05 ޖުލައި 2018 - 16:15

ތެލް އަވީވް (ޖުލައި 5) - ފަލަސްތީނުގެ ބަޖެޓުން އަހަރަކު 300 މިލިއަން ޑޮލަރު އުނިކުރާނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިޒްރޭލުން މި ގޮތަށް ހަދަނީ ދާދި ފަހުން އެ ގައުމުގެ ޕާލަމެންޓުން ފާސްކުރި ގާނޫނެއްގެ ދަށުންނެވެ. އެ ގާނޫނުގައި ވަނީ ފަލަސްތީނުގެ ގައިދީންގެ އާއިލާތަކަށް ދޭ ފައިސާ ހުއްޓުވުމުގެ ބާރު އިޒްރޭލް ސަރުކާރަށް ދީފަ އެވެ.
އިޒްރޭލުގެ ސިޔާސީ ފަރާތްތަކުން ބުނަނީ ޖަލުތަކުގައި ތިބި ފަލަސްތީން މީހުންގެ އާއިލާތަކަށް އަހަރަކު ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ހޭދަކުރާ ކަމަށެވެ.
އިޒްރޭލުގައި ޓްރާންސިޓްކޮށް ފަލަސްތީނަށް ގެންދާ މުދަލުން ނަގާ ޑިއުޓީ ފައިސާއާ ހަވާލުވަނީ އިޒްރޭލުންނެވެ. މި ގޮތުން ފަލަސްތީނަށް ގެންދާ މުދަލުގެ ޑިއުޓީގެ ގޮތުގައި މަހަކު 127 މިލިއަން ޑޮލަރު އިޒްރޭލުން ހިފަހައްޓަ އެވެ. މިއީ ފަލަސްތީނަށް ލިބެން ޖެހޭ ފައިސާ އެވެ. އެކަމަކު އިޒްރޭލުން ދަނީ މި ފައިސާ ދޫނުކޮށް ހިފަހައްޓަމުންނެވެ. އިޒްރޭލުން ބުނެފައި ވަނީ އިޒްރޭލް ސިފައިންނަށް ހަމަލާ ދީގެން ބަންދުކުރާ ފަލަސްތީނުގެ ގައިދީންގެ އާއިލާތަކަށް ފައިސާ ލިބޭނެ ނަމަ އިޒްރޭލް ސިފައިންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭނެ ކަމަށެވެ.
ފަލަސްތީނުން ބުނެފައި ވަނީ އެއީ އެ ގައުމުގެ ފައިސާ އިޒްރޭލުން ފޭރުން ކަމަށެވެ.