06 ޖުލައި 2018 - 00:17

އެލައިޑް އިންޝުއަރެންސަށް 33 އަހަރު ފުރުމާ ދިމާކޮށް އިފްތިތާހުކުރި، "އެލައިޑް ޓްރެވެލާސް ޕްރޮޓެކްޝަން ޕްލޭން" ރަސްމީކޮށް މިރޭ ތައާރަފްކޮށްފި އެވެ.

ނެޝަނަލް އާޓް ގެލެރީގައި މިއަދު ފެށި ވެކޭޝަންސް އެކްސްޕޯގައި، ޓްރެވެލާސް ޕްރޮޓެކްޝަން ޕްލޭނާއި އެ ޕްރޮޑަކްޓަށް ޚާއްސަ ކޮށްފައިވާ ވެބްސައިޓް ލޯންޗު ކޮށްދެއްވީ އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފެވެ.
އެ ކުންފުނިން ބުނީ ދަތުރުފަތުރު ކުރުމުގެ ރައްކާތެރި ކަމަށް ޚާއްސަ ކޮށްގެން ތައާރަފް ކުރި ޓްރެވެލާސް ޕްރޮޓެކްޝަން ޕްލޭނަކީ، ދަތުރުވެރިޔާ އަށް ދަތުރުމަތީގައި ކުރިމަތިވާ ކަންކަމަށް ރައްކާތެރިކަން ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެއް ކަމަށެވެ. އެ ޕްލޭނަށް ޚާއްސަ ވެބްސައިޓް www.travelers.mv މެދުވެރިކޮށް، ކަސްޓަމަރު ބޭނުން ތަނެއްގައި ހުރެގެން ރައްކާތެރިކަމާ އެކު ޕްލޭން ނެގުމަށް ބޭނުންވާ ޓްރާންސެކްޝަން ފުރިހަމަ ކުރެވޭނެ ކަމަށް ވެސް އެލައިޑުން ބުނެ އެވެ.
އެ ޕްލޭން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިއުޝާދު ވިދާޅުވީ، ޓްވެލާސް ޕްލޭން ރީބްރޭންޑު ކޮށްފައި ވަނީ ކަސްޓަރުންގެ ބޭނުންތައް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން، ކަސްޓަމަރުން ބޭނުންވާ ގޮތް ދެނެގަނެ، ފަންނީ ގޮތުން އެ ކަންކަން ދިރާސާ ކުރުމަށް ގިނަ ދިރާސާތަކެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިއުޝާދު ވިދާޅުވި ގޮތުގައި، ކުރީގެ ޕްލޭނާ އަޅާ ބަލާއިރު މި ފަހަރުގެ ޕްލޭނުގައި ކަވަރޭޖް ލިބޭ ހާލަތްތައް އިތުރުކޮށް، ކޮންމެ ހާލަތަކަށް ޚާއްސަ ޖުމްލަ ލިމިޓް ވެސް އިތުރު ކޮށްފައި ވާނެ އެވެ.
އަދި ކުރިއާ ހިލާފަށް މި ފަހަރުގެ ޕެކޭޖުގައި ވިޔަފާރި ދަތުރުތަކަށް ނުވަތަ ޗުއްޓީ އަށް ދާ މީހުންނަށް އެ މީހެއްގެ ދަތުރުގެ ބޭނުމާ ގުޅުވައިގެން ހިމެނުމަށް އެދޭ އޮޕްޝަނަލް ކަވަރޭޖު ނެގުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
"މިސާލަކަށް ޗުއްޓީ އަކަށް ޔޫރަޕަށް ވަޑައިގަންނަވާ ބޭފުޅަކު ވިންޓަ ސްޕޯޓްސް ތަޖުރިބާ ކޮށްލައްވަން އެދޭ ނަމަ، އޮޕްޝަނަލް ކަވަރެއްގެ ގޮތުގައި ވިންޓަ ސްޕޯޓްސް ހިމެނިދާނެ. އޭރުން އެ ކުޅިވަރަކާ ގުޅިގެން ކުރިމަތިވާ ޖިސްމާނީ ގެއްލުމާއި މާލީ ގެއްލުން ވެސް ޕްރޮޓެކްޝަން ޕްލޭގެ ދަށުން ކަވަރު ކުރާނެ،" ނިއުޝާދު ވިދާޅުވި އެވެ.