31 ޖުލައި 2016 - 08:02

ކުއާލަ ލަމްޕޫރު (ޖުލައި 31) - މެލޭޝިއާ ސަރުކާރަށް އާދަޔާޚިލާފަށް ބާރުތައް ލިބޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނަށް މާދަމާ އަމަލުު ކުރަން ފަށާ އިރު އެ ގާނޫނާ މެދު ވަރަށް ކަންބޮޑުވާ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފި އެވެ.
މެލޭޝިއާ ސަރުކާރުން ހުށަހަޅައިގެން ޕާލަމެންޓުން މިދިޔަ ޑިސެމްބަރު މަހު ފާސްކުރި ނޭޝަނަލް ސިކިއުރިޓީ ކައުންސިލުގެ ގާނޫނުގައިވާ ގޮތުން ސިފައިންނަށް އާދަޔާޚިލާފު ބާރުތައް ލިބިދެ އެވެ. މީގެ ތެރޭގައި ސަލާމަތީ ގޮތުން ނުރައްކަލެއްވާ ކަމަށް ސިފައިންނަށް ހީވާ ސަރަހައްދުތަކުގައި ސިފައިންގެ ބާރު ހިންގުން ހިމެނެ އެވެ. ބޮޑު ވަޒީރު ރިޔާސަތު ބަލަހައްޓާ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބޭނުން ނަމަ ޚިޔާލުފާޅު ކުރުން ފަދަ މުޖްތަމައުގެ އަސާސީ ހައްގުތައް ހަނިކޮށް މީހުން ބަލާ ފާސްކޮށް ތަކެތި ހިފަހައްޓާ އަދި މީހުން ހައްޔަރު ކުރުމުގެ ބާރު ވެސް މި ގާނޫނުން ލިބިދެ އެވެ.
ބޮޑު ވަޒީރު ނަޖީބު ރައްޒާގަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި ގާނޫނަކީ އެ ގައުމުގެ ސަރުކާރުގެ ކަރަޕްޝަނުގެ މައްސަލައާ ގުޅިގެން ނަޖީބު ވެރިކަމުން ދުރުކުރަން މަސައްކަތް ކުރާ ފަރާތްތައް ހުއްޓުވުމަށް ބޭނުންކުރާނެ ހަތިޔާރެއް ކަމަށެވެ.
ދެކުނު އިރުމަތީ އޭޝިއާގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި ގާނޫނުގެ ސަބަބުން އިންސާނީ ހައްގުތަކަށް އަރައިގަންފާނެތީ ކަންބޮޑުވާ ކަމަށެވެ. އަދި ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ގެއްލިދާނެތީ ކަންބޮޑުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"މި ގާނޫނު އަލުން މުތާލިއާކޮށް އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ގޮވާލަން،" އދ.ގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މެލޭޝިއާގެ ޑިވެލޮޕްމަންޓް ބޭންކެއް ކަމަށްވާ 1މެލޭޝިއާ ޑިވެލޮޕްމަންޓް ބާރުހާދުގެ ކޮރަޕްޝަނުގެ މައްސަލަތައް ދަނީ ބައެއް ގައުމުތަކުން ތަހުގީގު ކުރަމުންނެވެ. މި ބޭންކުން ގަނެފައިވާ ތަކެތި ކަމަށް ބެލެވޭ އެއް ބިލިއަން ޑޮލަރުގެ މުދާ ހިފެހެއްޓުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އަމުރު ނެރެފަ އެވެ. މި ބޭންކުން ނަޖީބުގެ އަމިއްލަ އެކަންޓަށް 681 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް ވަނީ ފަޅާ އަރައިފަ އެވެ. ނަމަވެސް މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ދިން ހަދިޔާއެއް ކަމަށެވެ.
އާ ބިލާ ބެހޭ ގޮތުން ނަޖީބު ވިދާޅުވެފައި ވަނީ އެއީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިއާގައި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ބޭނުން ކުރާނެ ގާނޫނެއް ކަމަށެވެ.