ރަޝިޔާ ސަރުކާރަށް ވެސް ހެކަރުންގެ ހަމަލާއެއް އަމާޒުކޮށްފި
ރަޝިޔާ ސަރުކާރަށް ވެސް ހެކަރުންގެ ހަމަލާއެއް އަމާޒުކޮށްފި

މޮސްކޯ (ޖުލައި 31) - އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ އެކި ގުނަވަންތަކުގެ ކޮމްޕިއުޓާ ނެޓްވޯކްތަކަށް ރަޝިޔާގެ ހެކަރުން ވަދެ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށް ރަޝިޔާ ސަރުކާރުގެ އެކި މުއައްސަސާތަކަށް ވެސް ޕްރޮފެޝަނަލް ސައިބާ ހަމަލާއެއް ދީފައިވާ ކަމަށް އެ ގައުމުގެ ޖާސޫސީ އިދާރާ އިން ބުނެފި އެވެ.

ރަޝިޔާ ސަރުކާރަށް ވެސް ހެކަރުންގެ ހަމަލާއެއް އަމާޒުކޮށްފި
ރަޝިޔާ ސަރުކާރަށް ވެސް ހެކަރުންގެ ހަމަލާއެއް އަމާޒުކޮށްފި

ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ބުނީ ސަރުކާރުގެ 20 މުއައްސަސާއެއްގެ ނެޓްވޯކުން "ސައިބާ ޖާސޫސީ ވައިރަސް" ފެނިފައިވާ ކަމަށެވެ. ރަޝިޔާގެ ނެޓްވޯކަށް ހަމަލާދިނީ ކާކު ކަމެއް އެފްއެސްބީއަކުން ނުބުނެ އެވެ. ނަމަވެސް ބުނެފައި ވަނީ މިއީ ވަރަށް ބޮޑަށް ރާވައިގެން ސަރުކާރުގެ ވަކި މުއައްސަސާތަކަށާއި ސައެންސް އަދި ދިފައީ ކުންފުނިތަކަށް އަމާޒުކޮށްފައިވާ ހަމަލާއެއް ކަމަށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ އެމެރިކާގެ ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީ (ޑީއެންސީ) އާއި ޑިމޮކްރެޓިކް ކޮންގްރެޝަނަލް ކެމްޕެއިން ކޮމިޓީގެ ނެޓްވޯކް ހެކްކޮށްފަ އެވެ. މި ތުހުމަތު އަޅުވާފައި ވަނީ ރަޝިޔާގެ ބޮލުގަ އެވެ. އަދި މި ކަމުގެ އަޑީގައި ހުންނެވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު މޮސްކޯ އިން ބުނެފައި ވަނީ މިއީ އެމެރިކާ އިން ދައްކާ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ. ޓްރަމްޕް ވެސް ވިދާޅުވެފައި ވަނީ އޭނާއާ ރަޝިޔާއާ ގުޅުމެއް ނޯންނާނެ ކަމަށެވެ.

އެފްބީއައި އިން ބުނެފައި ވަނީ ހިލަރީ ކްލިންޓަންގެ ކެމްޕޭނަށް އަމާޒުކޮށް ހެކްކުރި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.