާގުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ކަސްޓަމަރުންގެ އަޑު އަހައިފި ކަމަށާއި ފިކްސްޑް ބްރޯޑް ޕެކޭޖްތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ ޕެކޭޖްތަކަށް ގެނައި ބަދަލާ ގުޅިގެން ޕޮޒިޓިވް ފީޑް ބެކް ލިބުނުއިރު ކަސްޓަމަރުންގެ ފަރާތުން ކަންބޮޑުވުންތަކެއް ލިބުނު ކަމަށެވެ. އަދި އެކަމާ ގުޅިގެން، ޑޭޓާ އެލަވަންސް އިތުރުކޮށް، އަގު ހެޔޮ ޑޭޓާ ބޫސްޓާތައް ތައާރަފްކުރި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ކަސްޓަމަރުންގެ އަގުހުރި ހިޔާލުތަކަށް ޝުކުރު އަދާކުރަން. މި ބަދަލު ގެނައިރު، އަޅުގަނޑުމެން ވާނީ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ލިބޭ 256 ކޭޕީބީއެސް ސްޕީޑް ނުހިމަނާ ގޮތަށް ނިންމާފައި،" ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނީ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން، ކުރިއެކޭ އެއްގޮތަށް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 1 އެމްބީޕީއެސް ސްޕީޑްގައި އިންޓަނެޓް ލިބޭނެ ކަމަށެވެ.
ދިރާގުން ގެނައި ބަދަލާ ގުޅިގެން މަހަކު 790ރ. ދައްކައިގެން ލިބޭ ފައިބާ 5 އެމް ޕްރިމިއަމުން ފެށިގެން ދަށުގެ ޕެކޭޖްތަކުގެ މަހަކު ލިބޭ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ލިބޭނީ 512 ކޭޕީބީއެސް ސްޕީޑްގަ އެވެ. އެ ޕެކޭޖުން ފެށިގެން އަގުބޮޑު ޕެކޭޖްތަކަށް ކުރިއެކޭ އެއްގޮތަށް ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން 1 އެމްބީޕީއެސް ސްޕީޑްގައި އިންޓަނެޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.