މިނިވިން އިންސާފުވެރި އިންތިހާބު ބޭއްވޭނެ މާހައުލެއް ރާއްޖެ އަށް މުހިއްމު: އިންޑިއާ
މިނިވިން އިންސާފުވެރި އިންތިހާބު ބޭއްވޭނެ މާހައުލެއް ރާއްޖެ އަށް މުހިއްމު: އިންޑިއާ

އަންނަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބު ބާއްވާ އިރު، ހުރިހާ ފަރާތްތަކަކަށް ވެސް ހަމަހަމަކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ބޭނުންވާ ކަމަށާއި މިނިވަން އިންސާފުވެރި އިބްތިހާބަކަށް އެކަން ވަރަށް މުހިއްމު ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ގާތުން އިންޑިއާ އިން ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް އިންތިހާބު ބޯމަތިވެފައިވާ އިރު ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ހިނގަން ޖެހޭ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ ވެސް މިނިވަންކަމާ އެކު ދެފުށް ފެންނަ ގޮތަށް ނުހިނގާ ކަމުގެ ކަންބޮޑުވުންތައް ހުރި ކަމަށް އިންޑިއާ އިން ބުންޏެވެ.

"އެހެންވެ ސަރުކާރަށް ވެސް ވެސް ގޮވާލަން ޑިމޮރަސީގެ އުސޫލްތަކާއި ހަމަތަކަށް ރުޖޫއަވެ، އިންތިހާބު ގާނޫނީ ހަމަތަކުގެ މަތިން ބޭއްވޭކަން ކަށަވަރުކޮށް ދޭން،" ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމާއި އިންތިހާބަށް ކެމްޕޭން ކުރުން ފަދަ ކަންކަމަށް ސަރުކާރުން ދަތިކޮށްފައިވާކަމުގެ ކަންބޮޑުވުންތައް ސިޔާސީ ޕާޓީތަކުން ވެސް ފާޅު ކުރަމުން އަންނަ އިރު، ބޭރުގެ ގައުމަތަކާއި ޖަމާއަތްތަކުން ވެސް ވަނީ ހަމަހަމަ ފުރުސަތުތައް ފަހިކޮށް ދޭން ގޮވައިލަމުންނެވެ.

އަދި ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވެރިން މި ވަގުތު ތިއްބެވީ ސިޔާސީ ދާއިރާގައި މަސައްކަތް ނުކުރެއްވޭ ގޮތަށް، އެކިއެކި ތުހުމަތުތަކުގައި ޖަލަށް ލެވިފައިކަން ވެސް ފާހަގަ ކުރެވެ އެވެ.

ނަމަވެސް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައި ވަނީ ސެޕްޓެމްބަރު މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭނެ އެންމެ މިނިވަން އިންސާފުވެރި އަދި ދެފުށްފެންނަ އިންތިހާބަށް ކަމަށެވެ.