06 ޖުލައި 2018 - 13:43

ވަޒީފާ އަދާކުރާ ކޮންމެ މަޔަކަށް ދަރިއަކު ލިބުމުން މުސާރައާއެކު ހަ މަހާއި، ބައްޕައަށް އެއްމަސް ދުވަހުގެ ޗުއްޓީއަކާއި ދަރިފުޅަށް ހަދިޔާއެއް ދިނުމަށް އެމްޑީޕީގެ މި އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވަނީ ކޮންމެ އާއިލާއަކަށް ކުރިމަތިވާ އެންމެ އަސާސީ ދަތިތައް ދެނެގަނެ، އެ ދަތިތައް ލުއިކޮށް ދިނުމަކީ އެމްޑީޕީން ހާއްސަ އަހަންމިއްޔަތެއް ދޭ ކަމެއް ކަމަށެވެ.
އެގޮތުން ދަރިފުޅު ދުނިޔެ އަށް އަންނަ ދުވަސްވަރަކީ މަންމަ އާއި ދަރިފުޅަށް ވެސް ނާޒުކު ދުވަސްވަރެއްކަން ދެކި ދުޅަހެޔޮ ދަރީންތަކެއް ބޮޑު ކުރުމަށް ބޭނުންވާ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައިވެ އެވެ.
އެހެންވެ، ވަޒީފާ އަދާކުރަމުންދާ ކޮންމެ މަންމައަކަށް މުސާރައާ އެކު ހަ މަހުގެ މެޓާނިޓީ ލީވްއަކާއި ކޮންމެ ބައްޕައަކަށް އެއް މަހުގެ ޕެޓާނިޓީ ލީވްއެއް ލިބޭނެ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ތުއްތު ކުދީންނަށް ބޭނުންވާ ކާނާ އާއި އެހެނިހެން ތަކެތި އަގުހެޔޮކޮށް ދޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ ރާއްޖޭގެ ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާއެކު، އުފަންވާ ތުއްތު ކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާއި މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ ޕާރުސަލެއް ފޯރުކޮށްދެވޭނެ ކަމަށެވެ.
ސަރުކާރުން ހަދިޔާ ފޯރުކޮށްދިނުމުގެ މަގްސަދަކީ ޅަފަތުގެ ކުދިންގެ ދުޅަހެޔޮ ކަމަށް ބާރު އެޅުމާއެކު ރާއްޖޭގައި އުފަންވާ ހުރިހާ ތުއްތު ކުދީންނަކީ ތަފާތު ކުރުމެއް ނެތި ހަމަހަމަކަންމަތީ އުފަންވާ ކުދިންނަށް ހެދުމަށް ބާރު އެޅުމަށް ކަމަށް ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި ހަގީގީ ތަރައްގީ އަށް ވާސިލްވާން ބޭނުންނަމަ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ދައުލަތުން ވަކި އެހީތަކެއް ވާން ޖެހެ އެވެ. އެގޮތުން ދަރިފުޅު ދުނިޔެއަށް އަންނަނީ ހަމަހަމަކަންމަތީ އަޅާލެވޭ ކުލުނުވެރި ނިޒާމެއްގައިކަން ކަށަވަރުކޮށްދެވޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
"ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކީ ގަރުބަގަތީއްސުރެ ނެތި ދިއުމަށް ދާންދެން އިޖުތިމާއީ ރައްކާތެރި ނިޒާމުގެ ހިޔާ ދަށުގައި ދެމިހުންނާނެ މީހެކެވެ. ޖަޒީރާ ރާއްޖޭގައި ދިވެހިންނަށް އަޅާލައި، ހާލު ބަލައި، ފަރުވާ ހޯދައިދޭނެ އެވެ. ދުނިޔެއަށް އުފަންވުމުގެ ކުރީއްސުރެ ދައުލަތުން އެހީތެރިވާން ފަށާނެ އެވެ،" މެނިފެސްޓޯގައިވެ އެވެ.
އެމްޑީޕީން ވަނީ ޒީނަތްތެރިވާން ބޭނުންވާ ސާމާނާއި އަންހެނުން ބޭނުން ކުރާ ޕެޑާއި ޓެމްޕެކްސް ފަދަ ޒަރޫރީ ބާވަތްތަކުގެ އަގުހެޔޮކޮށް ދިނުމަށް މެނިފެސްޓޯގައި ހިމަނައިފަ އެވެ.
މީގެއިތުރުން، ރާއްޖޭގައި ޒަމާންވީ މަސައްކަތްތައް އާލާކޮށް ކުރިއަރުވާ މަސައްކަތުގެ އަގުވަޒަން ކުރުމަށް މަސައްކަތްތެރީން ދެނެގަނެ ޕެންޝަނެއް ފޯރުކޮށް ދިނުމަށް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.
ދޮށީ އުމުރުގެ މީހުންނަށް ދޭން ޖެހޭ ގަދަރާއި އިހްތިރާމް ބޮޑުކޮށްދީ އަޅާލުން އިތުރުކޮށް ދިނުމުގެ ގޮތުން އެމީހުންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ގާއިމުކޮށް ދިނުމުގެ މުހިންމުކަން ފާހަގަކޮށް އެމްޑީޕީން ބުނީ ދޮށީ އުމުރުގެ މީހުންނަށް އަޅާލުމުގެ ނިޒާރު އިތުރަށް ފުރިހަމަކޮށް ތަރައްގީ ކުރެވޭނެ ކަމަށެވެ.
"ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް މާބޮޑަށް އަލާލެވޭނެ ނިޒާމެއް އުފެއްދޭނެ އެވެ. އެފަދަ ފަރާތްތަކަށް ބޭސްފަރުވާއަށް ސަލާން ޖަހައި ފަންޑްރައިޒް ކުރާން ނުޖެހޭ ގޮތަށް ދައުލަތުން ފުރިހަމައަށް ޒިންމާ ނަގާން ފަށާނެ އެވެ،" އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.