05 ޖުލައި 2018 - 15:38

ޕެރިސް (ޖުލައި 5) - ފްރާންސްގެ ޕެރިހުގެ ޖަލަކުން ނުރައްކާތެރި ގޭންގްސްޓާރަކު ހެލިކޮޕްޓަރެއްގައި ފިލަން އެހީވެފައި ވަނީ އޭނާގެ ރަހުމަތްތެރިން ކަމަށް ފުލުހުން ބުނެފި އެވެ.
ވައްކަމުގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ރިދުއައިން ފާއިދު ޖަލުން ފިލާފައި ވަނީ ބަރު ހަތިޔާރާ އެކު ތިބި ތިން މީހެއްގެ އެހީގަ އެވެ. ފާއިދުގެ ބޭބެއަކާ ބައްދަލު ކުރަން މެހްމާނުންގެ ކޮޓަރިއަށް ވަތް ވަގުތު ބަޑި ހިފައިގެން ތިބި ދެ މީހަކު ވަނީ ސްމޯކް ބޮމާއި އަތުބޮން އުކައި މެހެމާނުންގެ ކޮޓަރިއަށް ވަދެ ފާއިދު ނެރެފަ އެވެ. އޭރު ތިން ވަނަ މީހާ ހުރީ ޖަލުގެ ކޯޓްޔާޑުގައި ހެލިކޮޕްޓަރެއް ގާޑުކޮށްގެންނެވެ. ހެލިކޮޕްޓަރު ޖަލަށް ތިރިކުރީ ހައިޖެކްކޮށްގެންނެވެ. ހެލިކޮޕްޓަރު ޖެއްސި ކޯޓްޔާޑަކީ އެންޓި-އެއާކްރާފްޓް ނެޓް ނުޖަހައި ހުރި ހަމައެކަނި ސަރަހައްދެވެ. ޖަލުން ބުނީ އެ ސަރަހައްދުގައި ނެޓު ޖަހާފައި ނުވަނީ އެއީ ގައިދީން ބޭނުންކުރާ ތަނަކަށް ނުވާތީ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ދެ މީހަކު ވަނީ ޕެރިހުގެ ފްލައިން ސްކޫލަކަށް ގޮސް ހެލިކޮޕްޓަރެއް ކުއްޔަށް ހޯދަން މަސައްކަތް ކޮށްފަ އެވެ. ދަސްކުރާ މީހުންނަށް ހެލިކޮޕްޓަރު ދޫނުކުރާ ކަމަށް ބުނުމުން އެ ދެ މީހުން ވަނީ ޕައިލެޓަށް ބިރުދައްކައިގެން ޖަލާ ދިމާލަށް ހެލިކޮޕްޓަރު ގެންގޮސްފަ އެވެ.
ހެލިކޮޕްޓަރުގައި ފާއިދު ގެންދިއުމަށް ފަހު އެ މީހުން ވަނީ ހެލިކޮޕްޓަރު ދޫކޮށްލުމަށް ފަހު ވެހިކަލެއްގައި ފިލައިފަ އެވެ. ހެލިކޮޕްޓަރު ތިރިކުރި އިރު އެ ވެހިކަލް އޮތީ ތައްޔާރަށެވެ. ފަހުން އެ މީހުން ވަނީ އެ ވެހިކަލް އަންދާލުމަށް ފަހު އެހެން ވެހިކަލެއްގައި ފިލައިފަ އެވެ.
އޮފިޝަލުން ލަފާ ކުރަނީ އެ މީހުން ވަނީ ކުރިން ޑްރޯން ބޭނުންކޮށްގެން ޖަލުގެ ސަރަހައްދާ ބެހޭ މައުލޫމާތު ހޯދައިފައި ކަމަށެވެ. ފްރާންސްގެ ޖަސްޓިސް މިނިސްޓްރީން މިހާރު ވަނީ ފްރާންސްގެ ޖަލުތައް ހިމެނޭ ސަރަހައްދުގައި އޮކްޓޯބަރު މަހުން ފެށިގެން ފޯނު ބޭނުން ނުކުރެވޭ ގޮތް ހަދަން ނިންމައިފަ އެވެ.
ފައިދާ ހޯދަން ފުލުހުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. އޭނާ މީގެ ކުރިން ވެސް ވަނީ ޖަލުން ފިލައިަފ އެވެ. ދެހާސް ތޭރަ ވަނަ އަހަރު އޭނާ ވަނީ ޖަލުގެ ހަތަރު ގާޑަކު އިންސާނީ އައްޑަނައަކަށް ހެދުމަށް ފަހު ޖަލުގެ ދޮރުތަކުގައި ޑައިނަމައިޓް އަޅައި ގޮއްވާލުމަށް ފަހު ފިލައިފަ އެވެ.