ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އިސްލާމްއާބާދު (ޖުލައި 6) - ލަންޑަނުން ލަގްޒަރީ އެޕާޓްމަންޓްތަކެއް ގަނެފައި ވަނީ ކޮރަޕްޝަނުގެ ތެރޭން ކަމަށް ބުނެ، ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން އެ ގައުމުގެ އެކައުންޓިބިލިޓީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނޭޝަނަލް އެކައުންޓެބިލީ ބިއުރޯ (އެންއޭބީ) ކޯޓުން އިއްވި ހުކުމުގައި ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒުގެ މައްޗަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ހުކުމް އިއްވީ ނަވާޒް ޝަރީފާއި މަރިޔަމްގެ ޣައިރު ހާޒިރުގަ އެވެ. ނަވާޒް ޝަރީފްގެ އަނބިކަނބަލުން ކުލްސުމް ނަވާޒުގެ ހާލު ދެރަވުމުން އެ އާއިލާ މިހާރު ތިބީ ލަންޑަނުގަ އެވެ. މީގެ އިތުރުގެ ނަވާޒް ޝަރީފުގެ ދަނބިދަރިކަލުން ކެޕްޓަން (ރިޓަޔާޑް) ސަފްދާރު އެއް އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

އެވެންފީލްޑް ރިފަރެންސްގެ ގޮތުގައި މަޝްހޫރުވި މި މައްސަލައިގެ ހުކުމާ ގުޅިގެން މި މަހު 25 ގައި އޮންނަ ޕާކިސްތާނުގެ އާއްމު އިންތިޚާބުގައި މަރިޔަމް އަށް ވާދައެއް ނުކުރެވޭނެ އެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކުރިން ވަނީ ސިޔާސީ މަގާމުތައް ފުރުން ނަވާޒް ޝަރީފަށް އުމުރަށް މަނާކޮށްފަ އެވެ.

ގައުމުން ބޭރުގައި ވިޔަފާރި ހިންގަމުންދާ ކަމަށް ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ އާއިލާގެ މެންބަރުން ހިމެނޭ ކަމަށް ބުނެ އެ މައްސަލަ ބެލުމަށް އިދިކޮޅު ޕާޓީތަކުން ވަނީ ހުށަހަޅައިގަ އެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހު ނިންމާފައި ވަނީ ބޮޑު ވަޒީރުކަމުގެ މަގާމުގައި ހުރުމުގެ ޝަރުތު ނަވާޒް ޝަރީފު ފުރިހަމަ ނުވާ ކަމަށެވެ. އަދި ހުކުމަށް ތަބާވުމުގެ ގޮތުން ނަވާޒް ޝަރީފް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.