05 ޖުލައި 2018 - 15:23

މާލޭގެ ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު އަލުން ހުޅުވައިލަނީ، މި ސަރުކާރުން ހުޅުވައިލި 7،000 ފްލެޓުގެ މަޝްރޫއުން އެއްވެސް މީހެއްގެ ހައްގު ގެއްލުވައިނުލުމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން އައި، ދަފްތަރު ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން އެ ކައުންސިލާއި އިދިކޮޅު ޕާޓީތަކުގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެއީ، ރިޔާސީ އިންތިޚާބުގެ ވޯޓު "ގަޑުބަޑުކުރަން" ކުރާ ކަމެއްގެ ގޮތުގައި ސިޓީ ކައުންސިލުން ތުހުމަތު ކޮށްފައިވާއިރު މި މަހުގެ 1 ގެ ފަހުން ދަފްތަރުގައި ރަޖިސްޓްރީވާ މީހުންނަށް ވޯޓު ލުމުގެ ހައްގު ގެއްލިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެކަމަކު، ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ވަނީ ސިޓީ ކައުންސިލްގެ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަފްތަރުގައި ރަޖިސްޓްރީވާން އަލުން ހުޅުވައިލީ، ބޯހިޔާވަހިކަމަށް ހުޅުވައިލި މަޝްރޫއުން އެއް ބަޔަކަށް ފުރުސަތު ގެއްލޭ ކަމަށް ކުރި ޝަކުވާތަކާ ގުޅިގެން، އެކަމާ މެދު މަޝްވަރާކޮށް، ހައްލެއް ހޯދައި ދިނުމަށެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތައް 17 ކެޓަގަރީއަކަށް ބަހައިލި އިރު، ކައިވެނި ކޮށްގެން އުޅޭ އުމުރުން 18-40 ދެމެދުގެ މީހުންނަށް ކެޓަގަރީއެއް ޚާއްސަކުރުމަކީ 40 އަހަރުން މަތީގެ މީހުންނަށް ފުރުސަތު ގެއްލޭނެ ކަމަށް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މުއިއްޒު ވިދާޅުވީ އެ ކެޓަގަރީން ފުރުސަތު ނުލިބޭ މީހުން ދަފްތަރުގައި ރަޖިސްޓްރީ ކޮށްގެން މިހާރު ފްލެޓަށް ހުށަހެޅޭނެ ކަމަށެވެ. ދަފްތަރު ކެޓަގަރީ އަށް 1،044 ފްލެޓް ހާއްސަކޮށްފައިވެ އެވެ.
"ރައީސުލްޖުމްހޫރިއްޔާ މި ނިންމެވި ނިންމެވުމަކީ، މާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް، މިހާރު ހުޅުވާލާފައިވާ މަޝްރޫއުން ފުރުސަތު ހުޅުވައިލީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަފްތަރު ހުޅުވައިލިއަސް ވޯޓުލުމުގެ ހައްގެއް ނުގެއްލޭނެ އެވެ. އެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
ދަފްތަރުގައި ޖައްސައިފި ނަމަ އައިޑީ ކާޑު ބަދަލުކުރަން ޖެހެ އެވެ. އެއާއެކު، އައިޑީ ކާޑުގެ މައުލޫމާތު ބަދަލުވެ، އިންތިޚާބުގައި ވޯޓެއް ނުލެވޭނެ އެވެ.
އެކަމަކު، މުއިއްޒު ވިދާޅުވި ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީ ވާން އަންނަ ބުދަ ދުވަހު ހުޅުވައިލި ނަމަވެސް އިންތިޚާބުގެ ކުރިން ދަފްތަރަށް އެއްވެސް ބަދަލެއް މިނިސްޓްރީއަކުން ނުގެންނާނެ އެވެ.
"މި ހުޅުވައިލާ ފުރުސަތުގައި، ފޯމުތައް ލިބުނީމަ އެ ކަންކަން ޗެކްކުރަން ވެސް ވަގުތު ބޭނުންވާނެ. އެހެންވީމަ ސެޕްޓެމްބަރު 23 އާ ހަމައަށް އަޅުގަނޑުމެން ދަފްތަރު އަޕްޑޭޓެއް ނުކުރާނެ. ދަފްތަރުގައި ރަޖިސްޓްރީކޮށްފައި ނަމްބަރެއް ދޭނީ، އިންތިޚާބުގެ ފަހުން،" މިނިސްޓަރު ވިދާޅުވި އެވެ.
ދަފްތަރު ހުޅުވާލައި، މިނިސްޓްރީން އަމަލުކުރަން ނިންމާފައިވާ ގޮތް އިލެކްޝަންސް ކޮމިޝަނާ ވެސް މިހާރު ވަނީ ހިއްސާކޮށްފަ އެވެ. މިކަމާ ދޭތެރޭގައި އެ ކޮމިޝަނުގެ ވެސް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިކޮށްދޭން އުޅޭ ކަމަކީ، ދަފްތަރުގައި ރަޖިސްޓްރީ ވާން ފޯމުލީމާ، އެ ބޭފުޅަކަށް މާލެ އަށް މި ފަހަރު ހުޅުވާލާފައި މިވާ ކެޓަގަރީތަކުގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި ފަރާތްތަކަށް، ދަފްތަރަށް ޚާއްސަކުރެވިފައިވާ ކެޓަގަރީ އަށް ފޯމު ލެވޭނެ ގޮތް މި ހަދައިދެނީ،" މުއިއްޒު ވިދާޅުވި އެވެ.
ދަފްތަރުގައި ރަޖިސްޓްރީ ވާން ޖެހޭ މައުލޫމާތުތަކާ އެކު ފޯމު ހުށަހެޅުމުން ސްލިޕެއް ލިބޭނެ ކަމަށާއި އެ ސްލިޕާއެކު ފްލެޓަށް ފޯމު ލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީކުރުން މީގެ އަށް އަހަރު ކުރިން ފެށިގެން ސިޓީ ކައުންސިލުން ވަނީ ހުއްޓާލައިފަ އެވެ. އެންމެ ފަހުން 2009 ވަނަ އަހަރު ދަފްތަރުގެ މައުލޫމާތު ސައްހަ ކުރި ފަހުން އެއްވެސް ބަދަލެއް ނާދެ އެވެ.
މިނިސްޓަރު ވިދާޅުވީ، އަލަށް ދަފްތަރުގައި ރަޖިސްޓްރީ ކުރާ މީހުންނަށް ޕޮއިންޓް ލިބޭނީ މަދުންތޯ ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެކަމާ މެދު ވެސް މަޝްވަރާކޮށް، ނިންމާފައި މިއޮތީ، މިހާތަނަށް ދަފްތަރުގައި ރަޖިސްޓްރީވީ ފަރާތްތައް ވެސް ހިމެނޭ ގޮތަށް އަދި އަލަށް މި ފުރުސަތުދޭ މީހުންނާ އެކު އެންމެންނަށް، މާލޭގައި ދިރިއުޅުނު މުއްދަތު އެ ބޭފުޅުން އަމިއްލަ އަށް އަޅުގަނޑުމެންނަށް ސާބިތުކޮށްދޭން ހެކި ބަހާ އެކު އެ ދެއްވާ ބަޔާން ފޯމާއެކު ހުށަހަޅަން. މާލޭގައި އުޅުނު މުއްދަތު އަމިއްލަ އަށް އަށް ސާބިތުކޮށްދޭ ގޮތަށް ލިއުން ފޯމާއެކު ހުށަހަޅަން އަޅުގަނޑުމެން ފުރުސަތު ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
"މިހާތަނަށް ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި ފަރާތްތަކަށް ވެސް މިސާލަކަށް ބައެއް ބޭފުޅުން 25 އަހަރު މާލޭގައި އުޅެފައި އެކަމަކު ދަފްތަރުގައި ރަޖިސްޓްރީވީތާ އަދިވީ 10 އަހަރު. އެހެންވެއްޖިއްޔާ އެ ބޭފުޅާ ރަޖިސްޓްރީ ކުރިން ނުވި 15 އަހަރު އެ ބޭފުޅަކަށް ފުރުސަތު މިދެނީ ސާބިތުކޮށްދޭން ގާނޫނީ ގޮތުން ކޯޓުތަކަށް ވެސް ބަލައިގަނެވޭނެ ފަދަ ބަޔާނެއް ހުށަހަޅަން."
މުއިއްޒު ވިދާޅުވި ގޮތުގައި ހެކިބަހާ އެކު ހުށަހަޅާ ގާނޫނީ ގޮތުން ބަލައިގަނެވޭ ސައްހަ ބަޔާނަށް ނުވަތަ ލިއުމަށް ބަލާފައި އެ ބޭފުޅަކަށް މުއްދަތު ގުނާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
"އޭރަށް ބަޔާނުގައިވާ އަހަރަށް ބަލާފައި ޕޮއިންޓް ދޭނީ. އޭރަށް ދަފްތަރު ކެޓަގަރީގައި ކުރިމަތިލާ އެންމެންނަށް އެ ދެވުނީ ހަމަހަމަ ފުރުސަތެއް. އެ ބޭފުޅެއްގެ އަތްމައްޗަށް މި ދޫކޮށްލަނީ އެކަން ބަޔާންކޮށްދޭން،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަފްތަރު ކެޓަގަރީ އަށް ބަދަލު ގެނައީ، ދެފުށްފެންނަ، ގާނޫނީ ގޮތުން ވެސް ޖަވާބުދާރީވެވޭނެ ނިޒާމެއްގެ ތެރެއިން ކަމަށެވެ.