12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި، ދެން އޮތީ ހުކުމް
12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި، ދެން އޮތީ ހުކުމް

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ނިންމި ނިންމުން ބާތިލްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ މަޖިލީހަަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.

އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ މިއަދު އަޑުއެހުމެއް ބޭއްވީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ އިޖްރާއާތު ފުރިހަމަ ކުރުމަށެވެ. ކުރިން ތިން ފަނޑިޔާރުންގެ ބެންޗުން ބެއްލެވި އެ މައްސަލަ މިހާރު ބައްލަވަނީ ސުޕްރީމް ކޯޓަށް އަލަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އެ ކޯޓުގެ ފުލް ބެންޗުންނެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. ހުކުމް އިއްވާނެ ސީދާ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.

އަޑުއެހުން ފެއްޓެވުމަށް ފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލާގައި ދައުލަތުގެ ފަރާތުން ކުރިން ދައްކާފައި ހުރި ވާހަކަތަކަށް ވެސް އެ މައްސަލާގައި ރިއާޔަތް ކުރެވޭނެ ކަމަށެވެ. އަދި އިތުރު ކަމެއް ދައުލަތުން ފާހަގަކުރަން އޮތް ނަމަ އެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވެ، ދައުލަތަށް ފުރުސަތު ދެއްވި އެވެ.

އެ ފުރުސަތުގައި ދައުލަތުން ވަނީ އެ މައްސަލާގައި ދައުލަތުން ފާހަގަކުރާ ކަންކަން ޚުލާސާކޮށް، ހުށަހަޅައިފަ އެވެ. ދައުލަތުގެ ވަކީލާ މާޝާ ލުތުފީ ވިދާޅުވީ އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމް ފެބްރުއަރީ މަހުގެ އަމުރުން ބާތިލް ކުރި ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅިޔަސް، މިދިޔަ މާޗް މަހު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވެސް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުގެ ކުރި ހުކުމުގައި ހުރި ކަންކަމަށް ރިއާޔަތް ކޮށްފައިވާ ކަމަށް މާޝާ ވިދާޅުވި އެވެ.

އެހެންވެ، ކުރީގެ އެ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ބަލަން ޖެހޭ ކަމަށް މާޝާ ވިދާޅުވި އެވެ. އަދި ފެބްރުއަރީ މަހުގެ އަމުރުގައި އެ ހުކުމް ބާތިލް ކަމަށް ކަނޑައެޅީ އެ ހުކުމުގައި ގާނޫނީ މައްސަލަތަކެއް ހުރެގެން ނޫން ކަން އެކަމުން ވެސް އެނގޭ ކަމަށް ވަކީލާ ވިދާޅުވި އެވެ. އެހެންވެ، މިދިޔަ ޖުލައި މަހު ހުކުމް ބާތިލް ކަމަށް އެ އަމުރުގައި ކަނޑައެޅި ބަޔާއި އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި ބައި ވެސް ބާތިލް ކޮށްދޭން ދައުލަތުން އެދުނެވެ.

މީގެ އިތުރުން ކޯޓުތަކަށް އިސް ފަނޑިޔާރުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ފެބްރުއަރީ މަހުގެ އަމުރުގައި ކަނޑައަޅާފައިވާތީ އެކަން ވެސް ދައުލަތުން ފާހަގަކުރި އެވެ. ދައުލަތުން ބުނި ގޮތުގައި ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ދައުރެއް އޮންނަ ގޮތަކަށް ގާނޫނު އަސާސީގައެއް ނޯވެ އެވެ. އެހެންވެ އެ އަމުރުގެ އެ ބައި ވެސް ބާތިލްކުރަން ދައުލަތުން އެދުނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި ބަޔަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.