06 ޖުލައި 2018 - 13:52

މޮސްކޯ (ޖުލައި 6) - ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ފްރާންސާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގައި ހުރި އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީ ތަދުކަޑުވާ ބާރުގަދަ އިންޖެކްޝަނެއް ޖަހައިގެން ވެސް ކުޅެން ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އަތުން އުރުގުއޭ 2-1 އިން މޮޅުވިއިރު، މި މެޗުގައި އުރުގުއޭ އިން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ ކަވާނީ އެވެ. އެކަމަކު އެ މެޗުގެ ފަހު ވަގުތު ކުޑަކަޅުވާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަވާނީ ވަނީ ބަދަލުކޮށްފަ އެވެ.
އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ވަނީ ކަވާނީގެ ކުޑަކަޅުވާ އަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ބުނެފަ އެވެ. އަދި ޓެސްޓްތަކުގެ ނަތީޖާ ދައްކާގޮތުން ކަވާނީ އަށް ފްރާންސް މެޗުގެ ކޮންމެވެސް ހިސާބަކުން ކުޅެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވަނީ ބުނެފަ އެވެ.
ކަވާނީ އަންނީ އުރުގުއޭ ޓީމުގެ ޕްރެކްޓިހާ ވަކިން ވެސް އަމިއްލަ ސެޝަންތަކެއް ބާއްވަމުންނެވެ. އުމުރުން 31 އަހަރުގެ ކަވާނީ ބޭނުންވަނީ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅެން ކަމަށްވާއިރު، އެ މެޗަށް އެރުމަށް ތަދު ކަޑުވާ ބާރުގަދަ އިންޖެކްޝަނެއް ޖަހައިގެން ވެސް އޭނާ ހުރީ ކުޅެން ތައްޔާރަށް ކަމަށް އުރުގުއޭގެ އޮފިޝަލަކާ ހަވާލާދީ ފްރާންސްގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ އޭނާ މެޗަށް ތައްޔާރުވުމުގައި ހުރިހާ ރޭވުންތަކެއް ރާވާނީ ކަވާނީ ކުޅޭނެ ކަމަށް ބަލައިގެން ކަމަށެވެ.
"އަހަރެން ކަވާނީ ކުޅޭނެ ކަމަށް ބަލައިގެން މި ޓީމު ތައްޔާރުކުރަނީ. އެއީ ކޮންމެ ގޮތެއް ވިޔަސް އަހަންނަށް އެނގޭ އެއްޗަކީ އޭނާ ކުޅުނަސް ނުކުޅުނަސް އަހަންނަށް އެނގޭނީ މެޗުގެ 90 މިނިޓް ކުރިން. އެހެންވުމުން އެ ޓީމުން ނެރޭނެ ކޮންމެ ހަތިޔާރަކަށް އަހަރެން ތައްޔާރުވާން ޖެހޭ،" 1998 ވަަނަ އަހަރުގެ ވޯލްޑް ކަޕް ތަށި ފްރާންސާ އެކު ކާމިޔާބުކުރި ޑެޝޯމްޕްސް ބުންޏެވެ.
އޭނާ ބުނީ އުރުގުއޭ ޓީމު ޑިފެންސްކުރުމާއި އެޓޭކް ކުރުން އޮންނަނީ އެއް ޔުނިޓެއްގެ ގޮތުގައި ކަމަށާއި އެ ކަހަލަ ސިސްޓަމަކަށް ބައްޓަންވެފައި އޮތް ޓީމެއްގެ މައްޗަށް ކުރިހޯދުމަކީ ފަސޭހަކެމެއް ނޫން ކަމަށެވެ.
މިއީ އުރުގުއޭ އާއި ފްރާންސް ވޯލްޑް ކަޕްގައި ކުޅޭ ހަތަރު ވަނަ މެޗެވެ. ހުރިހާ ފަހަރެއްގައި ވެސް ކުޅުނީ ގްރޫޕް ސްޓޭޖުގަ އެވެ. އެ ގޮތުން 2002 އާއި 2010 ގެ މުބާރާތުގައި ކުޅެގެންވީ ލަނޑެއް ނުޖެހި އެއްވަރެވެ. އޭގެ ކުރިން 1966 ވަނަ އަހަރު ކުޅުނު މެޗުން އުރުގުއޭ މޮޅުވީ 1-0 އިންނެވެ.
އެންމެ ފަހުން މި ދެ ޓީމު ކުޅުނު މެޗުގައި ފްރާންސް ބަލިވީ 1-0 އިންނެވެ. އެ މެޗުގައި އުރުގުއޭގެ ލަނޑު ޖެހީ ލުއިސް ސުއަރޭޒް އެވެ. މިރޭގެ މެޗު ފަށާނީ ހަތެއް ޖަހާއިރު އެވެ.