ރަޝިއާގެ ހިތި ހަނދާންތަކުން ސިލްވާ އަށް ހިތްވަރު
ރަޝިއާގެ ހިތި ހަނދާންތަކުން ސިލްވާ އަށް ހިތްވަރު

މީގެ 13 ވަރަކަށް އަހަރު ކުރިން 2005 ވަނަ އަހަރުގެ ޖުލައި މަހު ބްރެޒިލަށް ކުރިން ކުޅުނު އިވޯ ވޯޓްމަން، ރަޝިއާގެ ކްލަބް ޑައިނަމޯ މޮސްކޯގެ ކޯޗުކަމާ ހަވާލުވިއިރު، އެ ޓީމުގެ ކުޅުންތެރިންނާ ބެހޭ މާ ބޮޑު މައުލޫމާތެއް ލިބިފައި ނެތެވެ. އެކަމަކު ބެލިބެލުމުން އެ ޓީމުގައި ބްރެޒިލަށް ނިސްބަތްވާ އޭރު އުމުުރުން 20 އަހަރުގެ ތިއާގޯ ސިލްވާ ހުރުމުން އުފަލެއް އޮތެވެ. އެއީ ސިލްވާ އަކީ ކުރިން ބްރެޒިލްގެ ޔުވެންޓިއުޑުގައި ވޯޓްމަންއާ އެކު މަސައްކަތްކުރި ކުޅުންތެރިއަކަށްވާތީ އެވެ. އެކަމަކު ހުރިހާ ކަމެއް ބަދަލުވެ، ވޯޓްމަންގެ ހިތްކުދިކުދިވީ، ޑައިނަމޯ މޮސްކޯގައި ސިލްވާ ފެނުނު ދުވަހު އެވެ.

ރަޝިއާގެ ހިތި ހަނދާންތަކުން ސިލްވާ އަށް ހިތްވަރު
ރަޝިއާގެ ހިތި ހަނދާންތަކުން ސިލްވާ އަށް ހިތްވަރު

"އަހަންނަށް ލިބުނީ ޝޮކެއް. ގަބޫލުކުރަން ވެސް ދަތިވި. އެއީ ތިއާގޯ (ސިލްވާ) ކަން ވެސް ރަނގަޅަށް ވަކިކުރަން ނޭނގުނު. އޭނާ ހުރީ 10 ނޫނީ 12 ވަރަކަށް ކިލޯ އިތުރުވެ ވަރަށް ބޮޑަށް ހަށިގަނޑު ފަލަވެފައި. އެއީ އޭނާ ރަޝިއާ އަށް އައި ފަހުން ޖެހުނު ބައްޔެއްގެ ސަބަބުން ނެގި ބޭސްތަކަކާ ހެދި. ރޮވިފައިހުރެ އޭނަ އަށް ވާހަކަ ދެއްކުނީ ވެސް ކިރިޔާ،" ސިލްވާ ފެނުނު ފުރަތަމަ ދުވަހާ ބެހޭގޮތުން ވޯޓްމަން ކިޔައިދިނެވެ.

ރަޝިއާގެ ހިތި ހަނދާންތަކުން ސިލްވާ އަށް ހިތްވަރު
ރަޝިއާގެ ހިތި ހަނދާންތަކުން ސިލްވާ އަށް ހިތްވަރު

އެ އަހަރު ޖެނުއަރީ މަހު ރަޝިއާ އަށް ދިޔަތަނުން ސިލްވާ އަށް ޖެހުނީ ފުއްޕާމޭގެ އިންފެކްޝަނެކެެވެ. ޑައިނަމޯ ޓީމުގެ މެޑިކަލް ޓީމުން އެހާ ސަމާލުކަމެއް ނުދީ ސިލްވާ އަށް ދީފައި ހުރި ބޭސްކައިގެން އޭނާގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. ޑައިނަމޯ އިން ސިލްވާ އެ އަހަރު ޖެނުއަރީ މަހުގައި ސޮއިކުރުވީ އެންމެ ފުރިހަމަ މެޑިކަލް ޓެސްޓްތަކެއް ހެދުމަށް ފަހުއެއް ނޫނެވެ.

ވޯޓްމަން އަށް އެކަން އެނގުމާ އެކު ވަގުތުން ސިލްވާގެ ބޭސްފަރުވާގެ ކަންތައްތައް ފެށި އެވެ. ސިލްވާ އަށް މޮސްކޯގެ ހޮސްޕިޓަލެއްގައި ފަރުވާދޭން ފެށުމަށް ފަހު ހާލު ސީރިއަސްކަމުން އޭނާ ގާތަށް އެއްވެސް މީހަކު ދިއުން މަނާކުރި އެެވެ.

ވޯޓްމަން ދިޔައީ ސިލްވާގެ ފަރުވާގެ ކަންތައްތައް ދުވަހުން ދުވަހަށް ބަލަމުންނެވެ. އެއް ދުވަހަކު ސިލްވާ އަށް ފަރުވާދޭ ޑޮކްޓަރު ވަނީ ސިލްވާގެ ފުއްޕާމޭގައި ލޯވަޅެއް އެޅިފައިވާ ކަމަށް ބުނެފަ އެވެ. އަދި ސާޖަރީއެއް ހަދައިގެން އެކަން ރަނގަޅުވި ނަމަވެސް ސިލްވާ އަށް އަލުން ފުޓްބޯޅަ ދަނޑަށް ނުކުތުމުގެ ރިސްކު ބޮޑުކަމަށް ޑޮކްޓަރު ލަފާދިނެވެ.

ޑައިނަމޯއާ ސިލްވާ ގުޅުނީ ޕޯޓޯގެ ބީ ޓީމުން އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އެ މުއްދަތު އެއްކޮށް ހަމަނުވަނީސް ސިލްވާގެ އޭޖެންޓް ޕައޮލޯ ޓޮނިއޭޓޯ ވަނީ އޭނާ އަނބުރާ ޕޯޗުގަލަށް ގެންގޮސްފަ އެވެ. އެއީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އޭނާ ޕޯޓޯ އަށް އެނބުރި އައީ ހަ މަސް ދުވަހު ރަޝިއާގައި ހުރެ މަރާ ހަނގުރާމަ ކުރުމަށް ފަހު އެވެ. އެ ތަނުން ފަރުވާ ދިން ޑޮކްޓަރު ލަފާދިނީ އޭނާގެ ސިއްހީ ހާލަތު ތަން ނުދޭތީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށެވެ.

ޕޯޗުގަލް އަށް އެނބުރި އައުމަށް ފަހު ޓޮނިއޭޓޯގެ ލަފާގެ މަތިން ސިލްވާ އަލުން ފަރުވާ ކުރަން ފެށީ ޕޯޗުގަލްގެ ޑޮކްޓަރެއް ކަމަށްވާ ކާލޮސް ނޮރޮންހާ އެކީގަ އެވެ. އެ ޑޮކްޓަރު ތިން މަސް ދުވަހު ފަރުވާ ދިންއިރު، ސިލްވާގެ މަންމަ ވެސް ގާތުގައި ހުއްޓެވެ. ހިތްވަރު އެލުވާނުލުމަށް ނަސޭހަތް ދިނެވެ. ތިން މަސް ދުވަހުގެ ފަރުވާ އަށް ފަހު އެ ޑޮކްޓަރު ދިނީ ސިލްވާ އެންމެ އިންތިޒާރުކުރި ޖަވާބެވެ. އޭނާ އަށް އަލުން ފުޓްބޯޅަ ކުޅެވޭނެ ކަމަށެވެ.

ސިލްވާ އަލުން ފުޓްބޯޅައިގެ ތެރެއަށް ގެނެސްދިނީ ވެސް ވޯޓްމަން އެވެ. މި ފަހަރު ބްރެޒިލްގެ ޓީމު ފްލުމިނެންސޭ އިންނެވެ. އެ ޓީމުގައި ތިން އަހަރު ދެއްކި މޮޅު ކުޅުމުގެ ސަބަބުން އިޓަލީގެ ގަދަބާރު އޭސީ މިލާނުން ސިލްވާގެ ސޮއި ހޯދި އެވެ. އެ ޓީމަށް ވެސް ތިން ސީޒަން ކުޅެދިނުމަށް ފަހު ސިލްވާ ގުޅުނީ މިހާރު އޭނާ ހުރި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ އެވެ.

ބްރެޒިލަށް ސިލްވާ ކުޅެން ފެށީ 2008 ވަނަ އަހަރު އެވެ. އޭނާ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. އެ ފަހަރު އެންމެ މެޗެއްގައި ވެސް ކުޅުމުގެ ފުރުސަތު އޭނާ އަށް ނުލިބެ އެވެ. އެކަމަކު 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުުނު ވޯލްޑް ކަޕްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނެވެ. ގްރޫޕް ސްޓޭޖުގައި ދެއްކި މޮޅު ކުޅުމާ އެކު ސިލްވާ އަކީ މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރު ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން ބްރެޒިލް މޮޅުވިިއިރު، ޕެނަލްޓީ ޖެހުމުގެ ކުރިން ސިލްވާ ރުއި މަންޒަރު ފެނުނެވެ. އެއާ އެކު ބްރެޒިލްގެ ކުރީގެ ކުޅުންތެރިން ސިލްވާ އަކީ ވަރަށް ފިނޑި ކެޕްޓަނެއްގެ ގޮތުގައި ލޭބަލްކުރި އެވެ. އެކަމާ ސިލްވާގެ އަންހެނުން އިސަބެއްލާ ސިލްވާ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެއީ ސިލްވާގެ ހަޔާތުގައި ފުޓްބޯޅަ އަށް ޓަކައި އޭނާ ވަމުން އަންނަ ގުރުބާނީގެ އިހުސާސް ކުރެވޭނީ މަދު ބަޔަކަށް ކަމަށް ބުނެ އެވެ.

ކުއާޓާ ފައިނަލުގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ސިލްވާ އަށް ރީނދޫ ކާޑު ދެއްކުމުން އޭނާ އަށް ސެމީ ފައިނަލް މެޗު ގެއްލުނެވެ. ސިލްވާ ނެތި ކުޅުނު އެ މެޗުން އެ ފަހަރު ޗެމްޕިއަންކަން ހޯދި ޖަރުމަނު އަތުން ބްރެޒިލް ވަނީ ލަދުވެތިގޮތަކަށް 7-1 އިން ބަލިވެފަ އެވެ. އެ ހިސާބުން ސިލްވާގެ ކެރިއަރު ނިމުނު ކަމަށް ގިނަ ބަޔަކަށް ބެލެވުނެވެ. ސިލްވާ ވެސް ހުރީ އެ ގޮތަށް ނިންމައިގެންނެވެ.

ބްރެޒިލްގެ ކޯޗުކަމާ ޓީޓޭ ހަވާލުވުމަށް ފަހު އޭނާ ވަނީ ސިލްވާ އަށް ފުރުސަތު ދޭން ފަށައިފަ އެވެ. އެކަމަކު ފުރަތަމަ އެގާރައިން ފުރުސަތު ދޭން ފެށީ މި ފަހަރުގެ ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށެވެ. ސިލްވާ ވަނީ މި ފަހަރުގެ މުބާރާތުގައި ބްރެޒިލްގެ ކެޕްޓަން ބޭންޑް އަޅައިގެން ދެ މެޗެއްގައި ކުޅެފަ އެވެ. އުމުރުން 33 އަހަރުގެ ސިލްވާ އަށް ފުރުސަތު ދިނުމުގައި ޓީޓޭ ބޭނުންކުރި ވިސްނުމަށް ބްރެޒިލް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން އަންނަނީ ތައުރީފް ކުރަމުންނެވެ.

ކެރިއަރުގެ ފަހު ވޯލްޑް ކަޕާ ސިލްވާ ކުރިމަތިލާއިރު، މި މުބާރާތް ބާއްވާ ގައުމަކީ އޭނާގެ ހަޔާތުގެ އެންމެ ހިތި ތަޖުރިބާކުރި ފަސްގަނޑެވެ. މީގެ 13 ވަރަކަށް އަހަރު ކުރިން ސިލްވާ ރަޝިއާ އިން ދިޔައީ އަލުން ފުޓްބޯޅަ ކުޅެވޭނެ ކަމުގެ އުއްމީދެއް ނެތި އެވެ. އެކަމަކު މި ފަހަރުގެ ވޯލްޑް ކަޕަށް އައިސް އޭނާ ހުރީ ވަރުގަދަ އަޒުމެއްގަ އެވެ. އަމިއްލަ ގައުމަށް ހަ ވަނަ ވޯލްޑް ކަޕް ތަށި އުފުލައިދޭށެވެ.

"ކޮންމެ ފަހަރަކު އަހަރެން މި ގައުމަށް އައިސް ދަނޑު މައްޗަށް އަރާއިރު އިހުސާސް ކުރެވެނީ މޮސްކޯ ހޮސްޕިޓަލުގައި އަަހަރެން ހޭދަކުރި ދުވަސްތައް މަތިން. އަހަރެން ދިޔައީ ކޮންމެ ރެއަކު މަރާ ހަނގުރާމަ ކުރަމުން. އެކަމަކު އެ ހުރިހާ ކަމެއް ބަދަލުވީ އަހަރެންގެ އަޒަމު ވަރުގަދަ ވުމުން. އަދިވެސް އަހަރެން މިހުރީ އެ އަޒުމުގައި. މި ފަހަރު ތަށި ހިފައިގެންދާން،" ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސާބިއާ އަތުން ބްރެޒިލް 2-0 އިން މޮޅުވި މެޗަށް ފަހު ސިލްވާ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ ބްރެޒިލް ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.