އިންޑަސްޓްރިއަލް ވިލެޖުގައި ވަގުތީ ޕެޓްރޯލް ޝެޑެއް
އިންޑަސްޓްރިއަލް ވިލެޖުގައި ވަގުތީ ޕެޓްރޯލް ޝެޑެއް

ސައިކަލަށް ޕެޓްރޯލް އެޅުމަށް ޚާއްސަކޮށްގެން އިންޑަސްޓްރިއަލް ވިލެޖުގައި އެސްޓީއޯ އިން ވަގުތީ ޕެޓްރޯލް ޝެޑެއް ރޭ ހުޅުވައިފި އެވެ.

އެސްޓީއޯ އިން ބުނީ ރޭން ފެށިގެން އެ ޕެޓްރޯލް ޝެޑްގެ ޚިދުމަތް އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ތަނުގައި ސައިކަލުތަކަށް ޕެޓްރޯލް އަޅަން ދެ ޕަމްޕު ބަހައްޓާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ވަގުތީ ޕެޓްރޯލް ޝެޑެއް ހުޅުވީ ބޮޑުތަކުރުފާނު މަގުން ބްރިޖާ ގުޅޭ ހިސާބަށް އެ މަގު ފުޅާ ކުރުމުގެ މަސައްކަތް މިހާރު ކުރާތީ، އެ މަގުގައި ހުރި ދެ ޕެޓްރޯލް ޝެޑް ކައިރީގައި ކިއު ދިގުވެ، ޓެރްފިކަށް ބާރުބޮޑުވަމުން އަންނާތީ އެ މައްސަލަ ހައްލު ކުރުމަށް ކަމަށް އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

މާލޭގައި އާންމުކޮށް ހިންގަމުން އަންނަނީ އައިޖީއެމްއެޗް ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑާއި، ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑުގެ އިތުރުން ސްޓެލްކޯގެ ދެކުނުން ހުންނަ ޕެޓްރޯލް ޝެޑެވެ. ސްޓެލްކޯގެ ދެކުނުން ހުންނަ ޝެޑް މިހާރު ވަނީ ހަމައެކަނި ހަތަރުފުރޮޅުލީ އުޅަނދުތަކަށް ޕެޓްރޯލް އަޅާ ތަނަކަށް ބަދަލު ކޮށްފަ އެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތުގެ ދެކުނުގައި ކުރިން ހުރި ވިލާގެ ޕެޓްރޯލް ޝެޑް، އެ ހޮސްޕިޓަލް ހުޅުވަން ތައްޔާރުވުމުގެ ގޮތުން މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެ ކުންފުނިން ބުނީ، އިންޑަސްޓްރިއަލް ވިލެޖުގައި ޕެޓްރޯލް ޝެޑެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.