31 ޖުލައި 2016 - 08:18

ތޫނިސް (ޖުލައި 31) - ޓިއުނީޝިއާގެ ބޮޑު ވަޒީރު ހަބީބު ސައިދުގެ އިތުބާރު ނެތް ކަމަށް އެ ގައުމުގެ ޕާލަމެންޓުން ފާސްކުރުމާ އެކު ސަރުކާރު އިސްތިއުފާ ދޭން ޖެހިއްޖެ އެވެ.
އެމެރިކާ އިން ކިޔަވާ ވިދާޅުވެފައިވާ އިގްތިސާދީ މާހިރާ ދެކޮޅަށް ޕާލަމެންޓުގެ 188 މެންބަރުން ވަނީ ވޯޓު ދީފަ އެވެ. އޭނާ އަށް ތާއީދުކުރީ އެންމެ އަށް މެންބަރުންނެވެ.
ވެރިކަމުގައި އަދި ދެ އަހަރުވެސް ހަމަނުވާ ސައިދު ވައުދުވެވަޑައިގެންނެވި އިގްތިސާދީ އިސްލާހީ މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުދާތީ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފަ އެވެ. ރައީސް ބާޖީ ސައިދު އަސަބްސީ މިދިޔަ މަހު ވަނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ވެސް ގޮވާލައްވައިފަ އެވެ. ނަމަވެސް ބޮޑު ވަޒީރު ސައިދު ވަނީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާ، ޕާލަމެންޓުން އޭނާއާ މެދު ގޮތެއް ނިންމުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ޒައިނުލް އާބިދީންގެ ސަރުކާރު 2011 ވަނަ އަހަރު ވައްޓާލި ފަހުން ޓިއުނީޝިއާގެ އިގްތިސާދު ދަށްވެ، ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. ޓިއުނީޝިއާގެ ޒުވާނުންގެ ތިންބައިކުޅަ އެއްބައި ތިބީ ވަޒީފާއެއް ނެތި އެވެ.
ބޮޑު ވަޒީރު ސައިދު ތުހުމަތު ކުރެއްވި ގޮތުގައި ޓިއުނީޝިއާގެ ބޮޑެތި ޕާޓީތަކުން ދިޔައީ ކެބިނެޓަށް ބަދަލު ގެނައުމަށް އޭނާ އަށް ޕްރެޝަރު ކުރަމުންނެވެ. އާ ބޮޑު ވަޒީރަކު އައްޔަން ކުރުމާ ބެހޭ ގޮތުން ޕާލަމެންޓުގައި މަޝްވަރާ ކުރަން ފަށާނީ މާދަމާ އެވެ.