ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއްގައި ރަންވީރު ސިންގާއި އާލިއާ ބަޓް
ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއްގައި ރަންވީރު ސިންގާއި އާލިއާ ބަޓް

ރަންވީރް ސިންގާއި އާލިއާ ބަޓް ހިމަނައިގެން ސަަންޖޭ ލީލާ ބަންސާލީ ފިލްމެއް ގެނެސް ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެފަދަ އަޑުތަކެއް އަރާފައި މި ވަނީ ބަންސާލީ ދެން ގެނެސް ދޭނޫ ސަލްމާން ހާނާ އެކު "އިންޝާﷲ" ކިޔާ ލޯބީގެ ފިލްމެއް ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ. އެކަމަކު މި އަހަރު ރިލީޒް ކުރި "ޕަދްމާވަތު" އަށް ބަންސާލީ ދެން ހަދާނެ ފިލްމެއް ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ.

އެކަމަކު ސަލްމާން ވަނީ އޭނާގެ ފިލްމެއް ހުށަހަޅާފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.

ރަންވީރާއި އާލިއާ ހިމަނައިގެން ބަންސާލީ ގެނެސް ދޭން އުޅޭ ކަމަށް ބުނާ ފިލްމަކީ ސީދާ އޭނާ ޑައިރެކްޓް ކުރާ ފިލްމެއްތޯ ނުވަތަ ހަމައެކަނި ޕްރޮޑިއުސަރެއްގެ ޒިންމާ ނަގާ ފިލްމެއްތޯ އަދި ކަށަވަރެއް ނުވެ އެވެ.

ބަންސާލީ ޕްރޮޑިއުސް ކުރަން ހަމަޖެހި އެކަމަކު މިހާތަނަށް ކާސްޓް ފައިނަލް ކުރެވިފައިވާ ޅެންވެރިޔާ ޝާހިރް ލުދިއަންވީގެ ވާހަކަ ކިޔައިދޭ ފިލްމްގެ ބަތަލާގެ ރޯލް އާލިއާ އަށް ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއް ވެސް މި ދޭތެރެ އިން ފެތުރުނެވެ.

ރަންވީރާއި އާލިއާ މިހާރު ވެސް އެކުގައި ފިލްމެއްގެ މަސައްކަތް ނިންމައިފަ އެވެ. އެއީ ފެބްރުއަރީ، 14، 2019 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ގަލީ ބޯއި" އެވެ.

ރަންވީރު ވަނީ މިހާތަނަށް ބަންސާލީއާ އެކު ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ "ޕަދްމާވަތު" ގެ އިތުރުން ބަޖިރާއޯ މަސްތާނީ (2015) އަދި ރާމް-ލީލާ (2013) އެވެ. އެކަމަކު އާލިއާއަކީ ބަންސާލީ އަށް އަދި މުޅިން އާ ބަތަލާއެކެވެ.

ރަންވީރު މިހާރު އަންނަނީ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ ރޯހިތު ޝެޓީގެ "ސިމްބާ" ގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ ކުރީގެ ކުރިކެޓް ކެޕްޓަން ކަޕިލް ދޭވްގެ ރޯލް އުޅޭ އޭނާ ކުޅޭ ބައޮޕިކް "83" ރިލީޒް ކުރާ ތާރީހަކަށް އެޕްރީލް، 10، 2020 ހަމަޖެއްސިކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ނަވާޒުއްދީން ސިއްދީގީ ވެސް މުހިއްމު ރޯލެއް ކުޅޭ މި ފިލްމްގެ ޑައިރެކްޓަރަކީ ކަބީރް ހާނެވެ.

އާލިއާ މި ވަގުތު އަންނަނީ އަންނަ އަހަރުގެ އެޕްރީލް 19 ގައި ރިލީޒް ކުރާ "ކަލަންކް" އާއި އޮގަސްޓް 15 ގައި ރިލީޒް ކުރާ "ބުރައްމަސްތުރާ" ގެ މަސައްކަތް ކުރަމުންނެވެ.