ސުޝާންތު ސިންގް ފިލްމެއް ޑައިރެކްޓް ކުރަނީ
ސުޝާންތު ސިންގް ފިލްމެއް ޑައިރެކްޓް ކުރަނީ

ސުޝާންތު ސިންގް ރާޖްޕޫތު ޑައިރެކްޝަނާ ދިމާއަށް ވެސް މިސްރާބު ޖަހަން ނިންމައިފި އެވެ.

މިހާރު ވެސް ކުޅޭނެ ގިނަ ފިލްމްތަކެއް ކިއުގައި ހުރި އެކްޓަރު ޑައިރެކްޝަނަށް ނުކުންނަން ނިންމީ އޭނާ އެސްޓްރޮނޯޓެއްގެ ރޯލް ކުޅެން ސޮއި ކުރި ފިލްމް "ޗަންދާ މާމާ ދޫރް ކޭ" ގެ މަސައްކަތް ނުފެށި ދިގުލައިގެން، ދިއުމާ ގުޅިގެން، އެފަދަ ފިލްމެއް ބެލުންތެރިންނަށް ގެނެސް ދިނުމުގެ ޝައުގުވެރިކަން ބޮޑުކަމުންނެވެ.

ސުޝާންތާ އެކު ނަވާޒުއްދީން ސިއްދީގީ އާއި އާރް މަދަވަން ވެސް ކާސްޓަށް ލައިގެން ސަންޖޭ ޕްރާން ސިންގް ޗޯހަން ހަދަން އުޅުނު "ޗަންދާ މާމާ ދޫރް ކޭ" ގެ ތަމްރީނުތަކެއް ވެސް މިދިޔަ އަހަރު އެމެރިކާގެ ނާސާގައި ބޭއްވި އެވެ.

އެކަމަކު އެކިއެކި ކަންކަމާ ހުރެ، މި ފިލްމްގެ މަސައްކަތް މިހާތަނަށް ފެށޭ ގޮތް ނުވެ، ސުޝާންތު ސޮއިކޮށްފައި ހުރި އެހެން ފިލްމްތަކަށް ވަގުތު ދޭން ތާށިވާން ފެށުމުން އޭނާ ވަނީ މިހާރު "ޗަންދާ މާމާ ދޫރް ކޭ" ނުކުޅެން ނިންމައި ފިލްމް ދޫކޮށްލައިފަ އެވެ.

ސުޝާންތު، 32، ޑައިރެކްޓްކޮށް، އެސްޓްރޮނޯޓެއްގެ ރޯލް ކުޅޭ ފިލްމްވެގެން ދާނީ ވެސް ހަނދަށް ކުރާ ދަތުރެއްގެ ވާހަކަ ކިޔައިދޭ ޖައްވީ ފިލްމަކަށެވެ. މި ފިިލްމް ޕްރޮޑިއުސް ކުރަނީ އޭނާގެ އިންސައީ ވެންޗާޒް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެ ސްޓޫޑިއޯގެ ކޯ-ފައުންޑަރު ވަރުން މާތޫރް ބުނީ ސުޝާންތު ޖައްވީ ފިލްމެއް ހަދަން ދޭ ޝައުގުވެރިކަމާ އެކު، އެފަދަ ފިލްމެއް ހަދަން އޭނާ ވެސް ވަރަށް ބޭނުންވާ ކަމަށެވެ. އެހެންވެ ސުޝާންތާ އެކު މި ޕްރޮޖެކްޓްގައި މަސައްކަތްކޮށްލަން ލިބުމުން ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ފުރިހަމަ އަދި މޮޅު ފިލްމެއް ގެނެސް ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވަރުން ބުންޏެވެ.

އަންނަ އަހަރުގެ ފެބްރުއަރީ 8 ގައި ރިލީޒް ކުރާ ސުޝާންތުގެ "ސޯން ޗިޅިޔާ" ގެ ޕޯސްޓަރު ވެސް މިހާރު ދައްކާލައިފައިވާ އިރު، އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި "ޑްރައިވް"، "ކެދަރްނާތު"، "ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކިން އަދި ނިތޭޝް ތިވާރީގެ އާ ފިލްމް ހިމެނެ އެވެ.

މި ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒް ކުރާނެ ކަމަށް ބެލެވެނީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ތަރުން މަންސުކާނީ ޑައިރެކްޓް ކުރާ "ޑްރައިވް" އެވެ. އެ ފިލްމް އަންނަ ސެޕްޓެމްބަރު 7 އަށް ތާވަލުކޮށްފައި އޮތް ނަމަވެސް، ފިލްމްގެ މަންޒަރުތަކެއް އަލުން ޝޫޓް ކުރަން ޖެހިގެން ފިލްމް ލަސްވެދާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެކަމަކު ކަރަން ޖޯހަރްގެ ދަރްމާގެ ކުރިއަށް ހުރި ފިލްމްތައް ރިލީޒް ކުރާ ތާރީހުތަކުގެ ލޯޔަލްޓީ ކާޑް ޓްވިޓާގައި ހިއްސާ ކުރި އިރު، "ޑްރައިވް" އޮތީ ހަމަ ސެޕްޓެމްބަރު 7 ގައި ރިލީޒް ކުރާ ގޮތަށްކަން ފާހަގަކޮށްލެވެ އެވެ.