06 ޖުލައި 2018 - 07:52

ހައިދަރްއާބާދުގައި މިދިޔަ ބުދަ ދުވަހުގެ ގަހަނާ ފިހާރަޔަކުން ފޭރުނު ބަޔަކު ގެންގުޅުނީ ކުޅޭކުޅޭ ބަޑިއެއް ކަމަށް އެ ތަނުގެ ފުލުހުން ބުނެފި އެވެ.
ފޭރެން ގަހަނާ ފިހާއަރަކަށް ވަނީ މޫނު ބުރުގާ އަޅައިގެން ހުރި މީހާއި އަދި އެހެން މީހެކެވެ.
ފިހާރަ އަށް ވަދެފައި، ގަހަނާތައް ދައްކައިލަން އެދުމުން އެތަނުގެ ވެރިޔާ އެ ވަގުތު އަތުގައި ޖެހޭ ހިސާބުގައި ހުރި ހުރިހާ ގަހަނާއެއް ދެއްކި އެވެ. އަދި އެތެރޭގައި ހުރި ގަހަނާތައް ނަގަން ވަނުމުން ފަހަތުން ވަދެ ސޭޓު ހިފަހައްޓަނީ އެވެ. މޫނު ބުރުގާ އަޅައިިގެން ހުރި މީހާއާ އެކު ހުންނަ އަނެއް މީހާ ވެސް އޭރު ހުންނަނީ މޫނުގައި މާސްކެއް އަޅައިގެންނެވެ.
ސޯޝަލް މީޑިިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ގަހަނާތައް ބަހައްޓާފައި ހުންނަ ސްޓްރޯންގް ރޫމް ތެރޭގައި ފިހާރައިގެ ވެރިމީހާ އަށް އެ ދެ މީހުން ހަމަލާ ދޭ ތަނެވެ. ހަމަލާ ދޭ ދެ މީހުންގެ ތެރެއިން އެކަކު ފިސްތޯލައެއް ގެންގުޅޭތީ ވެސް ފެނެ އެވެ.
ފިހާރައިގެ ވެރިމީހާ އެ ދެ ވަގުންގެ ކިބައިން ސަލާމަތް ވެސް ވާން ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު މުގުރިމިރުސް ސޭޓުގެ ޖަހާފައި ދެ ވަގުން ފިލީ 25 ލައްކަ ރުޕީސްގެ ގަހަނާ އާއި ފިހާރައިގައި ހުރި 4 ލައްކަ ރުޕީސް ވެސް ހިފައިގެންނެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށް ތަހުގީގު ފެށުމާ އެކު، ފާހަގަ ކުރެވުނު އެއް ކަމަކީ ބިރު ދައްކަން ގެންގުޅުނު ބަޑިއަކީ ކުޅޭކުޅޭ ބަޑިއެއް ކަމެވެ. ވަގުން ދިޔައީ ސްޓްރޯންގް ރޫމްތެރެ އަށް ބަޑި ދޫކޮށްލައިފަ އެވެ.
މި ހާދިސާއާ ގުޅިގެން ފިހާރައިގެ ވެރިޔާ ޖަޔަރާމް، 32، އަށް ހޮސްޕިޓަލުން ފަރުވާ ވެސް ދޭން ޖެހުނެވެ.
ސީސީޓީވީ ފްޓެޖް ހައިދަރްބާދުގެ ހުރިހާ ޕޮލިސް ޕޯސްޓަކަށް ފޮނުވައި، ދެ ވަގުން ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.