ކޮލަމްބިއާގެ ކުޅުންތެރިއަކަށް މަރުގެ އިންޒާރު!
ކޮލަމްބިއާގެ ކުޅުންތެރިއަކަށް މަރުގެ އިންޒާރު!

ބޮގޯޓާ (ޖުލައި 5) - މި ފަހަރުގެ ވޯލްޑް ކަޕުގައި ކޮލަމްބިއާ އަށް ކުޅުނު މިޑްފީލްޑަރު ކާލޮސް ސަންޗޭޒަށާއި އޭނާގެ އާއިލާގެ މެމްބަރުންނަށް މަރުގެ އިންޒާރުގެ މެސެޖުތައް ލިބެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕުން ކޮލަމްބިއާ ކެޓީ އަންގާރަ ދުވަހުގެރޭ ޕެނަލްޓީ ޖަހައިގެން އިންގްލެންޑް އަތުން ބަލިވުމުންނެވެ. ގްރޫޕް ސްޓޭޖުގައި ކޮލަމްބިއާ ކުޅުނު ފުރަތަމަ މެޗުގައި ޖަޕާނަށް ޕެނަލްޓީ ލިބުނީ ކާލޮސް ސަންޗޭޒް ބޯޅައިގައި އަތްލުމުންނެވެ. ސަންޗޭޒަށް ރަތް ކާޑު ދެއްކިއިރު، އެ މެޗުން ކޮލަމްބިއާ ވަނީ ބަލިވެފަ އެވެ. އަދި އިންގްލެންޑާ ދެކޮޅަށް ކުޅުުނު މެޗުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކީ ވެސް ސަންޗޭޒް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

"އޮންލައިންކޮށް ވެސް އާއިލާގެ މީހުންނަށް ވަނީ މަރުގެ އިންޒާރު ލިބިފައި. މެސެޖްތަކެއް ވެސް އައިސްފައި ހުރީ ސަންޗޭޒް މަރާލާނެ ކަމަށް،" ސަންޗޭޒްގެ އާއިލާ މެމްބަރަކާ ހަވާލާދީ ކޮލަމްބިއާގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

މަޝްހޫރު މީޑިއާއެއް ކަމަށްވާ ދި ގާޑިއަން އިން ރިޕޯޓްކުރާ ގޮތުގައި ސަންޗޭޒަށް ލިބިފައިވާ އިންޒާރުތަކުގެ ސަބަބުން ކޮލަމްބިއާ ފުލުހުން ވަނީ ތަހުގީގުތައް ފަށައިފަ އެވެ. ސަންޗޭޒްގެ އިތުރުން އިންގްލެންޑް މެޗުގައި ޕެނަލްޓީ ނާކާމިޔާބުވި ކޮލަމްބިއާގެ ކާލޮސް ބައްކާ އާއި މަޓެއަސް އޮރީބޯ އަށް ލިބިފައިވާ އިންޒާރުތަކެއްގެ މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

މީގެ ކުރިން ކޮލަމްބިއާ އިން ވަނީ ވޯލްޑް ކަޕުގައި ހިނގައިދިޔަ ކަމެއްގެ ސަބަބުން އެ ޓީމުގެ ކުޅުންތެރިއަކު މަރަލާއިފަ އެވެ. އެއީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކޮލަމްބިއާ މޮޅުވާން މަޖުބޫރު މެޗެއްގައި އެ ޓީމުގެ އަންދްރެސް އެސްކޮބާ އަތުން ބައިކޮޅަށް ވަން ގޯލަކުން އެމެރިކާ އަތުން ކޮލަމްބިއާ ބަލިވުމުންނެވެ. މުބާރާތުން ކޮލަމްބިއާ ކެޓިތާ 10 ދުވަސް ފަހުން އެސްކޮބާ ވަނީ މަރާލައިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ސްވިޑަންގެ ޖިމީ ޑާމާޒަށް ވެސް މަރުގެ އިންޒާރު ލިބުނު ކަަމަށް އޭނާ ވަނީ ބުނެފަ އެވެ. ސްވިޑަން އަތުން ޖަރުމަނު މޮޅުވި މެޗުގައި ސްވިޑެން ކޮޅަށް ޖަރުމަނުން ފަހު ވަގުތު ހިލޭ ޖެހުމަކުން ލަނޑު ޖެހިއިރު، އެ ފައުލުކުރީ ޑާމާޒް އެވެ. އޭނާ އަށް އިންޒާރު ދިނީ އެހެންވެ އެވެ.

މީގެ އިތުރުން މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއާ ދެކޮޅަށް ނައިޖީރިއާ ކުޅުނު މެޗު ފެށުމުގެ ކުރިން ނައިޖީިރިއާގެ ކެޕްޓަން ޖޯން އޮބީ މިކޭލްގެ ބައްޕަ ވަނީ ކިޑްނެޕް ކޮށްފަ އެވެ. ކިޑްނެޕް ކުރި މީހުން އެދުނީ މިކެލް އަތުން ފައިސާ ހޯދުމަށެވެ. އަދި އެކަން އެއްވެސް މީހަކަށް އަންގައިފި ނަމަ އޭނާގެ ބައްޕަ މަރާލާނެ ކަމަށް އެންގި އެވެ. ފުލުހުން ކުރި މަސައްކަތުން މިކޭލްގެ ބައްޕަ ހޯދުނީ ފަސް ދުވަސް ފަހުންނެވެ. މިއީ އޭނާގެ ބައްޕަ ކިޑްނެޕް ކުރި ދެ ވަނަ ފަހަރެވެ.