އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ބޮޑެތި ބައެއް ކަންކަމާ ޖޭޕީން ދެކޮޅު
އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ބޮޑެތި ބައެއް ކަންކަމާ ޖޭޕީން ދެކޮޅު

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނެރުނު މެނިފެސްޓޯގައި ހުރި ބައެއް ބޮޑެތި ކަންކަމާ ތައާރަޒުވާ ހުށަހެޅުންތަކެއް، އެ ޕާޓީ ހިމެނޭ ކޯލިޝަންގެ އެއް ބަައިވެރިޔާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އާންމުކޮށްފި އެވެ.

އެމްޑީޕީން މިދިޔަ ހޮނިހިރު ދުވަހު އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ މެނިފެސްޓޯ ނެރެފައިވާއިރު، ޖުމްހޫރީ ޕާޓީން މިއަދު ވަނީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް އެ ޕާޓީން ހުށަހަޅާ މެނިފެސްޓޯ އާންމުކޮށްފަ އެވެ.

ޖޭޕީގެ ފައުންޑަރު ގާސިމް އިބްރާހީމް ސޮއިކުރައްވައި "ގުޅިފައިވާ ޕާޓީތަކަށް ޖުމްހޫރީ ޕާޓީން ހުށަހަޅާ ވައުދު" ގެ ނަމުގައި އާންމުކުރި މި ކަރުދާހާ ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަން ގައި މަޝްވަރާ ކޮށް އަދި ގޮތެއް ނުނިންމާ ކަމަށް ވެ އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހުށަހަޅާފައި ވިޔަސް، ޖުމްހޫރީ ޕާޓީން ޚިޔާލު ހުށަހެޅީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ނުކުރުމަށެވެ.

އަދި ރާއްޖޭގެ ކޯޓުތަކަށް ބޭރު ގައުމުތަކުގެ ފަނޑިޔާރުން ގެންނަން އެމްޑީޕީގެ މެނިފެސްޓޯގައި އޮތަސް، ޖޭޕީން ޚިޔާލު ހުށަހެޅީ އެއްވެސް ވަރަކަށް ބޭރުގެ ފަނޑިޔާރުން ރާއްޖެ ނުގެނައުމަށެވެ. ބޭރުގެ ފަނޑިޔާރުންނަށް ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށް އެމްޑީޕީގެ މެނިފެސްޓޯ ގައި ހިމެނުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން މިހާރު ވެސް ވަނީ އަމާޒުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ހުށަހެޅުމުގައި ވާ ގޮތުން، ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ ތަނެއްގެ ގޮތުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހަދަން ޖެހޭނެ އެވެ.

މީގެ އިތުރުން، ބާރުގަދަ ވިޔަސް އަދި ބާރު ކުޑަވިޔަސް، އެއްވެސް ބާވަތެއްގެ މަސްތުވާއެއްޗެއް ބަލައިނުގަތުމަށް ވެސް ޖޭޕީން ހުށަހަޅާފައިވެ އެވެ.

ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް އެއްވެސް ގޮތަކުން އުނިކަމެއް ނުގެނައުމަށާއި ރާއްޖެ އިން ބޭރުގެ ސިފައިން ރާއްޖެ ނުގެނައުމަކީ ވެސް ޖޭޕީގެ ހުށަހެޅުމެކެވެ. އަދި އިސްލާމްދީނަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރަން ވެސް އެ ޕާޓީން ހުށަހަޅާފައިވެ އެވެ.

ރާއްޖޭގެ އެއްވެސް އިންވެސްޓްމަންޓެއް ނުވަތަ އެއްވެސް ދޮރޯށްޓެއް އެއްވެސް ބައެއްގެ އަތްމައްޗަށް ދޫކޮށް ނުލުމަށާއި އެފަދަ ހުރިހާ އެއްޗެއް އަބަދުވެސް ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ބަހައްޓަން ޖެހޭނެ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ. އަދި ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ވެސް އަލުން އިސްލާހު ކުރަން ވެސް ޖޭޕީގެ ހުށަހެޅުމުގައިވެ އެވެ.

އުމުރުން 65 އަހަރުވީ މީހުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާއި ގާނޫނުއަސާސީގެ ރޫހާ ޚިލާފަށް ބަދަލު ކުރި ކަންކަން އިސްލާހު ކުރުމަކީ ވެސް ޖޭޕީގެ ހުށަހެޅުމެކެވެ. އެގޮތުން، އަސާސީ ހައްގުތަކާއި ޚިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައްގުތަކާއި ފަނޑިޔާރުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ފާސްކުރި ގާނޫނުތަކާއި ގަވާއިދުތައް އަލުން އިސްލާހު ކުރަން ޖެހޭނެ ކަމަށް ޖޭޕީގެ ހުށަހެޅުމުގައިވެ އެވެ. އަދި އަނިޔާ ލިބުނު ހުރިހާ މީހުންނަށް ދައުލަތުން ބަދަލު ދިނުމަކީ ވެސް އެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޚާރިޖީ ސިޔާސަތަށް ޖޭޕީން ހުށަހެޅި ހުށަހެޅުމަކީ ކޮމަންވެލްތްގައި ރާއްޖެ އިން އަލުން ބައިވެރިވެ، އެހެން ގައުމުތަކާ ގުޅުން ގާއިމް ކުރުމުގެ އިތުރުން މިނިވަން ޚާރިޖީ ސިޔާސަތެއް ގާއިމް ކުރުމެވެ.

ޖޭޕީގެ ހުށަހެޅުމުގައިވާ ގޮތުން، އިދިކޮޅު ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ގުޅިގެން އެއް މެނިފެސްޓޯއެއް އިއުލާން ކޮށް، ކޯލިޝަން ސަރުކާރުގައި މަސައްކަތް ކުރަން ވާނީ އޭގައި ހުރި ކަންކަން ތަންފީޒު ކުރުމަށެވެ. އަދި ވެރިކަން ކުރަން ވާނީ އެއްވެސް ޕާޓީއެއް ވަކި ނުކޮށް، ޚިޔާލު ތަފާތުވުން ތަކަށް އިހްތިރާމް ކޮށްގެން ކަމަށާއި ކޯލިޝަން ސަރުކާރުގެ ބޮޑެތި ހުރިހާ ނިންމުންތަކެއް ނިންމާނީ ކޯލިޝަންގެ އިސްވެރިން އުފައްދާ ކައުންސިލުން ފާސްކޮށްގެން ކަމަށް ވެސް އެ ޖޭޕީގެ ހުށަހެޅުންތަކުގައިވެ އެވެ.

ޖޭޕީން ބުނީ، އެއީ 2008 އަދި 2013 ގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ މަސައްކަތުން އުފެއްދި ސަރުކާރުތަކުގައި ކަންކަން ވި ގޮތުން މިހާރު އުފައްދާފައިވާ އިދިކޮޅު ކޯލިޝަންގެ އެއްބަސްވުމެއްގައި ޖޭޕީން ކޮންމެހެން ވެސް ހިމަނަން ބޭނުންވާ ކަންކަން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ގައުމަށް އެންމެ ހަމަޖެހޭ ގޮތަކަށް ކަމަށް އެ ހުށަހެޅުމުގައިވެ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމާ މެދު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ކޮންމެވެސް ވަރަކަށް ޚިޔާލު ތަފާތުވެ، އެކަން ލަސްވުމަށް ފަހު މިހާރު ވަނީ ކޯލިޝަންގެ ރިިޔާސީ ކެންޑިޑޭޓު ކަން އެމްޑީޕީ އަށް ދިނުމަށާއި ރަނިންމޭޓް ކަން ޖޭޕީ އަށް ދިނުމަށް އެއްބަސްވެފަ އެވެ. ކޯލިޝަން ކެންޑިޑޭޓަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނެރެން ނިންމާފައިވާއިރު، ރަނިންމޭޓަކަށް އައްޔަން ކުރާނެ ބޭފުޅަކު ޖޭޕީން އަދި ކަނޑައެއް ނާޅަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯ މިދިޔަ ހޮނިހިރު ދުވަހު އާންމު ކުރުމަށް ފަހު، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެފައި ވަނީ އެއީ އެމްޑީޕީގެ އެެއްޗެއް ކަމަށް ވިޔަސް، އެ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވަނީ ނަމަ އެ ފުރުސަތު އިދިކޮޅު ކޯލިޝަންގެ އެހެން ޕާޓީތަކަށް ދޭން ވާނެ ކަމަށެވެ. އަދި އެކަން ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ނަމަވެސް، އެމްޑީޕީގެ މައިގަނޑު އަސާސްތަކަށް އޭގެ ސަބަބުން އަސަރު ކުރާނެ އެއްވެސް ބަދަލެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނުގެންނާނަން،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް، އެ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި އިބޫ އިންތިޚާބު ކުރުމާ ގުޅިގެން ދެއްކެވި ވާހަކައިގައި އޭނާ ވިދާޅުވެފައި ވެ އެވެ.