ހޮހޮޅައިގައި ތިބި ކުދިންނަށް ފީފާ ރައީސްގެ ދައުވަތެއް
ހޮހޮޅައިގައި ތިބި ކުދިންނަށް ފީފާ ރައީސްގެ ދައުވަތެއް

މޮސްކޯ (ޖުލައި 6) - ތައިލެންޑުގެ ހޮހޮޅައިގައި ތާށިވެފައި ތިބި ކުދިންނަށް މި ފަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗު ބެލުމަށް ރަޝިއާ އަށް އައުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދައުވަތު ދެއްވައިފި އެވެ.

ހޮހޮޅައިގައި ތިބި ކުދިންނަށް ފީފާ ރައީސްގެ ދައުވަތެއް
ހޮހޮޅައިގައި ތިބި ކުދިންނަށް ފީފާ ރައީސްގެ ދައުވަތެއް

ވައިލްޑް ބޮއާސް ނަމަކަށް ކިޔާ ޓީމުގައި ހިމެނޭ އުމުރުން 11-16 އަހަރާ ދެމެދުގެ 12 ކުދިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވީ ޖޫން 23 ވަނަ ދުވަހު އެވެ. އެ މީހުން ހޮހަޅަ އަށް ވަން އިރު މޫސުން ރަނގަޅެވެ. އޭގެ ފަހުން ގަދަޔަށް ވާރޭ ވެހި ހޮހަޅައިގައި ފެންބޮޑުވުމުން އެ ކުދިންނަށް ނުކުމެވޭނެ ގޮތެއް ނެތި ތާށިވީ އެވެ. ނުވަ ދުވަސް ފަހުން އެ ކުދިން ހޯދީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނެވެ.

ތައިލެންޑުގެ ޗިއާން ރައި ޕްރޮވިންސްގެ ގަވަރުނަރު ނަރޮންގްސަކް އޮސަޓަނަކޯން ވަނީ އެ ކުދިން ނެރުމުގެ މަސައްކަތް ފަށާނީ އެއްވެސް ރިސްކެއް ނެތް ކަމުގެ 100 ޕަސެންޓް ޔަގީންކަން ލިބުމުން ކަމަށް ވިދާޅުވެފަ އެވެ.

އިންފަންޓީނޯ ވިދާޅުވީ ފީފާއިން ވެސް އެދެނީ ސަލާމަތް ސިއްހަތެއްގައި އެ ހުރިހާ ކުދިންނަށް އަނބުރާ އާދެވޭނެ ކަމަށެވެ. އަދި އޭނާ ވަނީ އެ ހުރިހާ ކުދިންނަށް މި ފަހަރުގެ ވޯލްޑް ކަޕް ފައިނަލް ބަލައިލަން ހާއްސަ ދައުވަތެއް ދެއްވައިފަ އެވެ.

"އަހަރެމެން އެންމެން މި އުއްމީދުކުރާ ގޮތަށް އެ ކުދިން އެ ތަނުން (ހޮހޮޅައިން) ސަލާމަތްވެ އަމިއްލަ އާއިލާއާ ބައްދަލުވެ އެ މީހުންގެ ސިއްހީ ހާލަތު ދަތުރުކުރަން ތަންދޭނަަމަ އަހަރެން ބޭނުން އެ ހުރިހާ ކުދިން މި ފަހަރު މޮސްކޯގައި ޖުލައި 15 ވަނަ ދުވަހު އޮންނަ ވޯލްޑް ކަޕް ފައިނަލަށް ގެންނަން. އެ ކުދިން އަންނާނީ ހާއްސަ މެހެމާނުންގެ ގޮތުގައި،" ތައިލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އިންފަންޓީނޯ ފޮނުއްވި ސިޓީއެއްގައިވެ އެވެ. "މިއީ މުޅި ދުނިޔެ ބަލާނެ ފައިނަލެއް. އެ ކުދިން ކުރި ހިތްވަރަށް މީހުން ސާބަސްދޭނެ މަންޒަރު މުޅި ދުނިޔެ ދެކެން ބޭނުންވާނެ."

ތައި ނޭވީ ސީލުން ބުދަ ދުވަހު އާއްމު ކުރި ވީޑިއޯގައި ހޮހޮޅައިގައި ތާށިވި ހުރިހާ ކުދިން ވެސް ވަނީ އެ ކުދިން ތިބީ ރަނގަޅު ސިއްހަތެއްގައި ކަމަށް ބުނެފަ އެވެ. ކޮންމެ ކުއްޖަކު ވެސް އަމިއްލަ އަށް ތައާރަފްވަމުން ދިޔަ އިރު ތިބީ ހިނިތުންވުމުގަ އެވެ. ގިނަ ކުދިން ތިބީ ފޮއިލް ބްލެންކެޓުގަ އެވެ. އަދި ބައެއް ކުދިން ޖޯޒީގައި ވެސް ތިއްބެވެ.

އެ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އެ ކުދިންނަށް އޮތް ސަޕޯޓް ދައްކުވައިދީ ވީޑިއޯތައް އާންމުކުރަމުންނެވެ. ޖަޕާނުގެ ފުޓްބޯޅަ ޓީމާއި ކްރޮއޭޝިއާގެ ފުޓްބޯޅަ ޓީމުގެ އިތުރުން ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ އަދި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ސޯޝަލް މީޑިއާގައި އެ ކުދިންނަށް އޮތް ސަޕޯޓް ހިއްސާކޮށްފަ އެވެ.