05 ޖުލައި 2018 - 15:51

އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަންގައި އަންނަ މަހު އޮންނަ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި މިފަހަރު ދިވެހި ރާއްޖޭގެ ޒުވާން ޓީމު ބައިވެރި ނުވާން ނިންމައިފި އެވެ.

ރާއްޖެ އަންނަނީ 1998 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އިން ފެށިގެން ކޮންމެ ފަހަރަކު މި އިވެންޓުގައި ބައިވެރިވަމުންނެވެ.
ރާއްޖޭގެ އިތުރުން މި ފަހަރު މި ބައިގައި އިންޑިއާ ވެސް ވާދައެއް ނުކުރެ އެވެ. ސާކް ސަރަހައްދުން ވާދަކުރަނީ ޕާކިސްތާނާއި ނޭޕާލް އަދި ބަންގްލަދޭޝް އެވެ. އިންޑިއާ ވާދަނުކުރަނީ އެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ހުއްދަ ދީފައިވާ މިންގަނޑަށް ނުފެތޭތީ އެވެ. އިންޑިއާގެ އޮލިމްޕިކް ކޮމިޓީން ހުއްދަ ދީފައި ވަނީ ރޭންކިން އަށް ބަލާއިރު ގަދަ އަށެއްގައި ހިމެނޭ ކުޅިވަރުތަކަށެވެ. ފުޓްބޯޅައިގައި އިންޑިއާ އޮތީ އޭޝިއާ ސަރަހައްދަށް ބަލާއިރު 14 ވަނައިގަ އެވެ. އިންޑިއާ އަންނަނީ 1994 ވަަނަ އަހަރުގެ ގޭމްސް އިން ފެށިގެން ގަވައިދުން ވާދަކުރަމުންނެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ މި ފަހަރުގެ ގޭމްސްގައި ބައިވެރިނުވަން ނިންމީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ނެޝަނަލް ސްޕޯޓްސް ކައުންސިލާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
"ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ޓީމުގައި ވެސް ހިމެނޭ 23 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކެއް. ސާފް ޗެމްޕިއަންޝިޕް ވެސް ސެެޕްޓެމްބަރު މަހު އޮތުމާ އެކު އަޅުގަނޑުމެން ސްޕޯޓްސް ކައުންސިލާއި އޮލިމްޕިކް ކޮމިޓީއާ މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެއް އެއީ،" ޖަވާ ވިދާޅުވި އެވެ.
މި މުބާރާތުގައި މިހާތަނަށް ވާދަކޮށް ރާއްޖެ އަށް އަދި ގްރޫޕް ސްޓޭޖު ފަހަނަޅައި ދެވިފައެއް ނުވެ އެވެ.
ރާއްޖެ އިން ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކޮށްފަ އެވެ. އެ ގޮތުން އެންމެ ފުރަަތަމަ ވާދަކުރީ 1998 ވަނަ އަހަރު ތައިލެންޑުގައި އޮތް ގޭމްސްގަ އެވެ. އެ ފަހަރުގެ މުބާރާތުގައި ގަތަރު އަތުން 4-0 އިން ބަލިވިއިރު، ތަޖިސްތާން އަތުން ވެސް ވަނީ 3-0 އިން ބަލިވެފަ އެވެ.
ޖޯސެފް ޔަންކޭގެ ކޯޗުކަމުގައި 2002 ވަަނަ އަހަރު ދެކުނު ކޮރެއާގައި އޮތް އޭޝިއަން ގޭމްސްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ކޮރެއާ އަތުން 4-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން މެލޭޝިއާ އަތުން ބަލިވީ 3-1 އިންނެވެ. މި މެޗުގައި ރާއްޖޭގެ ލަނޑު ޖެހީ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. މިއީ ގޭމްސްގައި ރާއްޖެ އިން ޖެހި ފުރަތަމަ ގޯލެވެ. ފަހު މެޗުން ރާއްޖެ ބަލިވީ އޮމާނާ ވާދަކޮށް 5-0 އިންނެވެ.
ގަތަރުގައި 2006 ވަނަ އަހަރު އޮތް ގޭމްސް އަށް ރާއްޖޭން ނުކުތީ ނިސްބަތުން ވަރުގަދަ ޒުވާން ކުޅުންތެރިންތަކަކާ އެކު އެވެ. ޔޮރްދާން ސްޓޮއިކޮފްގެ ކޯޗުކަމުގައި ކުޅުނުއިރު ވަރުގަދަ އީރާން އަތުން ފުރަތަމަ މެޗުން ބަލިވީ 3-1 އިންނެވެ. މި މެޗުގައި ރާއްޖޭގެ ލަނޑު ޖެހީ އަސްހަދު އަލީ (އަޑުބަރޭ) އެވެ. ދެ ވަނަ މެޗުން ވާދަވެރި ކުޅުމަކަށް ފަހު އިންޑިއާ އަތުން ބަލިވީ 2-1 އިންނެވެ. މި މެޗުގައި ރާއްޖޭގެ ލަނޑު ޖެހީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އެ ފަހަރު ފަހު މެޗުން ރާއްޖެ ވަނީ 1-0 އިން ހޮން ކޮން އަތުން ބަލިވެފަ އެވެ.
މައުރޫފް އަހުމަދު (މާއްޓޭ)ގެ އިރުޝާދުގެ ދަށުން 2010 ވަނަ އަހަރު ޗައިނާގައި އޮތް ގޭމްސްގައި ރާއްޖޭން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ފުރަތަމަ މެޗުން އޮމާން އަތުން 3-0 އިން ބަލިވިއިރު، ދެން ކުޅުނު ދެ މެޗުން ޕާކިސްތާނާއި ތައިލެންޑާ ދެކޮޅަށް ކުޅެ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
އެންމެ ފަހުން ގޭމްސް އޮތީ ދެކުނު ކޮރެއާގަ އެވެ. ރާއްޖޭން އެ ފަހަރުގެ މުބާރާތަށް ނުކުތީ ކްރޮއޭޝިއާގެ ކޯޗު ޑްރަގޯ މަމިޗްގެ ކޯޗުކަމުގަ އެވެ. ފުރަތަަމަ މެޗުން ތައިލެންޑް އަތުން 2-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ އިންޑޮނީޝިއާ އަތުން 4-0 އިން ބަލިވެފަ އެވެ. އެކަމަކު ފަހު މެޗުން ވަނީ ޓިމޯ ލެސްޓޭ އަތުން 3-2 އިން މޮޅުވެފަ އެވެ. މިއީ މިހާތަނަށް ގޭމްސްގައި ރާއްޖެ އަށް ފުޓްބޯޅަ އިން ލިބުނު ހަމައެކަނި މޮޅެވެ. އެ މެޗުގައި ލަނޑު ޖެހީ އަމްދާން އަލީ (އެންޑީ)، މޫސާ ޔާމީން (ޔާމްބެ) އަދި މުހައްމަދު އިރުފާން (އިރޭ) އެވެ.
ގޭމްސްގައި ވާދަކުރާނީ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ. އޭގެ އިތުރުން ސީނިއާ ތިން ކުޅުންތެރިންނަށް ފުރުސަތު އޮވެ އެވެ. ގޭމްސް އަކީ ބައިނަލްއަގްވާމީ ފެންވަރުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިންނަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެކެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖެ އިން ބައިވެރިނުވާއިރު، މިއީ ޒުވާން ކުޅުންތެރިންނަށް ގެއްލުނު ވަރަށް ބޮޑު ފުރުސަތެކެވެ.