އެޕަލް އިންސައިޑް: 5ޖީ އައިފޯނުތަކުގައި އެޕަލް މޯޑެމްތައް
އެޕަލް އިންސައިޑް: 5ޖީ އައިފޯނުތަކުގައި އެޕަލް މޯޑެމްތައް

އެޕަލް އާ މުއާމަލާތުކުރުމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ، އެޕަލް އިން ކުއަލްކޮމް ދޫކޮށްލައިފި އެވެ. ދެން ވާނެ ގޮތަކީ، އެޕަލްގެ ޑިވައިސްތަކުގައި، ޚާއްސަކޮށް އައިފޯނުގައި ކުއަލްކޮމް ޗިޕްތައް ނުވަތަ މޯޑެމްތައް ނުހިމެނުމެވެ.

އިންޓެލް އަށް ވެސް އެ ފުރުސަތުދޭން އެޕަލް ބޭނުމެއް ނުވެ އެވެ. ކުރި އަށް އޮތް ދެ އަހަރަށް ފަހު، އިންޓެލް މޯޑެމްތައް، ޚާއްސަކޮށް 5ޖީ މޯޑެމްތައް، އެޕަލް އިން ބޭނުމެއް ނުކުރާނެ އެވެ. އިންޓެލްގެ 5ޖީ މޯޑެމްތައް ބޭނުންކުރާނެ ކަމަށް ބުނެ ކުރިން ދައްކާފައި ހުރި ވާހަކަތައް ދޫކޮށްލައި އަދި ވެފަައި ހުރި އެއްބަސްވުންތައް އެޕަލް އިން ބާތިލުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެހެންކަމުން، 5ޖީ މޯޑެމްތައް އުފެއްދުމަށް އިންޓެލް އިން ކުރަމުން ދިއަ މަސައްކަތްތަކުގައި ބުރަކިޖައްސައި، މަޑުކުރަން ވަނީ ޖެހިފަ އެވެ.

އެޕަލް އައިފޯނުތަކުގައި، 2020 އަށް ފަހު، މުޅިން ވެސް ބޭނުންކުރާނެ ކަމަށް ވަނީ އެޕަލް އިން އަމިއްލަ އަށް އުފައްދާ މޯޑެމްތަކެވެ. ދުނިޔޭގެ މުވާސަލާތީ ނެޓްވޯކް 5ޖީ އަށް ވަންނަމުން އަންނައިރު، އެޕަލް އިން ބޭނުންވަނީ އެ ހުރިހާ ކުޅަދާނަކަމެއް އައިފޯނުގައި ހިމެނުމަށެވެ. އެޕަލް އިން ބޭނުންވާ ގޮތަށް އަދި އެދޭ ގޮތަށް މޯޑެމްތައް އުފެއްދޭ ފެންވަރުގެ ކުންފުންޏެއް، އެޕަލް ގަބޫލުކުރާ ގޮތުގައި، އެޕަލް ނޫނީ ނެތެވެ.

އިންޓެލް މޯޑެމްތައް ދޫކޮށްލަން އެޕަލް އިން ނިންމުމަކީ އެމެރިކާގެ ޗިޕްމާކެޓަށް ނިކަމެތި ކަމަކަށް ވާނެ އެވެ. އެޕަލް ކަހަލަ ބިޔަ ކުންފުންޏަކުން، ކޮއަލްކޮމް އަދި އިންޓެލް ޗިޕްތައް ބޭނުންކުރުން ހުއްޓާލުމަކީ، އެ ދެ ކުންފުންޏަށް ނުރައްކާތެރި ކަމަށް ވެސް ވާނެ އެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކާ އެކު އެމެރިކާ ގެންގުޅޭ ވިޔަފާރި ސިޔާސަތުގެ ސަބަބުން، ސްމާޓް ޑިވައިސްތައް އުފައްދާ ކުންފުނިތަކަށް ވަނީ އަމިއްލަ ފުއްދުންތެރިކަން އިތުރުކުރަން ޖެހިފަ އެވެ. އެމެރިކާގެ ޗިޕް މާކެޓަށް ބަރޯސާކުރުމުގެ ބަދަލުގައި، ސްމާޓްފޯނުތަކަށް ބޭނުންވާ ޗިޕްތައް އަމިއްލަ އަށް އުފެއްދުމަށްޓަކައި އެ ކުންފުނިތަކުން ދަނީ ދިރާސާކުރަމުންނެވެ. އެ ގޮތުގައި ޗައިނާގެ ވާވޭ، ޝޯމީ، ވަންޕްލަސް އަދި ޓީސީއެލް ފަދަ ކުންފިނިތައް ހިމެނޭ ގޮތުން ވަނީ މަސައްކަތްތަކުގައި އެއްބާރުލާން ނިންމާފަ އެވެ.

އެޕަލް އިން އައިފޯނަށް ޚާއްސަ 5ޖީ މޯޑެމްތައް އަދި އެހެނިހެން ޗިޕްތައް އުފެއްދުމަކުން ވާދަވެރި ކުންފުންޏަކަށް ލިބޭނެ ފަސޭހައެއް ނެތެވެ. ސަބަބަކީ އެޕަލް ފިޔަވައި އައިއޯއެސް ޑިވައިސް އުފައްދާ ބަޔަކު ނެތުމެވެ. އެޕަލް އިން އުފައްދާ ޗިޕްތައް އައިފޯނަށް ޚާއްސަވުމުން އެހެން ބަޔަކަށް ބޭނުންނުކުރެވުމެވެ.