06 ޖުލައި 2018 - 13:40

ނިއުގެ ރޭޑިއަންޓަށް ކުޅޭ ސްޕެއިނުގެ ޑިފެންޑަރު ޖޯޖް ގޮޓޯ މި ސީޒަނުގެ ނިޔަަލަށް އެ ޓީމުގައި މަޑުކުރަން ނިންމައި، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި ސީޒަނުގައި ނިއު އަށް މޮޅު ކުޅުމެއް ދައްކަމުން އައި ގޯޓޯއާ އެކު ނިއު އިން ފުރަތަމަ ހެދި އެއްބަސްވުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަަލަށް ވަނީ ހަމަވެފަ އެވެ. މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު އެންމެ ފަހުން ކުޅުނު މެޗުގައި ގޯޓޯ ނުކުޅެ އެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މި ފަހަރު ނިއު އިން އޭއެފްސީ ކަޕްގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރުނުއިރު ގޯޓޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މާލޭ ލީގުގެ ޗެމްޕިއަންކަން ނިއު އިން ހޯދިއިރު، ޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި ގޯޓޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އުމުރުން 30 އަހަރުގެ ގޯޓޯ ވަނީ ސްޕެއިނުގެ 17 އަހަރުން ދަށުގެ ޓީމަށް 2004 ވަނަ އަހަރު ފަސް މެޗު ކުޅެދީފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ އިންޑޮނީޝިއާގެ ފުރަތަމަ ޑިވިޝަނުގެ މިޓްރާ ކުކާރް އެފްސީ އަށެވެ. އޭގެ ކުރިން އޭނާ ވަނީ ސްޕެއިނުގެ ތިން ވަނަ ޑިވިޝަނާއި ހަތަރު ވަނަ ޑިވިޝަނުގައި ކުޅެފަ އެވެ. އޭނާ ވަނީ ސްޕެއިނުގެ މަޝްހޫރު ބައެއް ކްލަބްތަކަށް ކަމަށްވާ ގެޓަފޭ އާއި މުރްސިއާ އާއި އެސްޕަންޔޯލް އަދި ޒަރަޒޯގާގެ ބީ ޓީމްތަކަށް ދަށް ޑިވިޝަންތަކުގައި ކުޅެފަ އެވެ.
ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ މުސާރަ މައްސަލައިގައި ނިއުއާ އެކު ހަދާފައި އޮތް އެއްބަސްވުން ބާތިލްކޮށް ވާދަވެރި ޓީސީ އަށް ބަދަލުވެފަ އެވެ. ނިއު އިން ވަނީ ބިދޭސީ ދެ ފޯވާޑުން ގެނެސްފަ އެވެ. އެއީ ރުވާންޑާ ގައުމީ ޓީމަށް ކުޅުނު އަތުހިއޭ ކިޕްސަން އަދި ތުރުކުމެނިސްތާން ލީގުގެ މޮޅު ކުޅުންތެރިއާ އާމިރް ގުރްބާނީ އެވެ.
ކިޕްސަން ވަނީ އެންމެ ފަހުން ނިއު ކުޅުނު މެޗުގައި އީގަލްސް ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. އަދި އާމިރް ގުރްބާނީ ޓީމާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް ނިއު އިން ވަނީ މީގެ ކުރިން ބުނެފަ އެވެ. މި ސީޒަނުގައި ނިއު އިން ކުރިން ގެނައި ސްޕެއިނުގެ ފޯވާޑް ގުއިލެމް މާޓް ފެންވަރު ދަށްވުމުގެ ސަބަބުން ފޮނުވާލިއިރު، އަފްގާނިސްތާންގެ ޑިފެންޑަރު ހާރޫން އަމީރީ ދިޔައީ ކްލަބާ މައްސަލަތަކެއް ޖެހިގެންނެވެ.
ލީގުގައި ނިއު ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.