31 ޖުލައި 2016 - 01:51

ޓެކްސަސް (ޖުލައި 31) - ސޯޅަ މީހުންނާ އެކު، ހޫނު ވައިން ދުއްވަމުން ދިޔަ ބެލޫނެއް އެމެރިކާގެ ޓެކްސަސް އަށް ވެއްޓި އޭގައި ތިބި އެންމެން މަރުވެއްޖެ އެވެ.

ޓެކްސަސްގެ ކޯލްޑްވެލް ކައުންޓީން ބުނީ އިމަޖެންސީ ކްރޫންނަށް އެ ހިސާބަށް ދިޔަ އިރު ބެލޫންގެ ބާސްކެޓުގައި އަލިފާން ހިފާފައިވާ ކަމަށެވެ. ބެލޫންގައި އަލިފާން ރޯވި ސަބަބެއް ނޭނގެ އެވެ. އެކަމަކު ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެ ބެލޫން ކަރަންޓް ކޭބަލެއްގައި ޖެހިފައިވާ ކަމަށެވެ.
ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން ބުނެފައި ވަނީ މި ހާދިސާ ތަހުގީގު ކުރުމުގައި އެ ފަރާތުން އިސް ރޯލެއް އަދާކުރާނެ ކަމަށެވެ.
ނޭޝަނަލް ޓްރާންސްޕޮޓޭޝަން ބޯޑުން މީގެ ދެ އަހަރު ކުރިން ވަނީ ހޮޓް އެއާ ބެލޫން ފްލައިޓްތަކުގެ ގަވާއިދު ހަރުދަނާ ކުރުމަށް ގޮވާލައިފަ އެވެ. ސަބަބަކީ ހޮޓް އެއާ ބެލޫން ފްލައިޓްތަކުގެ އެކްސިޑެންޓްތައް ގިނަވަމުން ދާތީ އެވެ.
ފެބްރުއަރީ 2013 ގައި މިސްރުގައި ވަނީ ހޮޓް އެއާ ބެލޫނެއްގައި އަލިފާން ރޯވެ 19 ޓޫރިސްޓުން މަރުވެފަ އެވެ. ސްލޮވޭނިއާގައި 2012 ވަނަ އަހަރު ވަނީ އެއާ ބެލޫނެއް ކަރަންޓް ނަރެއްގައި ޖެހި ހަ މީހުން މަރުވެފަ އެވެ. އަދި ހަމަ އެ އަހަރު ނިއު ޒީލެންޑުގައި ވެސް ވަނީ އެއާ ބެލޫނެއް ކަރަންޓް ނަރެއްގައި ޖެހި 11 މީހުން މަރުވެފަ އެވެ.