އަނެއްކާ ވެސް ޓީވީ އެކްޓަރަކަށް ބޮލީވުޑުން ފުރުސަތު ލިބިއްޖެ
އަނެއްކާ ވެސް ޓީވީ އެކްޓަރަކަށް ބޮލީވުޑުން ފުރުސަތު ލިބިއްޖެ

ފިލްމްތަކުން ޓީވީ ބަތަލުންނާއި ބަތަލާއިންނަށް ލިބޭ ފުރުސަތުތައް ވެސް މިހާރު ގިނަ އެވެ. މި ލިސްޓަށް މިހާރު އިތުރުވާ އެކްޓަރަކީ ސޮނީން މިހާރު ދައްކާ ސިލްސިލާ "ޔޭ އުން ދިނޯން ކީ ބާތު ހޭ" ގައި ސަމީރް މަހޭޝްވަރީގެ ރޯލް ކުޅޭ ރަންދީޕް ރާއީ އެވެ.

އަނެއްކާ ވެސް ޓީވީ އެކްޓަރަކަށް ބޮލީވުޑުން ފުރުސަތު ލިބިއްޖެ
އަނެއްކާ ވެސް ޓީވީ އެކްޓަރަކަށް ބޮލީވުޑުން ފުރުސަތު ލިބިއްޖެ

އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ "ސަރޯޖް ކާ ރިޝްތާ" އެވެ. މި ފިލްމަކީ ޝާހިދު ކަޕޫރްގެ އެއްބަފާ އަންހެން ކޮއްކޮ ސަނާ ބަތަލާގެ ރޯލް ކުޅޭ ފިލްމެކެވެ. ސަނާ، 26، ބޮލީވުޑަށް ނުކުތީ ބޭބެ ޝާހިދާއި އާލިއާ ބަޓް ލީޑް ރޯލް ކުޅުނު 2015 ގެ ފްލޮޕް ފިލްމް "ޝާންދާރް" ގެ ސަޕޯޓިން ރޯލަކުންނެވެ.

އޭނާގެ ދެވަނަ ފިލްމްގައި މުހިއްމު ރޯލަކުން ފުރުސަތު ލިބުމުން އުފަލުން ހުރި ރަންދީޕް ބުނީ ބޮލީވުޑުން ފުރުސަތެއް ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

"އެ ފިލްމުން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ނަސީބެއްގެ ގޮތުގައި އަހަރެން ދެކެނީ. އަދި މިއީ ފެށުމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު،" އޭނާ ބުންޏެވެ.

ރަންދީޕް، 25، ވަނީ "ސަރޯޖް ކާ ރިޝްތާ" އިން ފުރުސަތު ދިނުމުން ފިލްމްގެ ޑައިރެކްޓަރު އަބީޝެކް ސަކްސޭނާ އަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

އޭނާ ކުޅެފައިވާ އިތުރު ސިލްސިލާތަކުގެ ތެރޭގައި "ޔޭ ހޭ އާޝިގީ"، ޕިޔާރް ތޫނޭ ކިޔާ ކިޔާ" އަދި "ދިޔާ އޯރް ބާތީ ހަމް" ހިމެނެ އެވެ.

މިހާރު ޝޫޓިން ފަށާފައިވާ "ސަރޯޖް ކާ ރިޝްތާ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ވަނީ ފިލްމްގެ ފަސްޓްލުކް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.