05 ޖުލައި 2018 - 14:50

ނިއު ދިއްލީ (ޖުލައި 5) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އުތުރުގެ ބުރާރީ ސަރަހައްދުގެ ގެއެއްގެ ތެރޭގައި އެއް އާއިލާއެއްގެ 11 މެންބަރުން މަރުވެފައިވާ ކަމަށް ބޮޑަށް ބެލެވެނީ އަމިއްލަ އަށް ކަމަށް ފުލުހުން ބުނެފި އެވެ.
އެގާރަ މީހުންގެ ތެރޭން 10 މީހުން މަރުވެފައި ތިބީ ދަންޖެހިގެންނެވެ. އެ އާއިލާގެ މަރާ މެދު ސުވާލު އުފެދިފައި ވަނިކޮށް ފުލުހުން ބުނީ ދަންޖެހިގެން މަރުވާން ބޭނުން ކުރާ ބައެއް ސާމާނު އެ މީހުން ގެއަށް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށެވެ. ޕޯސްޓް-މޯޓަމް ރިޕޯޓް ދައްކާފައި ވަނީ އެންމެން ވެސް މަރުވެފައި ވަނީ ދަންޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ ސީސީޓީވީ ފުޓޭޖުގެ މަންޒަރުތަކަށް ބުރަވާ އިރު އެއީ އެހެން ބައެއެއްގެ ބައިވެރިވުން އޮތް މަރުތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މަރުގެ މައްސަލާގައި ސުވާލު އުފެދޭ ކަންކަން އަދިވެސް ވަރަށް ގިނަ އެވެ. މިސާލަކަށް އާއިލާގެ ހުރިހާ މެންބަރުން ވެސް ތިބީ ފުރަގަހަށް ދެ އަތް އައްސައި ކަނުބަނދެފަ އެވެ. އެ މީހުން މި ގޮތަށް ކަންތައް ކުރީ ކިހިނެއް ކަމެއް ނޭނގެ އެވެ.
"މިކަން ހިނގި ގޮތަކާ ބެހޭ މައުލޫމާތު ލިބޭތޯ ވޭތުވެދިޔަ ތިން މަހުގެ ސީސީޓީވީ ފުޓޭޖް ބަލަން ޖެހޭ،" ފުލުހުންގެ އޮފިސަރަކު ބުންޏެވެ.
އެ އާއިލާ ދިރިއުޅެނީ ދިއްލީގެ އުތުރުގެ މެދު ފަންތީގެ އޭރިއާއެއް ކަމަށްވާ ބުރާރީގެ ތިން ބުރި ގެއެއްގަ އެވެ. އެ މީހުން އެ ގޭގައި އުޅޭތާ ވިއްސަކަށް އަހަރުވެފައިވާ ކަމަށް އަވަށްޓެރިން ބުނެ އެވެ. އެ ގޭގެ ތިރީގައި އެ އާއިލާ އިން ދެ ފިހާރަ ހިންގަ އެވެ. އެއް ފިހާރަ އިން ވިއްކަނީ ތަރުކާރީ އެވެ. އަނެއް ފިހާރަ އަކީ ޕްލައިވުޑް ވިއްކާ ތަނެކެވެ.
ވަށްޓެރިން ބުނީ އެއީ އެ ކޮމިއުނިޓީގައި ވަރަށް ހަރަކާތްތެރި ބައެއް ކަމަށެވެ. އެއީ ދީންވެރި އަދި މާލީ ގޮތުން ފުދިގެން އުޅުނު ބައެއް ކަމަށް ވެސް އަވަށްޓެރިން ބުނެ އެވެ. އެހެންވެ އެއީ އުފާވެރިކޮށް އުޅުނު އަދި އަމިއްލަ އަށް މަރުވާނެ ބައެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.