އައިއެސްގެ ލީޑަރު ބަޣުދާދީގެ ފިރިހެން ދަރިއަކު މަރާލައިފި
އައިއެސްގެ ލީޑަރު ބަޣުދާދީގެ ފިރިހެން ދަރިއަކު މަރާލައިފި

ދިމިޝްގު (ޖުލައި 4) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީގެ ފިރިހެން ދަރިއަކު ސީރިއާ އިން މަރާލައިފި ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ހުދައިފާ އަލް ބަދުރީ މަރާލީ ސީރިއާ ސަރުކާރާއި ރަޝިޔާ ސިފައިންނާ ދެކޮޅު ކޮމާންޑޯ އޮޕަރޭޝަނެއްގައި އުޅެނިކޮށް ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

ބަޣުދާދީގެ އާއިލާއާ ބެހޭ ގޮތުން ހާމަކޮށްފައި ވަނީ މަދު މައުލޫމާތެކެވެ. އެކަމަކު އައިއެސްއާ ގުޅުން ހުރި ބައެއް ފަރާތްތަކުން ބުނެފައި ވަނީ ހުދައިފާ އުފަންވެފައި ވަނީ އިރާގުގެ ސަމައްރާ ސިޓީގައި 2000 ވަނަ އަހަރު އެވެ.

އައިއެސްގެ ލީޑަރު ބަޣުދާދީ ވީތަނެއް ވެސް ނޭނގެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިޔާގެ ހަމަލާތަކެއްގައި ބަޣުދާދީ ވަނީ މިދިޔަ އަހަރު މަރާލައިފަ އެވެ. ބަޣުދާދީ މަރުވެފައިވާ ކަމަށް މީގެ ކުރިން ވެސް ވަނީ އެކި ފަހަރު މަތިން ޚަބަރުތައް ފެތުރިފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ބަޣުދާދީގެ ޚަބަރެއްވެފައެއް ނުވެ އެވެ.

އެމެރިކާ އިން ވަނީ ބަޣުދާދީގެ ބޮލަށް 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.

އިރާގުގެ މޫސަލްގައި 2014 ވަނަ އަހަރު އައިއެސްގެ ޚިލާފަތު އިއުލާން ކުރީ ބަޣުދާދީ އެވެ. އޭގެ ފަހުން އެ ޖަމާއަތުން ދިޔައީ ސީރިއާ އާއި އިރާގުން ސިޓީތައް ހިފަމުންނެވެ. ނަމަވެސް އިރާގު ސިފައިން މިދިޔަ ޑިސެމްބަރު މަހު ވަނީ އައިއެސްގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ. އައިއެސް ބަލިކަށިވެ އެ ޖަމާއަތުގެ ބާރު މިހާރު އޮތީ ސީރިއާ އާއި އިރާގު ބޯޑަރު ގުޅޭ މަދު ސަރަހައްދެއްގަ އެވެ.