ޔޫތު ލީގުގެ ފުރަތަމަ މެޗުގައި އީގަލްސް އާއި މާޒިޔާ
ޔޫތު ލީގުގެ ފުރަތަމަ މެޗުގައި އީގަލްސް އާއި މާޒިޔާ

އެފްއޭއެމްގެ ޓުވާޑްސް ފިއުޗާ ޕްރޮގްރާމްގެ ދަށުން މާދަމާ ހަވީރު މުޅިން އަލަށް ފަށާ 13 އަހަރުން ދަށުގެ ދިރާގު ޔޫތު ލީގުގެ ހުޅުވައިދޭނީ ކްލަބް އީގަލްސް އާއި މާޒިޔާ އެވެ.

އެފްއޭއެމުން މީގެ ކުރިން ވަނީ ޒުވާން ކުޅުންތެރިންނަށް ހާއްސަކޮށްގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު ފަހަކަށް އައިސް އެކަން އެންމެ އެކަށޭނެ ގޮތެއްގައި ކުރިއަށް ގެންދެވިފައިނުވާއިރު، އަލަށް މި ފަށާ ޔޫތު ލީގަކީ ކުޅުންތެރިން އުފެއްދުމަށް ވަރަށް މުހިއްމުވާނެ މުބާރާތެއް ކަަމަށް އެ އިދާރާ އިން ގަބޫލުކުރެ އެވެ.

މިދިޔަ އަހަރު އެފްއޭއެމުން ވަނީ 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް ވާދަވެރި އެއްވެސް މުބާރާތެއް ބޭއްވުން މަނާކޮށްފަ އެވެ. އެފްއޭއެމުން 13 އަހަރުން ދަށުގެ ކުޅުންތެރިންނަށް މި އަހަރު ޔޫތު ލީގެއް ފަށާއިރު، އަންނަ އަހަރު 14 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޔޫތު ލީގެއް ފެށުމަށް ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.

ޔޫތު ލީގުގައި މި ފަހަރު އަށް ޓީމަކުން ވާދަކުރާނެ އެވެ. އެއީ އީގަލްސް އާއި މާޒިޔާގެ އިތުރުން ބީޖީ އެކެޑަމީ، ހުޅުމާލެ ސްޕޯޓްސް އެކެޑަމީ، އެމްއެއެސް ހެލްޕިން ހޭންޑް އެކެޑަމީ، އަމްސާ، ބޮޑު ހީނާގެ އާލީޓަޗް ފުޓްބޯޅަ އެކެޑަމީ (އީޓީއެފްއޭ) އަދި މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އެވެ.

އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވިދާޅުވީ މި ޔޫތު ލީގުގެ ސަބަބުން ކުޅުންތެރިންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

"މުޅި އަހަރަށް ބަލާއިރުވެސް ގިނަ އެކެޑެމީތަކުގައި މި އޮންނަނީ ކުދިން ޓްރެއިން ކުރުން. ވާދަވެރި މެޗުތަކެއް ކުޅެލަން ނުލިބޭ، އެހެންވެ އެފްއޭއެމްގެ ވިސްނުމަކީ އެކެޑެމީތަކުގެ މެދުގައިވެސް ވާދަވެރިކަން އުފައްދައި މެޗުތަކެއް ކުޅުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން." ސާންތީ ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތަށް ވިސްނާއިރު އެންމެ ބޮޑަށް ފެންނަ އެއް މައްސަލަ އަކީ ސީނިއާ ކެރިއަރަށްދާއިރު ކުޅުންތެރިންނަށް ބޭނުންވާ ވަރަށް މެޗު ލިބިފައި ނެތުމެވެ.

"މި ފަހަރުގެ ޔޫތު ލީގު އޮކްޓޫބަރާ ހަމަ އަށް ކުރިއަށްދާނެ. ކުޅެނީ ހުކުރު ހޮނިހިރު އެކަނި. ކޮންމެ ހަފްތާ އަކު ދެ ޓްރެއިނިން ސެޝަނަށް ފަހު ދެން އޮންނާނީ މެޗު. އަޅުގަނޑުމެން ބޭނުންވަނީ މިހާރު އިންޓަ ސްކޫލުގައި މި ލިބޭ ހައެއްކަ މެޗުގެ ބަދަލުގައި އަހަރަކު 25 ނޫނީ 30 މެޗު (ކުޅުންތެރިންނަށް) ލިބޭ ގޮތް ހަދަން،" ސާންތީ ވިދާޅުވި އެވެ.

ޔޫތު ލީގުގެ މެޗުތައް ކުރިއަށްދާނީ ކުޅިވަރު އެކުވެނީގައި މިދިޔަ އޭޕްރީލް މަހު ހުޅުވި މިނީ ޓާފް ދަނޑުގަ އެވެ.