ކުޑަދޮރުން ވަންނަ އަޑު މަތަކުރާ ޓެކްނޮލޮޖީއެއް
ކުޑަދޮރުން ވަންނަ އަޑު މަތަކުރާ ޓެކްނޮލޮޖީއެއް

ތަރައްގީވެފައިވާ ހިސާބުތަކުން ލިބޭ ޚިދުމަތްތަކާއި ވަސީލަތްތަކާ އެއްވަރަށް އުނދަގުލާ ވެސް ކުރިމަތިލާން ޖެހެ އެވެ. އަޑުގަދަވުމާއި ވައި ނުސާފުވުމާއި މިފަދަ އެތައް ކަމެކެވެ.

ސިންގަޕޫރަކީ ކުޑަކުޑަ ގައުމެކެވެ. ސިންގަޕޯ ސިޓީއަކީ މައި ސަހަރެވެ. އެ މީހުންނަށް ވެސް ސަހަރުތަކުގެ ކިލަނބުކަމުގެ މިންވަރެއް އިހުސާސްކުރެވިފައިވުން އެކަށީގެންވެއެވެ. ސިންގަޕޫރުގެ ނަންޔާންގް ޓެކްނޮލޮޖިކަލް ޔުނިވަސިޓީން ދާދިފަހުން ވަނީ ސަހަރުތަކަށް އަމާޒުކޮށް، ކުޑަދޮރުގެ ތޭރިތަކުގައި ހަރުކުރާނެ އަޑު މަނާކުރާ އާލާތެއް އުފައްދައިފައެވެ. ބޭނުމަކީ މަގުމަތީ އަޑުތަކުން ގޭތެރޭގެ މާހައުލު ރައްކާތެރިކުރުމެވެ.

ނަންޔަންގް ޔުނިވަސިޓީގެ ތަހުލީލު ޓީމުން މި މަސައްކަތަށް ބޭނުންކުރީ ހެޑްފޯނުތަކާއި ކަންފަތު އުނގުރި އާއި ކާރު ފަދަ ތަކެތީގައި ބޭރުގެ އަޑުތައް މަޑުކުރަން ބޭނުންކުރާ ޓެކްނޮލޮޖީއެވެ. މިއީ މުޅީން އަޑު ކަނޑުވައިދޭ ސިސްޓަމެއް ނޫނެވެ. މި ސިސްޓަމް ތެރޭން ފޮނުވާލާ އަޑަކުން ބޭރުގެ އަޑުތައް ފަނޑުކޮށްލައިދޭ ސިސްޓަމެކެވެ.

މި ސިސްޓަމްގައި ބޭނުންކުރަނީ ކުޑަ މައިކަކާއި ސްޕީކަރަކާއި ޕްރޮސެސްކުރާ ޔުނިޓެކެވެ. ތަހުލީލުކުރާ މީހުން ބުނާ ގޮތުގައި މި ސިސްޓަމް އިތުރަށް ތަރައްގީކުރުމަށްފަހު ކުޑަދޮރުގައި އަޅުވައިގެން ބޭނުންކުރެވޭނެއެވެ.