25 މެއި 2016 - 13:02

ކުރީގެ "ހަވީރު" ޓީމު "މިހާރު"އާ އެކު އެނބުރި އައުން އެކަކު ސިފަކުރީ މިހެންނެވެ.

"އެހާރުގެ ރަން ހަވީރަށް ހިތި ނިމުން އައުމަކީ ދެރަވި ކަމެއް، "މިހާރު" ކިޔޭ ކަމީ އެ ހަނދާން ފިލާގޮސް މާ އުފާވި ކަމެއް"ގެ ގޮތުގަ އެވެ.
ސެންޓްރަލް ހޮޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި "މިހާރު" ލޯންޗް ކުރުމާ އެކު އެތައް ބައެއްގެ އިންތިޒާރަށް ނިމުން އައިސް، ތައުރީފާއި ލޯބި އަންނަނީ ލިބެމުންނެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި "މިހާރު" ފެށުމުން "މިނިވަން ނޫސްވެރިކަމުގެ ހުޅުކޮޅު ދިއްލިއްޖެ" އެވެ.
"މިހާރު"ގެ ވެބްސައިޓާއި ނޫސް ލޯންޗްކުރުމާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ "މިހާރު" އަށް ތައުރީފްކޮށް ޝުއޫރު ފާޅު ކުރަމުންނެވެ. ކޯޓު އަމުރެއްގެ ދަށުން "ހަވީރު" ހުއްޓައިލުމާ އެކު ނޫސް ކިޔަން ފޫހިވެފައި ތިބި އެތައް ބަޔަކަށް "މިހާރު"އާ އެކު ހިތްހަމަޖެހުން ލިބިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ލިއެފައިވެ އެވެ.
ހެޔޮއެދޭ މެސެޖްތަކުން އުފާ ފާޅުކުރަމުން އަންނައިރު ޅެން ބައިތުތަކުން ވެސް "ޓީމު އެކެއް"ގެ ފެށުން އަންނަނީ ފާހަގަކުރަމުންނެވެ.
ދިވެހި ބަހަށް ހިދުމަތް ކުރައްވަމުން ގެންދަވާ އަންވަރު އިބްރާހީމް، "ޓީމު އެކެއް"ގެ އެނބުރި އައުން ޅެން ބައިތަކުން ސިފަކުރީ މިހެންނެވެ.
އެންމެ ގިނަ ބަޔަކު ފާހަގަކުރި އެއް ކަމަކީ ވެބްސައިޓްގެ ލޭއައުޓް އެހެން ނިއުސް ވެބްސައިޓްތަކާ އަޅައިބަލާއިރު ބަލާލަން ފަސޭހަވުމެވެ. ބައެއް މީހުން ބުނިގޮތުގައި ވެބްސައިޓް ފަރުމާކޮށްފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓް ފޯމުގައި ކިޔުންތެރިންނާ ވީހާވެސް ބޮޑަށް ގާތްކަން ބޭއްވޭނެ ގޮތަށެވެ.
"މިހާރު" ލޯންޗްކުރުމާ އެކު ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ޓްރެންޑްވަމުން އަންނަ ހޭޝްޓެގް ތަކުގެ ތެރޭގައި "ޓީމު އެކެއް"، "މިހާރު" އަދި "މިހާރު ނިއުސް" އެވެ. އަދި މިހާރުގެ ފޭސްބުކް ޕޭޖަށް ވެސް ކުޑައިރުކޮޅެއްގެ ތެރޭގައި 7،000 އަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފަ އެވެ.
"މިހާރު"ގެ ފޭސްބުކް ޕޭޖްގެ ޔޫއާރްއެލް އަކީ www.facebook.com/mihaaru އެވެ. އަދި ޓްވިޓާ ހޭންޑްލް އަކީ Mihaarunews އެވެ.