05 ޖުލައި 2018 - 13:28

ތެހެރާން (ޖުލައި 5) - އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށް އެމެރިކާ އިން ކުރިމަތިކުރާ ބިރުތަކަށް ކުޑަކޮށް ވެސް ޖެހިލުން ނުވާ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ރޫހާނީ އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވައިގެން ދެން ވާނެ ގޮތްތަކަކާ މެދު އެމެރިކާ އިން ވިސްނާފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.
"އެމެރިކާ އިން ބުނަމުން އެދަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް ސުމަކަށް ތިރިކުރާނެ ކަމަށް. އޭގެ މާނައަކީ އެކަމުގެ ގެއްލުންތަކާ މެދު އެމެރިކާ އެއްގޮތަކަށް ވެސް ވިސްނާފައި ނުވާކަން،" ރޫހާނީ ވިދާޅުވި އެވެ. "އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވައިފި ނަމަ ތެލުގެ އަގު މައްޗަށް ދާނެ."
ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވިކިވުމަށް ފަހު ރައީސް ޑޮނަލްޑް ޓްރަމަޕް މިހާރު ގެންދަވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މި ގޮތުން އީރާނުން ތެޔޮ ނުގަތުމަށް ދަނީ ގައުމުތަކަށް ޕްރެޝަރު ކުރަމުންނެވެ. އެމެރިކާ އިން މަސައްކަތް ކުރަމުން ދަނީ ނޮވެމްބަރު 4 ވަނަ ދުވަހުން ފެށިގެން އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުމަކަށް ގެނައުމަށެވެ.
ރޫހާނީ ވިދާޅުވީ އެމެރިކާ އިން މަސައްކަތް ކުރަމުން ދަނީ އީރާނާ ދެކޮޅަށް ޖިނާއީ އުދުވާނެއް ހިންގަން ކަމަށާއި އެކަމަކު މިކަމުން އީރާނަށް ސަލާމަތް ވެވޭނެ ކަމަށެވެ.
އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާ ނަމަ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފާނެ ކަމުގެ އިންޒާރު އީރާނުގެ އޮފިޝަލުން ކުރިން ވަނީ ދީފަ އެވެ.
އެމެރިކާ އިން ދަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމުން މަދުވައިބައި ހަމަޖެއްސުމަށް ސައުދީގެ ތެލުގެ އެކްސްޕޯޓް މައްޗަށް ޖައްސަން މަސައްކަތް ކުރަމުންނެވެ.